Roadha Mihaaru
ކަރީނާއާ އެކު ކްރިކެޓް ތަރި ޔުވްރާޖް

ކަރީނާއާ އެކު ކްރިކެޓް ތަރި ޔުވްރާޖް

09 އޮކްޓޯބަރ 2021

ބަތަލާ ކަރީނާ ކަޕޫރާއި އިންޑިއާގެ ކްރިކެޓް ތަރި ޔުވްރާޖް އެކީގައި ކުޅެފައިވާ އިޝްތިހާރެއް ގެނެސްދޭން ތައްޔާރު ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކަރީނާ ކަޕޫރާއި އިންޑިއާގެ ކްރިކެޓް ތަރި ޔުވްރާޖް އެކީގައި ކުޅެފައިވާ އިޝްތިހާރެއް ގެނެސްދޭން ތައްޔާރު ވެއްޖެ އެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްވާ ޕޫމާގެ އެމްބެސެޑަރުންގެ ގޮތުގައި ދެ ތަރިންނާ އެކު ގެނެސްދޭން ނިންމާފައިވާ އިޝްތިހާރުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ޔުވްރާޖްގެ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވެ އެވެ. އޭގެ ކެޕްޝަނަކަށް ޖަހާފައި އިނީ "ދެ މީހުންގެ މެދުގައި ކޮން ގުޅުމެއްތޯ" އެވެ.

ޔުވްރާޖާ އެކު ކަރީނާގެ ޕޫމާ އިޝްތިހާރެއް ގެނެސްދޭ އިރު، އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ކަރީނާ މި ފަހުން އަންނަނީ ޕޫމާގެ އެކި ކަހަލަ އައިޓަމްތައް އިޝްތިހާރުކޮށް ދެމުންނެވެ. އޭނާގެ އިންސްޓަގްރާމްގައި ވެސް ޕޫމާގެ ކުޅިވަރު އެއްޗެހި ލައިގެން ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓް ކޮށްފައިވެ އެވެ.

ޔުވްރާޖާއި ކަރީނާ އެކީގައި އިޝްތިހާރަކުން ފެންނަ އިރު ޔުވްރާޖްގެ އަންހެނުން ހޭޒެލް ކީޗަކީ ކަރީނާ އާއި ސަލްމާންގެ 2011 ގެ ފިލްމު "ބޮޑީގާޑް" ގައި ކަރީނާގެ ބެސްޓްފްރެންޑްގެ ރޯލު ކުޅުނު ބަތަލާ އެވެ.

އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރިންގެ ތެރޭގައި ހިމެނޭ ޔުވްރާޖްގެ ބައޮގްރަފިކަލް ޑްރާމާއެއް ވެސް ހަދަން މިހާރު އަންނަނީ ވާހަކަތަކެއް ދެކެވެމުންނެވެ.

އެ ފިލްމު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ގޮތަށް އޮތް ނަމަވެސް، ފިލްމުގައި ޔުވްރާޖްގެ ރޯލު ކުޅެން އޭ-ލިސްޓް އެކްޓަރަކަށް ޑިމާންޑްކޮށް، ކާސްޓަށް އޭނާ ނުފޫޒު ފޯރުވާތީ ކަރަން އެ ފިލްމު ނަހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.