Roadha Mihaaru
ފައިސާ ދެއްކޭނެ ގޮތެއް ނެތް، ލިބުނު ފްލެޓް ގެއްލެނީ!

ފައިސާ ދެއްކޭނެ ގޮތެއް ނެތި، ލިބުނު ފްލެޓް ގެއްލެނީ!

04 ޑިސެމްބަރ 2016

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ހަތަރު ލައްކަ ރުފިޔާ ދެއްކޭނެ ގޮތެއް ނެތިގެން، އެ ފްލެޓްތައް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ހަތަރު ލައްކަ ރުފިޔާ ދެއްކޭނެ ގޮތެއް ނެތިގެން، އެ ފްލެޓްތައް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

ފްލެޓް ލިބުނު މީހުންނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވަނީ ލޯނުގެ ކަންކަން ހަމަޖެއްސިކަމުގެ ލިޔުން އަންނަ މަހުގެ 26ގެ ކުރިން ހުށަހެޅުމަށެވެ. އަދި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމަކަށް ފަހުގައި ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.

ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ 2 މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ ދައްކަން ޖެހެ އެވެ.

ފްލެޓް ލިބުނު މީހުން އެ މީހުންގެ ޝަކުވާތައް މިއަދު އެޗްޑީސީއާ ހިއްސާ ކުރަނީ: މަސް ދުވަހުގެ ތެރޭގައި 400،000 ރުފިޔާ ދައްކައި، ލޯނު ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށް ބުނި

ފްލެޓް ލިބުނު މީހުން އެ މީހުންގެ ޝަކުވާތައް މިއަދު އެޗްޑީސީއާ ހިއްސާ ކުރަނީ: މަސް ދުވަހުގެ ތެރޭގައި 400،000 ރުފިޔާ ދައްކައި، ލޯނު ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށް ބުނި

މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހަތަރު ލައްކަ ރުފިޔާ ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ބުނެ، ފްލެޓް ލިބުނު ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މިއަދު އެޗްޑީސީ އާއި ހައުސިން މިނިސްޓްރީއާ ވެސް އެ މީހުން ބައްދަލުކުރީ މި ކަމުގައި ފަސޭހަ އުސޫލެއް ހަމަޖެއްސުމަށް އެދި އެވެ.

އެކަމަކު އެކަމުގައި އެއްވެސް ކުރިމަގެއް ނުލިބުނު ކަމަށް އެ މީހުން ބުންޏެވެ.

"އެޗްޑީސީން ބުނީ އާއިލާގެ އެންމެންގެ އަތުން ފައިސާ ހޯދައިގެން، ޑައުންޕޭމަންޓް ދެއްކިދާނެ ނޫންހޭ. އެކަމަކު އަޅުގަނޑުގެ އާއިލާގައި ތިބެނީ ކުޑަ ތިން ކުދިން. އަޅުގަނޑުމެންނަށް އެހީވާނެ އާއިލާގެ މީހަކު ނެތް،" އަރަބިއްޔާ ހުރި ބިމުގައި އެޅި އިމާރާތުން ފްލެޓް ލިބުނު އަންހެނަކު ބުންޏެވެ.

އޭނާ ބުނީ ޕެންޝަން ފަންޑުން ފައިސާ ނެގުނު ކަމުގައި ވިޔަސް، ދެމަފިރިންގެ ފައިސާ އެއްކޮށްލައިގެން ވެސް ޑައުންޕޭމަންޓަށް ވާ ވަރަށް ފައިސާ ހަމަ ނުވާ ކަމަށެވެ. އެހެންވެ، އެ މުއްދަތުގެ ތެރޭގައި ލޯނު ލިބުމަކީ ނާދިރު ކަމެއް ކަމަށް ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރުމަށް ބާވީހަކަށް މީހުން މިއަދު އެޗްޑީސީ އަށް ދިޔަ އެވެ.

އެކަމަކު އެ މީހުން ގާތު އެޗްޑީސީން ބުނީ އެގޮތަށް އަމަލު ކުރުމުން "ފައިސާ ދެއްކޭނެ މީހުންނާއި ނުދެއްކޭނެ މީހުން ފުރާނާލެވޭނެ" ކަމަށާއި ދެ މިލިޔަން ރުފިޔާ އެއްފަހަރާ ދެއްކޭނެ މީހުން ވެސް އެބަ ތިބި ކަމަށެވެ. އަދި ފައިސާ ނުދެއްކޭނެ މީހުން، ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެހެން ހައުސިިން ސްކީމެއްގައި ހިމެނިދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ފްލެޓް ލިބުނު މީހުން ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރަނީ

ފްލެޓް ލިބުނު މީހުން ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރަނީ

"އެ މީހުން ބުނަނީ ފްލެޓްތައް ހުރީ ޕްރައިމް ލޭންޑެއްގައޭ އެ ތަނުގައި އަގު ހުންނާނެ ކަމަށް. އަދި އެއްފަހަރާ ދެ މިލިޔަން ރުފިޔާ ދެއްކޭނެ މީހުން ވެސް އެބަތިބި ކަމަށް ބުނި. އެކަމަކު އަޅުގަނޑުމެން އެ ތަނަށް އެޕްލައި ކުރި އިރު އެއީ ޕްރައިމް ލޭންޑެއް ކަމެއް ނޭނގޭ. އެ ވާހަކަ އެއްވެސް ބަޔަކު އަންގާފައެއް ވެސް ނެތް،" ފްލެޓު ލިބުނު އެހެން މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފްލެޓްތަކަށް އިއުލާނު ކުރި އިރު ސަރުކާރުން ފްލެޓުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 1.2 މިލިޔަން ރުފިޔާ އެވެ. އަދި 19،000 ރުފިޔާ އެޑްވާންސްގެ ގޮތުގައި ދައްކާފައި، މަހަކު 9،725 ރުފިޔާގެ މަގުން، ފައިސާ ދައްކައި ހަލާސް ކުރާ ގޮތަށް އޭރު ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

އަދި ފަހުން ފްލެޓްގެ އަގު ދެ މިލިޔަން ރުފިޔާ އަށް ބަދަލު ކުރި ފަހުން ވެސް އެޗްޑީސީން ބުނެފައި އޮތީ، އެ ފައިސާ ދައްކައި ހަލާސް ކުރާނީ 20 އަހަރަށް ބަހާލައިގެން މަހަކު އަށް ހާސް ރުފިޔާގެ މަގުން ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ފްލެޓް ލިބުނު މީހުން ގަބޫލު ކުރަނީ ސަރުކާރުން މިކަމުގައި އެ މީހުންނަށް އޮޅުވާލާފައިވާ ކަމަށެވެ.

"މިހާރު އެ ބޭފުޅުން އަޅުގަނޑުމެންނަށް މަޖުބޫރު އެ ކުރަނީ ފްލެޓް ދޫކޮށްލަން،" ފަސް އަހަރު ދުވަހުގެ އިންތިޒާރަށް ފަހު ލިބުނު ފްލެޓާ ގުޅޭ ގޮތުން، ކުރިން ވާހަކަ ދެއްކި އަންހެން މީހާ ބުންޏެވެ.

އޭނާ ބުނީ މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއާ ބައްދަލުކުރުމުން، މިކަމުގައި އެ މީހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި ހުރިހާ ކަމެއް، އެޗްޑީސީ އަށް ދޫކޮށްލާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.

އެޗްޑީސީން ބުނީ އެ ފްލެޓްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ހައުސިން ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނު ލިބޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށެވެ.