Roadha Mihaaru
ހިޔާ ފްލެޓުތަކުގެ ފުރަތަމަ ފިހާރަ ހުޅުވައިފި

ހިޔާ ފްލެޓުތަކުގެ ފުރަތަމަ ފިހާރަ ހުޅުވައިފި

07 އޮކްޓޯބަރ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ފުރަތަމަ ފިހާރަ މިއަދު ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ފުރަތަމަ ފިހާރަ މިއަދު ހުޅުވައިފި އެވެ.

"އެޗްސީޔޫ މާޓު"ގެ ނަމުގައި މި ފިހާރަ ހުޅުވީ ހިޔާ ޓަވަރުތަކުގެ ތެރެއިން 12ވަނަ ޓަވަރުގެ ތިރީ ބުރީގަ އެވެ. ދުވަހުން ދުވަހަށް ބޭނުންވާ ޒަރޫރީ ސާމާނު މިވަގުތު އެ ފިހާރަ އިން ލިބެން ހުންނާނެ އެވެ.

އެ ތަނުގެ ވެރިޔާ ގައްޒާމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ، މިދިޔަ މަހެއްހާ ދުވަހު ކުރި މަސައްކަތުން އެ ފިހާރަ ހުޅުވީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ވިޔަފާރި ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ވީހާވެސް އަވަހަކަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.

އެ ފިހާރަ އަވަހަށް ހުޅުވުމުގައި އެޗްޑީސީގެ އެހީތެރިކަން ލިބުނު ކަމަށް ގައްޒާމް ވިދާޅުވި އެވެ.

"ފިހާރަ ހަދަން ޖާގަ ލިބުނު ގޮތަށް މަސައްކަތް ފެށީ. މިހާރު ބައިވަރު މީހުން ފްލެޓުތަކުގައި ދިރިއުޅޭއިރު ފިހާރައެއް ނެތުމުން ވަރަށް ދަތިވާ ކަމަށް ބުނޭ. އެހެންވެ މަސައްކަތް އަވަސް ކުރީ،" ގައްޒާމް ވިދާޅުވި އެވެ.

"މިހާރު ގްރޮސަރީސް އާއި އެހެން ބައެއް މުހިންމު އެއްޗެހި އަޅުގަނޑުމެން ފިހާރަ އިން ލިބޭނެ."

ގައްޒާމް ވިދާޅުވީ މިވަގުތު އެ ފިހާރަ އިން ވިއްކަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ކަމަށް ވިޔަސް ކުރިމަގުގައި އިތުރު މުދާ ލިބެން ހުންނާނެ ކަމަށެވެ. އަދި މިހާރު ވެސް ފިހާރަ އިން ލިބެން ނެތް އެއްޗެއް ކަސްޓަމަރަކު ބޭނުންވެއްޖެ ނަމަ ގެނެސްދޭނެ ކަމަށް ގައްޒާމް ވިދާޅުވި އެވެ.

"އެޗްސީޔޫ މާޓު" އިން 150ރ. އިން މަތިން ވިޔަފާރި ކުރުމުން ހިޔާގެ ކޮންމެ ޓަވަރަކަށް ވެސް ޑެލިވަރީގެ ހިދުމަތް ދޭނެ އެވެ.

"އެޗްސީޔޫ" އަކީ ރިސޯޓު ސަޕްލައި ކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ ފިހާރަތައް މިހާރު ވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ހުރެ އެވެ.

ހިޔާ ފްލެޓްތަކުގެ އެހެން ޓަވަރުތަކުގެ ގްރައުންޑް ފްލޯ އިން ފިހާރަތައް ހެދުމަށް ތަންތަން ދޫކޮށްފައިވާއިރު، އެ ތަންތަން ނިންމައި އަވަހަށް ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތަށް ދޫކުރާ ތަންތަނުގެ ފުރަތަމަ ތިން މަސް ދުވަހުގެ ކުލި އެޗްޑީސީން ވަނީ މާފުކޮށްދީފަ އެވެ.