Roadha Mihaaru
އުސޫލު ނެތަސް ކޮމިއުނިޓީ ސާވިސްގެ އަދަބު ދޭންފަށައިފި

ކަރެކްޝަންސް އިން އުސޫލެއް ނުހެދި، ކޮމިއުނިޓީ ސާވިސްގެ އަދަބު ދޭން ފަށައިފި

05 އޮކްޓޯބަރ 2021

ކުށްވެރިިން ލައްވައި މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމުގެ އުސޫލުތައް ކަރެކްޝަނަލް ސާވިސް އިން އެކުލަވާނުލައި އޮތަސް، އަދަބުތައް ކްރިމިނަލް ކޯޓުން ދޭން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުށްވެރިިން ލައްވައި މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމުގެ އުސޫލުތައް ކަރެކްޝަނަލް ސާވިސް އިން އެކުލަވާނުލައި އޮތަސް، އަދަބުތައް ކްރިމިނަލް ކޯޓުން ދޭން ފަށައިފި އެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން ކުށްވެރިން ޖަލަށްލުމުގެ ބަދަލުގައި މުޖްތަމައުއަށް ޚިދުމަތް ކުރުވަން ލާޒިމް ކުރުން ފަދަ އަދަބުތައް ދެވިދާނެ އެވެ. މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބު ކޯޓުތަކުން ކަނޑައެޅޭނެ އުސޫލުތައް މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ކަނޑައެޅުމަށްފަހު އެފަދަ އަދަބުތައް ތަންފީޒު ކުރުމާބެހޭ އުސޫލުތައް 60 ދުވަސް ތެރޭގައި ހަދަން ސުޕްރީމް ކޯޓުގެ އުސޫލުގައި ލާޒިމްކުރި އެވެ. އެ މުއްދަތު މިދިޔަ މަހު ހަމަވިއިރު ވެސް އެފަދަ އުސޫލެއް ކަރެކްޝަންސް އިން ހަދާފައެއް ނެތެވެ.

ކަރެކްޝަންސް އިން އުސޫލުތައް ނުހެދިޔަސް، ކްރިމިނަލް ކޯޓުން މިހާރު ވަނީ މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބު ދޭން ފަށައިފަ އެވެ. މިގޮތަށް ފުރަތަމަ އަދަބު ދިނީ ހުއްދަ ނެތި ގެއަކަށް ވަދެ ވައްކަން ކުރި ބިދޭސީއަކަށެވެ. އެ މީހާ އެއް މަހަށް ޖަލަށްލުމާ އެކު 137 ގަޑިއިރަށް މުޖްތަމައުއަށް ޚިދުމަތް ކުރަން މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމުގެ އުސޫލުތައް ކަރެކްޝަންސް އިން ހަދާފައި ނުވާތީ އޭނާއަށް އެފަދަ އަދަބެއް ދޭން ދައުލަތުން ދެކޮޅު ހެދި އެވެ. އެކަމަކު ގާޒީ އާދަމް މުހައްމަދު އިއްވެވި ހުކުމުގައިވަނީ ކަރެެކްޝަންސް އިން ހަދަންޖެހޭ އުސޫލެއް ހަދާފައި ނެތުމަކީ ދައުވާލިބޭ މީހާއަށް ލިބެންޖެހޭ ހައްގެއް ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ކަރެކްޝަންސްއަށް މިވަގުތު މޮނީޓާ ކުރެވޭނެ ފަދަ މަސައްކަތެއް އެ މީހާއާ ހަވާލު ކުރަން އެ ހުކުމުގައި އަންގާފައިވެ އެވެ.

ސުޕްރީމް ކޯޓުން ހަމަޖައްސާފައިވަނީ ކުނި އުކުމާއި ފާހާނާ އާއި މިސްކިތްތަކާއި އާންމު ތަންތަން ސާފުކުރުން ފަދަ މަސައްކަތް ވެސް ކުށްވެރިން ލައްވައި ކުރުވިދާނެ ކަމަށެވެ. އެކަމަކު އަދަބު ދެވޭނީ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް މެދުވެރިކޮށް ކަރެކްޝަންސް އިން ހަމަޖައްސާ އުސޫލެއްގެ ތެރެއިންނެވެ.