06 ޑިސެމްބަރ 2016
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވުމާ ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވުމާ ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ނެރުނު އިއުލާނެއްގައިވާ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އޮތީ މި މަހުގެ އެކެއްގެ ނިޔަލަށެވެ. ނަމަވެސް އިންތިހާބަށް ކުރިމަތިލީ ކިހާ އަދަދެއްގެ މީހުން ކަމެއް އެ ކޮމިޝަނަކުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ މިއަދު ވިދާޅުވި ގޮތުގައި ރަށްރަށުން ލިބުނު އެޕްލިކޭޝަން ފޯމުތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ޗެކް ކުރަމުން މި ދަނީ ފޯމުތައް، އެކި ރަށްރަށުން ގިނަ ފޯމުތަކެއް ލިބިފައި ހުރީމަ އެ ހުރިހާ ފޯމެއް ބަލާފައި އެނގޭނީ ކިހާ މީހުންނެއް ކަމެއް ކުރިމަތިލީ،" އަހުމަދު އަލީ ވިދާޅުވި އެވެ.
އިންތިހާބަށް ކުރިމަތިލި ހުރިހާ މީހުންގެ ފޯމުތައް ބެލުމަށްފަހު، އެ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި މީހުންގެ ޖުމްލަ އަދަދެއް އަދި ނޭނގެ އެވެ.
ކުރިން ޖެނުއަރީ 14 ގައި ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު، ސިވިލް ކޯޓުން މިހާރު ވަނީ ދެ މަސް ދުވަހަށް ފަސްކޮށްފަ އެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރިޔަސް، އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އިތުރު ކުރަން ނުވަތަ އަލުން ކުރިމަތިލާން ހުޅުވާލާކަށް އީސީން އަދި ނުނިންމަ އެވެ.
ޕީޕީއެމަށް ތައްޔާރު ނުވެވިގެން ކަމަށް ބުނެ އިންތިހާބު ފަސްކުރަން ކުރި ހުކުމް އިސްތިއުނާފް ކުރަން އީސީ ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އިލެކްޝަންސުން ކުރިން ބުނެފައި ވަނީ އިސްތިއުނާފް މައްސަލަ އަވަހަށް ކޯޓުން ނިންމައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ގާނޫނުގައި ލާޒިމްކުރާ މުއްދަތަށް ވުރެ ފަހުން އިންތިހާބު ބާއްވަން އަންގައި، ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ފެބްރުއަރީ މަހު ހަމަވިޔަސް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން އެ ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ އެވެ. ކޯޓުގެ ހުކުމުގައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ލޯކަލް ކައުންސިލަށް މިފަހަރު އިންތިހާބުކުރާނީ 653 ކައުންސިލަރުންނެވެ. އެއީ 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުންނެވެ.
އިންތިހާބު މޮނީޓާ ކުރުމަށް ބޭރުގެ ގިނަ އޮބްޒާވަރުންތަކެއް ރާއްޖެ އަންނާނެ ކަމަށް އީސީން ބުންޏެވެ. އޭގެ ތެރޭގައި އިންތިހާބުތަކާ ބެހޭ ދުނިޔޭގެ ޖަމިއްޔާ އާއި މި ސަރަހައްދުގެ އިންތިހާބާ ބެހޭ ޖަމިއްޔާތައް ވެސް ހިމެނެ އެވެ. އިންތިހާބުގައި ރާއްޖޭގެ އެކި ރަށްރަށުގައި 400 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 132 ވޯޓު ފޮށި ހުންނާނެ އެވެ. އިންތިހާބާ ގުޅޭ ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަނީ ބާ ޖަމާލުއްދީންގެ އިމާރާތުގަ އެވެ.
އަންނަ އަހަރު 980 ކައުންސިލަރުން އިންތިހާބު ކުރާނެ
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން
ކައުންސިލް އިންތިހާބުގައި 1487 ކެންޑިޑޭޓުން ވާދަކުރޭ
ލޯކަލް އިންތިހާބަށް ކުރިމަތިލުން މި މަހުގެ ނިޔަލަށް
ކެންޑިޑެސީ ބާތިލްކުރި މައްސަލަ އެމްޑީޕީން ހައި ކޯޓަށް
މުއްދަތު ހަމަވިއިރު، ޕީޕީއެމުން ފޯމް ހުށަހެއް ނާޅާ
އިންތިހާބުގައި 900 މީހަކު ވާދަކުރަން ހުށަހަޅައިފި
މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް
ދުވަސްވީ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭގޮތް ހަދަނީ
"މުއްދަތު އިތުރު ކުރުމަކީ ރައީސަށް ކޮށްދިން ކަމެއް"