Roadha Mihaaru
ސަރުކާރާ މެދު ތާލިބާންގެ ވެރިންގެ މެދުގައި ދެބަސްވުން

ސަރުކާރު އެކުލަވައިލި ގޮތުން ތާލިބާނުންގެ ވެރިންގެ މެދުގައި ދެބަސްވުން

15 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން އެކުލަވައިލި އާ ސަރުކާރުގެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސި ގޮތާ މެދު، ތާލިބާނުންގެ އިސް ވެރިންގެ މެދުގައި ދެބަސްވުންތަކެއް އުފެދިއްޖެ އެވެ.

އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން އެކުލަވައިލި އާ ސަރުކާރުގެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސި ގޮތާ މެދު، ތާލިބާނުންގެ އިސް ވެރިންގެ މެދުގައި ދެބަސްވުންތަކެއް އުފެދިއްޖެ އެވެ.

ތާލިބާން ޖަމާއަތުގެ އިސް ބައެއް ބޭފުޅުން ބީބީސީ އަށް ކިޔައިދިން ގޮތުގައި ތާލިބާން ޖަމާއަތުގެ އިސް ވެރިންގެ މެދުގައި ދެބަސްވުން ހިނގީ މިދިޔަ ހަފުތާގައި، ރިއާސީ ގަނޑުވަރުގައި އޮތް ބައްދަލުވުމެއްގެ ތެރޭގަ އެވެ. މިދެބަސްވުން ހިނގީ، އެ ޖަމާއަތުގެ އެއް މުއައްސިސް އަދި މިހާރު ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި އަބްދުލްޣަނީ ބަރާދަރު އާއި ކެބިނެޓްގެ އެހެން މެމްބަރަކާ ދެމެދުގަ އެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފުމާއެކު، އާންމުކޮށް ފެންނަމުން ދިޔަ އެއް ބޭފުޅަކީ އަބްދުލްޣަނީ ބަރާދަރު އެވެ. ނަމަވެސް މި މަހުގެ 6 ވަނަ ދުވަހު ވެރިކަން އިއުލާންކުރި ފަހުން، މީޑިއާތަކުން އޭނާ ފެނުން މަދުވެފައިވާތީ، ތާލިބާންގެ އިސް ވެރިންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް އަޑު ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ނަމަވެސް، އެ ތުހުމަތުތަކާ ގުޅޭ ގޮތުން ތާލިބާނުންގެ ފަރާތުން ރަސްމީކޮށް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ތާލިބާނުންގެ އިސް ބޭފުޅަކު ބީބީސީ ޕޮޝްތޫ އަށް ކިޔައިދިން ގޮތުގައި، ދެބަސްވުން އުފެދުނީ އަބްދުލްޣަނީ ބަރާދަރު އާއި ރެފިއުޖީންނާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަންކުރި ޚަލީލުއްރަހްމާން ހައްގާނީއާ ދެމެދުގަ އެވެ. ދެބޭފުޅުންގެ މެދުގައި ހަރުކަށި ބަސްތައް ބޭނުންކުރަމުން ދިޔަ އިރު، އެ ތަނުގައި ތިބި އެހެން މީހުންގެ މެދުގައި ވެސް ދެބަސްވުންތައް ހިނގަމުން ދިޔަ އެވެ. އެއް ބަޔަކު ތިބީ ބަރާދަރާ އެއްކޮޅަށެވެ.

ތާލިބާންގެ ހަނގުރާމަވެރިއަކު އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން އަފްޣާން ސިފައިންގެ މީހަކާ ސަލާމްކޮށް އީދުގެ ތަހުނިޔާ ބަދަލުކުރަނީ.

ތާލިބާންގެ ހަނގުރާމަވެރިއަކު އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން އަފްޣާން ސިފައިންގެ މީހަކާ ސަލާމްކޮށް އީދުގެ ތަހުނިޔާ ބަދަލުކުރަނީ.

ކަމުގެ ހަގީގަތް އެނގޭ އެހެން ބޭފުޅަކު ބީބީސީ އަށް ކިޔައިދިން ގޮތުގައި، ކެބިނެޓް އެކުލަވައިލި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރެއްވީ ބޮޑުވަޒީރުގެ ނައިބު އަބްދުލްޣަނީ ބަރާދަރު އެވެ. އަދި ދެ ބޭފުޅުންގެ މެދުގައި އަރާރުން ހިނގަމުން ދިޔަ މައިގަނޑު ނުކުތާއަކީ، ތާލިބާނުންނަށް ލިބުނު ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރި މީހަކީ ކާކުތޯ ކުރެވުނު ސުވާލެވެ.

