Roadha Mihaaru
ޖަލަށް ލާން ހައިކޯޓުން ހުކުމްކުރުމާ އެކު ދުވެ ފިލައިފި

ޖަލަށް ލާން ހައި ކޯޓުން ހުކުމްކުރުމާ އެކު ދުވެ ފިލައިފި

13 އޮކްޓޯބަރ 2021

ވައްކަމުގެ މައްސަލައެއްގައި ޖަލަށް ލާން އިއްޔެ ހައި ކޯޓުން ހުކުމް ކުރި މީހަކު ޖަލަށް ގެންދިޔުމުގެ ކުރިން ކޯޓުގައި ހުރެފައި ފިލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ވައްކަމުގެ މައްސަލައެއްގައި ޖަލަށް ލާން އިއްޔެ ހައި ކޯޓުން ހުކުމް ކުރި މީހަކު ޖަލަށް ގެންދިޔުމުގެ ކުރިން ކޯޓުގައި ހުރެފައި ފިލައިފި އެވެ.

ދައުލަތުން މއ. ވިއަވަތި، ޝިނާހު އާމިރާއި، އޭނާގެ އެއްބަނޑު ކޮއްކޮ ތ. މަޑިފުށި، އެދުރުގެ ޝައްފާން ލުތުފީގެ މައްޗަށް ވައްކަމުގެ ދައުވާ ކުރީ، ޑިސެމްބަރު 29، 2013 ގައި މާލޭގެ ގެއަކަށް އެ ދެ މީހުން ވަދެ ކަބަޑެއްގެ ތެރޭގައި ހުރި 170،000ރ. އާއި 10،000 ތައިލެންޑް ބާތު އަދި ސޮނީ ބްރޭންޑުގެ ކެމެރާއެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ އެވެ.

އެ ދެ މީހުންގެ މައްޗަށް 2015 ވަނަ އަހަރު ދައުވާ ކުރުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައި 2019 ވަނަ އަހަރުގެ ޖުލައި މަހު ނިންމާފައި ވަނީ ޝައްފާން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އެކަމަކު، ޝިނާހުގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުންނާއި ވަގަށް ނެގި ތަކެއްޗަށް ޝައްފާން ޒިންމާ ނެގުމުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައިވެ އެވެ.

ދައުލަތުން ޝިނާހުގެ ބައި ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ހައި ކޯޓުން ހުކުމް ކުރީ ޝިނާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. ދައުވާ ކުރީ ކުރީގެ ގާނޫނުލް އުގޫބާތުން ނަމަވެސް މިހާރުގެ ގާނޫނުލް އުގޫބާތުން ކުށަށް ލުއި އަދަބެއް ދޭތީ ކުށް ކަނޑައެޅީ މިހާރުގެ ގާނޫނުގެ ދަށުންނެވެ. އެކަމަކު، އޭނާގެ ކުށުގެ ރެކޯޑަށް ބަލައި އޭނާ އަދަބު ކުށުގެ އަސާސީ މިންގަނޑަށް ވުރެ ދެ ދަރަޖަ އިތުރު ކުރި އެވެ.

ކޯޓަށް މިނިވަނެއްގެ ގޮތުގައި އައި ޝިނާހުގެ މައްޗަށް ހުކުމް ކުރުމުން ހުކުމް ތަންފީޒު ކުރަން ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރަންދެން އޭނާ ބަހައްޓާފައި ހުރީ އާންމުން ވެސް މަޑުކުރާ ތަނުގަ އެވެ. އެނގިފައިވާ ގޮތުގައި އެތަނުގައި ހުރެފައި އޭނާ އޭނާ ވަނީ ކޯޓުން ނުކުމެ ދުވެ ފިލައިފަ އެވެ.

މިކަމާ ބެހޭގޮތުން ހައި ކޯޓާ ސުވާލު ކުރުމުން އެކަމާ މެދު އެއްވެސް ޖަވާބެއް ނުދެ އެވެ.

އެކަމަކު، ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އައިމިނަތު ޔުސްރީން "މިހާރު" އަށް ވިދާޅުވީ، އޭނާ ހޯދުމަށް ފަހު ކަރެކްޝަންސްއާ ހަވާލުކުރަން ހައި ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި އޭނާ ހޯދައިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިއުތިރާފަށް ބާރުދޭ ހެކި އެބަ ހުރި

ތަހުގީގުގައި ޝިނާހު އާއި ޝައްފާން ކުށަށް އިއުތިރާފުވި ނަމަވެސް ޝަރީއަތް ފެށުމުން ދެ މީހުން ވެސް އިންކާރު ކުރި އެވެ. އެކަމަކު، ހެކިބަސް ނެގުމުގެ މަރުހަލާގައި ޝައްފާން ކުށަށް އިއުތިރާފުވެ ވަގަށް ނެގި ތަކެތީގެ ޒިންމާ ނެގުމުން ޝިނާހު ސަލާމަތްވި އެވެ.

