Roadha Mihaaru
"ދަރިމައިވުމުގެ ފަރުވާއަށް އެހީދެވޭނެ ގޮތްތައް ބަލަން"

ދަރިމައިވުމުގެ ފަރުވާ އަށް އެހީދެވޭނެ ގޮތްތައް މި ދަނީ ބަލަމުން: ހެލްތު

20 އޮކްޓޯބަރ 2021

ދަރިމައިވުމުގެ ފަރުވާ އަށް ކުރާ ހޭދައަށް އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިމައިވުމުގެ ފަރުވާ އަށް ކުރާ ހޭދައަށް އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ދަރިން ނުލިބުމުގެ މައްސަލަތައް ގިނަވަމުންދާއިރު، އެ ކަމަށް ފަރުވާ ހޯދާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި އެ ފަރުވާ ނުލިބުމާއި އާސަންދަ ސްކީމުން އެއްވެސް އެހީއެއް ނުލިބުމެވެ. އެހެންވެ، ޖީބަށް ކިތަންމެ ބަރުވީ ކަމުގައި ވިޔަސް ބޮޑު ހޭދައެއް ކޮށްގެން އާއިލާތަކުން ބޭރަށް ދާން ވަނީ މަޖުބޫރުވެފަ އެވެ.

ދަރިމައިވުމުގައި މައްސަލަ ދިމާވާ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. އެ ދެ ފަރުވާ މި ވަގުތު ރާއްޖެއިން ލިބޭކަށް ނެތެވެ. އަދި އެއީ، ސަރުކާރުގެ ސޯޝަލް އިންޝުއަރެންސް ސްކީމުން ވެސް އެހީދޭ ކަންކަމެއް ނޫނެވެ.

އެ މައްސަލައާ ގުޅިގެން އެންސްޕާ އާއި އާސަންދައިން ވެސް "މިހާރު" އަށް ކުރިން ބުނީ އިންފާޓިލިޓީގެ ކަންކަމަށް ސަރުކާރުގެ ސޯޝަލް އިންޝުއަރެންސް ސްކީމުން އެހީ ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަރިމައިވުމުގެ ފަރުވާ އަށް އެހީދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއަސް އޭގެ ތަފްސީލެއް ހާމައެއްނުކުރެ އެވެ. ވިދާޅުވީ ދަރިމައިވުމުގެ ފަރުވާ އަށް ސަރުކާރުގެ އެހީދޭނެ ގޮތްތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.

އާސަންދަ ކުންފުނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތަކަށް ހޯދާ ފަރުވާއަށް އެހީ ދިނުމާ ގުޅޭގޮތުން އެ ކުންފުނީގެ އެކި ލެވެލްގައި މަޝްވަރާތައް ކުރި ކަމަށެވެ. ނަމަވެސް، އާސަންދަ އެހީ ދިނުމާ ގުޅޭ އުސޫލަށް އެއްވެސް ބަދަލެއް ނުގެންނާތީ އެކަން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

އެ ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނީ ވެސް ފަރުވާގެ ވަކި ވަރަކަށް އެހީދިނުމާ ގުޅޭގޮތުންނެވެ.

"ފުދޭ ވަރަކަށް ގިނަ މީހުން އެބަ އުޅޭ އޭގެތެރޭގައި. އެޓްލީސްޓް އޭގެ ތެރެއިން ކޮންމެ ވެސް ބައެއް ކަވާކޮށްދޭން ރަނގަޅުކަން އަޅުގަނޑުމެން ފާހަގަކުރަން." ޒީނިޔާ ވިދާޅުވި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ އިންފާޓިލިޓީ ފަދަ ކަންކަމަށް ގައުމީ ފެންވަރުގައި ޕްރިވެންޝަން އަދި އިންޓަވެންޝަން ޕްރޮގްރާމެއް އިފްތިތާހުކޮށް، ކޮންމެ އަހަރަކު ވެސް އެހީދޭނެ ވަކި ވަރެއް ކަނޑައަޅައި އާއިލާތަކަށް އެހީދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"މި ކަމަކީ ދިގު މުއްދަތަކަށް ފަރުވާގައި ހޭދަކުރަންޖެހޭ ކަމަކަށް ވާތީވެ، ރާއްޖޭގެ ހޮސްޕިޓަލްތަކުން މި ފަދަ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ނޫން ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ހޯދުމަށް ދަތިވާނެ،" ލިޔުމުން "މިހާރު" އަށް ފޮނުވި ޖަވާބުގައި އެންސްޕާއިން ބުންޏެވެ.