Roadha Mihaaru
އޮޑިޓް އޮފީހަށް 45 މިލިއަންގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓް އޮފީހަށް 45 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

20 އޮކްޓޯބަރ 2016

އަންނަ އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހަށް 45 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހަށް 45 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސް ކުރުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި އެ ބަޖެޓް ފާސް ކުރަން ނުފެންނަ ކަމަށް ހަ މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.

މާލިއްޔަތު ކޮމެޓީން އެ ގޮތަށް ނިންމީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް 60 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ހުށަހަޅާފައިވަނިކޮށެވެ. މިދިޔަ އަހަރު އެ އޮފީހަށް ދިނީ ގާތްގަނޑަކަށް 47 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ ބަލާއިރު ތިން މިލިއަން ރުފިޔާގެ ކުޑަ ބަޖެޓެކެވެ.

އެ ކޮމެޓީން ނިންމީ 45 މިލިއަން ރުފިޔާގެ އިތުރުން، އޮޑިޓް އޮފީހުން ބޭނުންވެއްޖެ ނަމަ ކޮމެޓީއާ މަޝްވަރާކޮށް، ދެ މިލިއަން ރުފިޔާ އަށް ވުރެ އިތުރު ނުވާ ވަރަށް ކޮންޓެންޖެންސީ ބަޖެޓުން އެ ފައިސާ ހަމަޖައްސައިދިނުމަށެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ހުށަހެޅި ބަޖެޓު ތަފްސީލުގައިވާ ގޮތުން އޮޑިޓާ ޖެނެރަލްގެ މުސާރައަށާއި އެހެނިހެން އިނާޔަތްތަކަށް ގާތްގަނޑަކަށް 800،000 ރުފިޔާ ހަރަދު ވާއިރު، މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށް 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ.

މީގެ އިތުރުން ޕެންޝަން ފައިސާގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާއިރު، މުވައްޒަފުން ތަމްރީނު ކުރުމަށް ތިން މިލިއަން ރުފިޔާ، މަސައްކަތްތައް ހިންގުމަށް ކުރަން ޖެހޭ ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކުގެ ހަރަދަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އޮފީހުގެ އިދާރީ ހަރަދަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޮޑިޓް އޮފީހުން ލަފާކުރި އެވެ.

މާލިއްޔަތު ކޮމެޓީން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއިރު، އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުތަކާ ގުޅޭ މައުލޫމާތު ސާފު ކުރަން އެ އޮފީހާއި ފިނޭންސް މިނިސްޓްރީގެ އިސް ވެރިން ކޮމެޓީ އަށް ވަނީ ހާޒިރުކޮށްފަ އެވެ.