Roadha Mihaaru
ޗައިނާގެ ފޯނުތައް ބޭނުން ނުކުރަން ލިތުއޭނިއާއިން އެދެފި

ޗައިނާގެ ފޯނުތަކުން ޗައިނާއާ ދެކޮޅު ކަންކަން ދެނެގަންނަން ބޭނުންކުރާ ކަމަށް ލިތުއޭނިއާއިން ބުނެފި

24 ސެޕްޓެމްބަރ 2021

ޗައިނާގެ ސްމާޓްފޯންތަކަކީ އެ ގައުމުގެ ސަރުކާރުން ނުރުހޭ އިބާރާތްތައް ދެނެގަނެ، އެފަދަ އެއްޗެހި ހުންނަ ކޮންޓެންޓް ސެންސަރުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެހި ކަމަށް ކަމަށް ބުނެ ޗައިނާގެ ފޯނުތައް ބޭނުންނުކުރަން ލިތުއޭނިއާގެ ސަރުކާރުން ގޮވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ސްމާޓްފޯންތަކަކީ އެ ގައުމުގެ ސަރުކާރުން ނުރުހޭ އިބާރާތްތައް ދެނެގަނެ، އެފަދަ އެއްޗެހި ހުންނަ ކޮންޓެންޓް ސެންސަރުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެހި ކަމަށް ކަމަށް ބުނެ ޗައިނާގެ ފޯނުތައް ބޭނުންނުކުރަން ލިތުއޭނިއާގެ ސަރުކާރުން ގޮވާލައިފި އެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސައިބަ ސެކިއުރިޓީން ޗައިނާގެ 5ޖީ ފޯނުތައް "ތަހުލީލުކުރުމަށް ފަހު" ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން ޗައިނާގެ ޝޯމީ އާއި ވާވޭ ފަދަ ބްރެންޑްތަކުގައި އެ ގައުމާ ދެކޮޅު "މުއާމަލާތްތައް" ދެނެގަނެ، ސެންސަރުކުވޭ ޓޫލްތަކެއް ހިމަނާފައިވެ އެވެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ މިހާރު ޗައިނާގެ އެއްވެސް ބްރޭންޑެއްގެ ފޯނެއް ބޭނުންކުރާ ނަމަ އެ ދޫކޮށްލައި، އަދި ޗައިނާގެ ފޯނު ދެން އެއްވެސް ގޮތަކުން ބޭނުން ނުކުރުން ކަމަށް ކަމަށް ލިތުއޭނިއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޝޯމީ ބްރޭންޑްގެ ފޯންތަކުގެ ތެރެއިން މީ 10ޓީ 5 އަކީ "ފްރީ ޓިބެޓް"، "ލޯންގްލިވް ޓައިވާން އިންޑެޕެންޑެންސް" އަދި "ޑިމޮކްރަސީ މޫވްމަންޓް" ފަދަ އިބާރާތްތައް ހިމެނޭ 449 އަށް ވުރެ ގިނަ ކޮންޓެންޓް ދެނެގަނެ، ސެންސަރުކުރެވޭ ގޮތަށް ހަދާފައިވާ ފޯނެކެވެ. އަދި އެ ނޫން ވެސް ޗައިނާގެ ފޯނުތަކުގެ މޮޑެލްތަކުގައި ސެކިއުރިޓީ އެތައް މައްސަލަތަކެއް ހިމެނޭ ކަމަށް ބުންޏެވެ.

"އެހެންވެ އަހަރެމެން ދޭ ލަފަ އަކީ ޗައިނާގެ ފޯނު ނުގަތުން،" ލިތުއޭނިއާގެ ޑިފެންސް މިނިސްޓްރީގެ ނައިބު މާޖިރިސް އެބޫކެވިޝަސް ިދާޅުވި އެވެ. "އަދި ޗައިނާގެ ފޯނު މިހާރު ބޭނުންކުރާ ނަމަ އެ ބޭނުންކުރުން ހުއްޓާލުން."

ޗައިނާގެ ފޯނުތަކަށް ލިތުއޭނިއާ އިން ކުރި ތުހުމަތުތަކާ ގުޅިގެން ވާވޭ އާއި ޝޯމީން ވެސް ބަޔާން ނެރެ ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ. ދެ ކުންފުނިން ވެސް ބުނީ ލިތުއޭނިއާ އިން ތުހުމަތުކުރާ ފަދަ އެއްވެސް ކަމެއް އެ ކުންފުނިތަކުގެ ފޯނުތަކުގައި ނުހިމެނޭނެ ކަމަށެވެ.

ޗައިނާ އަކީ މި ފަހަކަށް އައިސް ސްމާޓްފޯން އުފެއްދުމުގައި އެންމެ ނަގާ ކިޔާ އެއް ގައުމެވެ. އެ ގައުމުގެ ޝޯމީ އާއި ވާވޭ އާއި އޮޕޯއާއި ވީވޯ އަދި ވަން ޕްލަސް ފަދަ ބްރޭންޑްތަކަކީ ސްމާޓްފޯންތަކުގެ އަގުހެޔޮ ބްރޭންޑްތަކުގައި މަޝްހޫރު އަދި ފޯނުގެ މާކެޓްގައި ވެސް ފާހަގަކޮށްލެވޭ ބްރޭންޑްތަކެވެ.

ޗައިނާގެ ފޯނުތަކާ ދެކޮޅަށް ލިތުއޭނިއާ އިން ވާހަކަ ދައްކާފައި މި ވަނީ ދެ ގައުމުގެ މެދުގައި މި ފަހުން ސިޔާސީ ގޮތުން ވެސް ކޯޅުންތަކެއް އުފެދިފައި ވަނިކޮށެވެ. ޗައިނާ އިން ވަނީ އެ ގައުމުގައި ހުންނަވާ ލިތުއޭނިއާގެ ސަފީރު އަނބުރާ ގެންގޮސް، ލިތުއޭނިއާގައި ހުންނަވާ ޗައިނާގެ ސަފީރު ގައުމަށް ފޮނުވުމަށް ދާދި ފަހުން އަންގައިފަ އެވެ. މި ކޯޅުމެއް ފެށުނީ ލިތުއޭނިއާގައި ހުންނަ ޓައިވާންގެ މިޝަނަށް ޓައިވާނީޒް ރެޕްރެޒެންޓޭޓިވް އޮފީސް ކިޔަން ނިންމުމާ ގުޅިގެން އެކަމާ ޗައިނާ އިން ހިތްހަމަނުޖެހުނު ހިސާބުންނެވެ.