Roadha Mihaaru
އަމީންގެ މައްސަލައިގެ އަޑުއެހުން ކުރިއަކަށް ނުގެންދެވުނު

އަމީންގެ ވަކީލަށް ބައިވެރި ނުވެވޭތީ، އަޑުއެހުން ކުރިއަކަށް ނުގެންދެވުނު

29 ސެޕްޓެމްބަރ 2021

އައިއެސްގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މުހައްމަދު އަމީން މިއަދު ވަކީލަކާ ނުލައި ސުޕްރީމް ކޯޓަށް ހާޒިރުވުމުން އޭނާގެ މައްސަލަ ކުރިއަށް ނުގެންގޮސް އަޑުއެހުން ނިންމާލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައިއެސްގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މުހައްމަދު އަމީން މިއަދު ވަކީލަކާ ނުލައި ސުޕްރީމް ކޯޓަށް ހާޒިރުވުމުން އޭނާގެ މައްސަލަ ކުރިއަށް ނުގެންގޮސް އަޑުއެހުން ނިންމާލައިފި އެވެ.

އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން ދަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ދާދި ފަހުން ނިންމީ އޭނާއަށް ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ނިންމުމަށް ފަހު އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ، ފުރަތަމަ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ނަމަވެސް، އަމީން ކޯޓަށް އަައީ ވަކީލަކާ ނުލަ އެވެ.

އަމީންގެ ވަކީލެއްގެ ގޮތުގައި ސުޕްރީމް ކޯޓުގައި ވެސް ވަކާލާތު ކުރައްވަން ހަމަޖެއްސީ ކްރިމިނަލް ކޯޓުގައި އަދި ހައި ކޯޓުގައި ވެސް އޭނާގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލު އަހުމަދު ޔާމީން އެވެ. މިއަދު ވަކީލު ޔާމީނަށް ކޯޓަށް ހާޒިރު ނުވެވި، ބަދަލުގައި އެހެން ވަކީލަކު ހަމަޖެއްސި ނަމަވެސް އެ ވަކީލަށް ވެސް އަޑުއެހުމުގައި ބައިވެރިއެއް ނުވެވުނެވެ.

މިއަދުގެ އަޑުއެހުމުގައި، އަމީންގެ މައްސަލަ ބަލާ ބެންޗުގެ ރިޔާސަތުން، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ ފަހުން އައްޔަން ކުރި ވަކީލުގެ ފޯމުގައި ސޮޔާއި އިނގިލީގެ ނިޝާން ނެތް ކަމަށެވެ.

އެހެންވެ، ވަކީލަކާ ނުލައި އޭނާގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައި، ދެން މާދަމާ ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށް އިއުލާނު ކުރެއްވި އެވެ. އަދި މާދަމާގެ މަޖިލީހަށް ވަކީލަކާ އެކު އައުމަށް އުއްތަމަ ފަނޑިޔާރު އެންގެވި އެވެ.

އަމީން ބުނީ، ކަރުގެ އިންފެކްޝަނެއް ޖެހިގެން ރޭގެ ދަންވަރުން ފެށިގެން މިއަދު ފަތިހާ ޖެހެންދެން އޭނާ އުޅުނީ ހޮސްޕިޓަލުގައި ކަމަށެވެ. އެކަމާ ހެދި މިއަދުގެ އަޑުއެހުމުގައި ބައިވެރިނުވެވޭނެ ކަމަށް ކޯޓަށް އެންގި ކަމަށް އަމީން މިއަދު ބުންޏެވެ.

އެއީ މަގުބޫލު އުޒުރެއްތޯ ބެލޭނީ ލިޔުންތައް ހުށަހެޅުމުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އަމީީނަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އޭނާއަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތު ކަމަށް ވިޔަސް، އޭނާ ބަންދުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ކަމަށް ވާތީ އޭނާއަށް ދައުވާ ކުރަންޖެހޭނީ ވެސް އެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށްވާތީ އެވެ. އެކަމަކު ދައުލަތުން އަމީނަށް ދައުވާކުރީ އެ މުއްދަތު ހަމަވިފަހުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށްވާތީ އެ މައްސަލައިގައި ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ނިންމުމުގެ ސަބަބުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިން މައްސަަލައިގައި ދައުވާ ކުރާ މީހުން ދޫވުމުގެ ބިރު ވެސް އެބަ އޮތެވެ.

އެ ނިންމުމާ އެކު، އަމީން މިނިވަންވެފައި ވަނިކޮށް އޭނާގެ މައްޗަށް ހައި ކޯޓުން ދާދިފަހުން ވަނީ މޮނިކޮން އަމުރެއް ނެރެފަ އެވެ.އެ އަމުރުގެ ދަށުން، މާލެއިން ބޭރަށް ދިއުމާއި އަދި ވަކި ވަގުތެއްގައި ގެއިން ބޭރުގައި އުޅުން އަމީިނަށް ވަނީ މަނާކޮށްފަ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލައިގެ ތުހުމަތު ވެސް ކުރެވުނު އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.