ހައި ކޯޓުގައި ޝިނާހު ބުނެފައި ވަނީ އޭނާ ގަތް ތަކެއްޗަކީ ތިމާގެ މީހެއްގެ ސުވެނިއާ ފިހާރައަށް ޓޫރިސްޓުން ގެންގޮސްދީގެން ހޯދި ފައިސާއިން ގަތް ތަކެތި ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ އޭނާ ތަހުގީގުގައި ވި އިއުތިރާފަށް ބާރު ލިބޭ ހެކި ގަރީނާ އެބަ ހުރި ކަމަށެވެ. އެގޮތުން އޭނާ ގަތް ކަމަށް ބުނާ ތަކެތި އޭނާގެ ގެއިން ފެނުނު ކަމަށް ހެކިބަސް ދީފައިވެ އެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. ހައި ކޯޓުގެ ފަނޑިޔާރުންނަށް ވެސް ބުރަވެވުނީ އެގޮތަށެވެ.

ޝިނާހު ތަހުގީގަށް ދިން ބަޔާނުގައި ބުނެފައި ވަނީ ވައްކަން ކުރަން ނުކުތީ ޑްރަގް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން އެ ދެ މީހުން ވައްކަން ކުރި ގެއަށް ވަދެ ބެލުމުން ކަބަޑެއްގެ ވަށްގަނޑެއްގެ ތެރެއިން ފެނުނު ފައިސާތައް ބޮކްސާއަށް އަޅައިގެން ގެންދިޔައީ ކަމަށް ބުންޏެވެ. ޝައްފާން ތަހުގީގަށް ދިން ބަޔާނުގައިވާ ގޮތުން އެ މީހުން މަގުމަތިން ހިނގާފައި ދިޔަ އިރު ޝިނާހުގެ ޖިންސުގެ ތެރެއިން 500ރ. ގެ ނޫޓުތައް ވެސް މަގުމައްޗަށް ވެއްޓެމުން ދިޔަ އެވެ.

އެ ރޭ އެ ފައިސާއިން 6،500ރ. ޑްރަގް ބޭނުން ކުރުމަށް ހޭދަކުރި ކަމަށް ވެސް ޝިނާހު ތަހުގީގަށް ބަޔާން ދިނެވެ. އަދި ސެމްސަންގް އެސް3 ފަސް ފޯނު އެރޭ ގަތް ކަމަށް ވެސް އޭނާ ބުންޏެވެ. އެ ފޯނުތަކަށް ގާތްގަނޑަކަށް 33،000ރ. ހޭދަ ކުރި އެވެ. އޭނާ ބުނީ އެ ފޯނުތައް ގަތީ އާއިލާ މީހުންނަށް ހަދިޔާ ކުރުމަށް ކަމަށެވެ. އެރޭ ގާތްގަނޑަކަށް 5،000ރ. ގެ އަންނައުނު ގަނެ، ޝައްފާނު ލެޕްޓޮޕެއް ގަންނަން 10،000ރ. ދިން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން މަންމައަށް ހޮންޑާ ވޭވް 110އައި ސައިކަލެއް 53،000ރ. އަށް ގަތް ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން ގެއަށް ބޭނުންވާ ޓީވީ އާއި ޓީވީ ރެކާއި ދޮންނަ މެޝިނަކާއި ސޯފާ ސެޓެއް ވެސް އެ ފައިސާއިން ގަތް ކަމަށް ބުންޏެވެ.

ދިވެހި ފައިސާ ހުސްވުމުން، ވަގަށް ނެގި ބޭރު ފައިސާ މާރުކޮށްގެން 29،000ރ. ހޯދި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ ކުރިން ގަތް ފޯނުތަކުގެ ތެރެއިން ތިން ފޯނު ޑްރަގް ގަތުމަށް ވިއްކާލައިގެން 6،000ރ. ހޯދި ކަމަށް ބުންޏެވެ. މާރު ކުރި ފައިސާ އާއި ފޯނު ވިއްކައިގެން ހޯދި ފައިސާ ވެސް ހުސްވީ ޑްރަގް ގަތުމަށް ކަމަށް ވެސް އޭނާ ތަހުގީގަށް ކިޔައިދިނެވެ.

އޭނާ ހޯދަން ފުލުހުން އައީ ޖެނުއަރީ 4، 2014ގަ އެވެ. އެ ދުވަހު ފުލުހުންނަށް ފިލަން ވެގެން ގޭގެ ބޭރުގައި ހުރި އޭސީ ޔުނިޓަށް އަރައި ހުއްޓައި އޭސީ ޔުނިޓު ހަލާކުވެގެން އޭނާ ވެއްޓި ޖެހިގެން ހުރި ގޭގެ ފުރާޅުގައި ޖެހިފައި ގޯޅިއެއްގެ ތެރެއަށް ވެއްޓި އަނިޔާވި އެވެ. ހޭލި އިރު އޮތީ އައިޖީއެމްއެޗްގަ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަމީދެވެ.