Roadha Mihaaru
ބީއެމްއެލްއިން އެހީވާނެ ޕްރޮޖެކްޓުތައް އިއުލާންކޮށްފި

ތިން ވަނަ ކުއާޓާގައި އެހީވާނެ ޕްރޮޖެކްޓުތައް ބީއެމްއެލް އިން އިއުލާންކޮށްފި

05 އޮކްޓޯބަރ 2021

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ބޭންކުން އެހީވާނެ ޕްރޮޖެކްޓުތައް ހޮވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ބޭންކުން އެހީވާނެ ޕްރޮޖެކްޓުތައް ހޮވައިފި އެވެ.

އެ ބޭންކުން ވަނީ ތިން ވަނަ ކުއާޓާގައި ފަސް ޕްރޮޖެކްޓަކަށް އެހީވާން ނިންމައިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅާފައިވާ ޕްރޮޖެކްޓުތަކެވެ.

ކޮމިއުނިޓީ ފަންޑުން އެހީވާނެ ޕްރޮޖެކްޓުތައް

- ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުން

- ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުން

- ވ. ފެލިދޫގައި ޕިކްނިކް އޭރިއާއެއް ހެދުން

- ނ. މާޅެންދޫގައި މަސްކަނޑާތަނެއް ހެދުން

- ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ހެދުން

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާހުރި ގިނަ ޕްރޮޖެކްޓުތަކަށް އެހީވާނެ ކަމަށެވެ. އަދި ކޮންމެ ކުއާޓާއެއްގައި ވެސް ހުށަހަޅާ ޕްރޮޕޯސަލްތަކުން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައް ކުރަން ބޭނުން ވެފައިވާވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބުނު. މިއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު. މިފަހަރު ކޮމިއުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން،" ސައީދު ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 55 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގަން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓުތައް ހިންގުމަށް ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. ގެ އެހީ ދެ އެވެ.