Roadha Mihaaru
ކަރަން އާއި ނެޓްފްލިކްސްގެ އެއްބަަސްވުން ނިމުމަކަށް

ކަރަން އާއި ނެޓްފްލިކްސްގެ އެއްބަަސްވުން ނިމުމަކަށް

25 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސްއާ އެކު ހަދާފައި އޮތް އެއްބަސްވުން މިހާރު ނިމުމަމަށް ގެނެސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސްއާ އެކު ހަދާފައި އޮތް އެއްބަސްވުން މިހާރު ނިމުމަމަށް ގެނެސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މީގެ ތިން އަހަރު ކުރިން އެ އެއްބަސްވުން ހެދީ ދެ އަހަރަށް ކަމަށާއި މުއްދަތު ހަމަވެފައިވާތީ އަލުން އެއްބަސްވުން އާނުކުރަން ނިންމާފައިވާ ކަމަށެވެ. މިކަން އަދި ރަސްމީކޮށް ދަރުމާ އިން ކަށަވަރުކޮށް ނުދިން ނަމަވެސް އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމު "ޝޭރުޝާހް" މި މަހުގެ 13 ގައި ޕްރީމިއާކުރީ ނެޓްފްލިކްސްއާ އެންމެ ވާދަވެރި އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދަރުމާ އާއި ނެޓްފްލިކްސްއާ ހެދި އެއްބަސްވުމަކީ އިންޑިއާގެ ސްޓޫޑިއޯއަކާ ސްޓްރީމިން ހިދުމަތުގައި ރަސްކަންކުރާ ކުންފުނިން ހެދި އެންމެ އަގު ބޮޑު އެއްބަސްވުމެވެ. ނެޓްފްލިކްސް އަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އާއި ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓްގެ ވެސް ޕާޓްނަރެކެވެ.

ކަރަންގެ ދަރުމާ އިން ނެޓްފްލިކްސް އަށް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ އެންތޮލޮޖީ ފިލްމު "އަޖީބު ދާސްތާންސް" އާއި މިދިޔަ އަހަރުގެ "ގޯސްޓް ސްޓޯރީޒް" އާއި "ގިލްޓީ" އާއި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ހިމެނެ އެވެ.

އަދި ނެޓްފްލިކްސްއާ ގުޅިގެން ކަރަން އިތުރު އެހެން ތިން ޑައިރެކްޓަރަކު ހެދި އެންތޮލޮޖީގެ ތެރޭގައި "ލަސްޓް ސްޓޯރީޒް" ވެސް ހިމެނެ އެވެ. ނެޓްފްލިކްސްގެ އެއްބަސްވުން ބާތިލުކުރި އިރު ދަރުމާގެ ވެބް ސީރީސެއް ވެސް އެ ޕްލެޓްފޯމަށް އަންނަން އަދި އެބަ އޮތެވެ. އެއީ މަދޫރީ ޑިކްސިޓްގެ "ފައިންޑިން އަނާމިކާ" އެވެ.

މީޑިއާތަކުން ބުނީ ނެޓްފްލިކްސްއާ އެކު ހެދި އެކްސްކްލޫސިވް އެއްބަސްވުން އާނުކުރަން ކަރަން ނިންމީ ކުރިއަށް އޮތް ތަނުގައި ދެން އެ ސްޓޫޑީއޯގެ އުފެއްދުންތައް މަޝްހޫރު އެހެން ސްޓްރީމިން ޕްލެޓްފޯމްތަކަށް ވެސް ދޫކުރަން ބޭނުންވާތީ އެވެ. މިހާރު އިންޑިއާގެ ބޮޑެތި އުފެއްދުންތައް އާންމުކޮށް ސްޓްރީމްކުރަނީ ނެޓްފްލިކްސް އާއި އެމެޒޯންގެ އިތުރުން ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

ދަރުމާގައި މިހާރު ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ޔުނިޓެއް އޮވެ އެވެ. އެއީ ދަރުމެޓިކް އެންޓަޓައިންމަންޓް އެވެ.