Roadha Mihaaru
ޗައިނާގެ ޖައްވީ ސްޓޭޝަނަށް އަލަށް އަންހެން ފަޅުވެރިއެއް

ޗައިނާގެ ޖައްވީ ސްޓޭޝަނަށް ފުރަތަމަ ފަހަރަށް އަންހެން ފަޅުވެރިއެއް

16 އޮކްޓޯބަރ 2021

އަދިވެސް ފުރިހަމަކުރުމުގެ މަރުހަލާގައި އޮތް ޗައިނާގެ ޖައްޗީ ސްޓޭޝަން "ޓިއަންގޮންގް" އަށް ފުރަތަމަ ފަހަރަށް އަންހެން ފަޅުވެރިޔަކު ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަދިވެސް ފުރިހަމަކުރުމުގެ މަރުހަލާގައި އޮތް ޗައިނާގެ ޖައްޗީ ސްޓޭޝަން "ޓިއަންގޮންގް" އަށް ފުރަތަމަ ފަހަރަށް އަންހެން ފަޅުވެރިޔަކު ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި ޝެންޒޫ-13 ނަމަކަށް ކިޔާ އުޅަނދުގައި ތިން ފަޅުވެރިޔަކު ޗައިނާގެ އަމިއްލަ ޖައްވީ ސްޓޭޝަނަށް ފުރާ އިރު އޭގައި ބައިވެރިވާ އަންހެން ފަޅުވެރިޔަކީ ވެންގް ޔަޕިން، 41، އެވެ. އެކަމަކު މިއީ އޭނާގެ ފުރަތަމަ ސްޕޭސް މިޝަނެއް ނޫނެވެ. ޗައިނީޒް ޕީޕަލް ލިބަރޭޝަން އާމީ އެއާފޯސްގެ މޭޖާއެއްގެ އިތުރުން ޕައިލެޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ވެންގްގެ ފުރަތަމަ ސްޕޭޝް މިޝަނަކީ 2013 ގައި ޝެންޒޫ-10 ގައި ކުރި 15 ދުވަހުގެ ދަތުރެކެވެ.

"ޓިއަންގޮންގް" އަށް ކުރާ ދަތުރާ އެކު އޭނާ ވާނީ ޖައްވީ މިޝަންތަކަށް ދާން ހުވަފެން ދެކޭ ޗައިނާގެ އަންހެން އެސްޓްރޮނޯޓުންނަށް ލިިބޭނެ ވަރަށް ބޮޑު ހިތްވަރަކަށެވެ.

"ޓިއަންގޮންގް" އަށް މި ފަހަރު ކުރާ ދަތުރުގައި ވެންގްއާ އެކު ދެން ބައިވެރި ވަނީ ދަތުރުގެ މިޝަން ކޮމާންޑަރު ޒާއީ ޒިއަގަންގް، 55، އާއި ޔީ ގުއަންްގްފޫ، 41، އެވެ. ތިން ފަޅުވެރިންގެ މުއްދަތަކީ 183 ދުވަހެކެވެ. މިއީ ޗައިނާގެ ޖައްވީ ސްޓޭޝަން ލޯންޗްކުރި ފަހުން އެހާ ދިގު މުއްދަތަކަށް ކުރިއަށް ގެންދާ ފުރަތަމަ މިޝަނެވެ.

"ޓިއަންގޮންގް" އަށް އެންމެ ފުރަތަމަ ފަޅުވެރިންތަކެއް ދިޔައީ މިދިޔަ ޖޫން މަހުގެ 17 ގަ އެވެ. އޭރު ވެސް ދަތުރުގައި ބައިވެރިވީ ތިން ފަޅުވެރިއެކެވެ. އެ މީހުންގެ ދަތުރު ތިން މަސް ފަހުން ކާމިޔާބު ކަމާ އެކު ނިންމައިލީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ ދަތުރުގައި ފަޅުވެރިން ވަނީ ސްޓޭޝަންގެ ކޯ މޮޑިއުލްގެ ބޮޑެތި މަސައްކަތްތަކެއްގެ އިތުރުން ދެ ސްޕޭސްވޯކާ އެކު ސްޓޭޝަނުގައި އިސްޓޯލް ކުރަން ޖެހޭ ބައެއް ތަކެތީގެ ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ.

ޗައިނާގެ އަމާޒަކީ އެ ގައުމުގެ އަމިއްލަ ޖައްވީ ސްޓޭޝަންގެ ހުރިހާ މަސައްކަތްތަކެއް 2022 ގެ ޑިސެމްބަރަށް ނިންމުމެވެ.