Roadha Mihaaru
މަހުމޫދުގެ މަރު: ސާލިމްގެ ބަންދަށް 15 ދުވަސް

މަހުމޫދުގެ މަރު: ސާލިމްގެ ބަންދަށް 15 ދުވަސް

17 އޮކްޓޯބަރ 2021

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ނަޖާހް މަސްއޫދު އދ. ދަނގެތިން ނަޖާހް މަސްއޫދު

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ބަންދު ޖަހާފައި ވަނީ ރޭ ދަނގެތީ މެޖިސްޓްރޭޓު ކޯޓަށް ގެންގޮހެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ބަންދުގެ މުއްދަތު އިތުރުކުރިކަން ކަށަވަރުކޮށްދީފަ އެވެ.

ސާލިމަކީ ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލުކޮށްފައި ހުރި މީހެކެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ކޯޓު އަމުރަކަށް އިއްޔެ އެވެ. ފުލުހުން ވަނީ އޭނާ އުޅުނު ގެ ވެސް ފާސްކޮށްފަ އެވެ.

އދ. ދަނގެތީ މެޖިސްޓްރޭޓު ކޯޓު: ސާލިމްގެ ބަންދު ޖަހާފައި ވަނީ މި ކޯޓަށް ގެންގޮސް -- ފޮޓޯ: ނިޝާން އަލީ/މިހާރު

އދ. ދަނގެތީ މެޖިސްޓްރޭޓު ކޯޓު: ސާލިމްގެ ބަންދު ޖަހާފައި ވަނީ މި ކޯޓަށް ގެންގޮސް -- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ރަށުގެ މީހުން ބުނާ ގޮތުގައި ސާލިމް ގިނައިން ފެންނާނީ އުމުރުން ދުވަސްވީ މީހާގެ އެކި ކަންކަމުގައި އުޅެނިކޮށެވެ. އަދި އޭނާ އަކީ މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށާއި މީހުންނާ މާ ގިނައިން ވާހަކަ ދައްކައި ނޫޅޭ ކަމަށްވެ އެވެ.

މި މަރުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ އެހެން ރަށަކުން އައިސް މި ރަށުގައި އުޅޭ ދެ ފިރިހެނަކަށާއި އަންހެނަކަށެވެ. އެ ތިން މީހުން ވެސް ތިބީ މަހިބަދޫއަށް ގެންގޮސް އެހެން މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

ދަނގެތީ މީހުން ބުނާ ގޮތުގައި އެ ރަށުގެ މީހަކު އިންސާނަކު މަރާލުން ފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ކުޑަ އާބާދީއެއް އޮންނަ މި ރަށުގެ އެންމެނަކީ ވެސް އެކަކު އަނެކަކު ދަންނަ ވަރަށް އެއްބައިވަންތަ ބައެއް ކަމަށް ރަށު ކައުންސިލުން ވެސް ބުނެ އެވެ.