Roadha Mihaaru
ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓް ދިގުކުރަން ފާސްކޮށްފި

ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓް އިތުރުކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފި

20 އޮކްޓޯބަރ 2021

ރާއްޖޭގައި ގެންގުޅުން މަނާ، ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓަށް ބާވަތްތައް އިތުރުކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ގޮތަށް ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ގެންގުޅުން މަނާ، ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓަށް ބާވަތްތައް އިތުރުކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ގޮތަށް ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ތިމާވެށި ރައްކާތެެރިކޮށް ދެމެހެއްޓުމުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ބިލު މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހުގެ ކޮމިޓީން ގެނައި ތިން ބަދަލަކާ އެކުގަ އެވެ.

މިދިޔަ މާޗްމަހު މަޖިލީހަށް އެ ބިލުގައި އޮތީ މިހާރު އަމަަލުކުރަމުން އަންނަ ގާނޫނުގެ އަށް ވަަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، ސިންގަލް ޔޫޒް ޕްލާސްޓިކް ރާއްޖޭގައި އުފައްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށެވެެ. އެގޮތުން މަނާކުރާނެ ބާވަތްތަކަކީ ރައީސުލް ޖުމްހޫރިއްުޔާ އެކުލަވައިލައްވާ ލިސްޓެއްގައި ހިމެނޭނެ ބާވަތްތަކެވެ. އެކި މަރުހަލާތަކަކަށް ބަހާލައިގެން ލިސްޓް އެކުލަވައިލެއްވުމުގެ ފުރުސަތު ރައީސަށް ލިބިދޭ ގޮތަށް އޮތް އެ މާއްދާގައި ބުނެފައިވާ ގޮތުން، އެފަދަ ފުރަތަމަ ލިސްޓް މިއަަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ކުރިން އެކުލަވައިލާ ގެޒެޓްކުރަން ވާނެ ކަމަށްް ވެސް އެމާއްދާގައި ބުނެފައި ވެ އެވެ.

އެކަމަކު މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެ ބިލު ދިރާސާކުރި އިރު އެ މާއްދާއަށް ދެ ބަދަލެއް ގެނަ އެވެ. މަޖިލީހުން މިއަދު ބިލު ފާސްކުރީ އެ ބަދަލުތަކާ އެކުގަަ އެވެ. ކޮމިޓީން ގެނައި ފުރަަތަމަ ބަދަލަކީ ރައީސް އެކުލަވައިލާ ލިސްޓްގައިވާ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށް ކަނޑައެޅުމެވެ. އަނެއް ބަދަލަކީ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ތެރެއިން މަނާކުރާ ބާވަތްތަކުގެ ފުރަަތަމަ ލިސްޓް އެކުލަވައިލުމުގެ މުހުލަތު އަންނަ ޖެނުއަރީ އާ ހަމައަށް އިތުރުކުރުމެވެ.

ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.