ބަރާދަރު ވިދާޅުވަމުން ގެންދެވީ، ތާލިބާނުންނަށް ގައުމުގެ ވެރިކަމާ ހަމައަށް އާދެވުނީ، ތާލިބާން ޖަމާއަތުގެ ސިޔާސީ ވެރިން ޑިޕްލޮމެޓިކް ގޮތުން ކުރެއްވި މަސައްކަތުން ކަމަށެވެ. ނަމަވެސް ހައްގާނީ ވިދާޅުވި ގޮތުގައި ތާލިބާނުންނަށް ލިބުނު ކާމިޔާބީގެ އަސްލަކީ، އެ ޖަމާއަތުގެ ހަނގުރާމަވެރިން އެތައް އަހަރެއް ވަންދެން ހަނގުރާމައިގެ މައިދާނުގައި ވި ގުރުބާނީ އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅޭ ގޮތުން އެމެރިކާގެ އިސް މަންދޫބާ އެކު ކުރެވުނު މަޝްވަރާތަކުގައި ތާލިބާނުންގެ ފަރާތުން ހުންނެވި އިސް މަންދޫބަކީ ބަރާދަރު އެވެ. އެމެރިކާ ސިފައިން އަފްގާނުން ފޭބުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އަބްދުލްޣަނީ ބަރާދަރު ވަނީ، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފޯނުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ދިޔައިރު ވެސް، ތާލިބާން ޖަމާއަތުގެ އެންމެ ވަރުގަދަ ވިއުގަ ކަމަށްވާ ހައްގާނީ ވިއުގައިން ދިޔައީ، އެމެރިކާ ސިފައިންނާއި އަފްގާނު ސަރުކާރު ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެމެރިކާ އިން ހައްގާނީ ވިއުގަ ގިންތިކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގަ އެވެ.

ކާބުލް ހިފުމަށް ފަހު ކާބުލް ވައިގެ ބަނދަރަށް ދެވޭ މައި މަގުގައި ތާލިބާންގެ ހަނގުރާމަވެރިން ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

ކާބުލް ހިފުމަށް ފަހު ކާބުލް ވައިގެ ބަނދަރަށް ދެވޭ މައި މަގުގައި ތާލިބާންގެ ހަނގުރާމަވެރިން ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

ތާލިބާނުންގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ދެބަސްވުން އުފެދުމާ އެކު ބަރާދަރު ވަނީ ކާބުލް ދޫކުރައްވައި ކަންދަހާރަށް ވަޑައިގެންފަ އެވެ.

ބަރާދަރު ވީތަނަކާ މެދު މިހާރު ސުވާލު އުފެދިފައިވާ އިރު، ތާލިބާންގެ ފަރާތުން އެކަމާ ގުޅޭ ގޮތުން މިހާތަނަށް ދައްކަމުން އަންނަނީ އޮޅުން އަރާ ފަދަ ވާހަކަތަކެކެވެ. އެންމެ ފުރަތަމަ ބުނީ ބަރާދަރު އުޅުއްވަނީ ކަންދަހާރަށް ވަޑައިގެން ތާލިބާންގެ އެންމެ އިސް ވެރިޔާ ހައިބަތުﷲ އަޚުންދް ޒާދާއާ ބައްދަލުކުރައްވަން ކަމަށެވެ. ނަމަވެސް ފަހުން ބުނެފައިވަނީ، ބަރާދަރު މާބޮޑަށް ވަރުބަލިފުޅުވެގެން އަރާމުކޮށްލައްވަނީ ކަމަށެވެ.

ތާލިބާނުންގެ ވާހަކަތައް ހުރި ގޮތުން، ބަރާދަރަށް ވީ ގޮތަކާ މެދު ގިނަ ބައެއްގެ މެދުގައި މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ އެމެރިކާ ސިފައިންގެ ހަމަލާތަކުގައި، ތާލިބާނުންގެ ވެރިޔާ މުއްލާ އުމަރު މަރައިލުމުން ވެސް، ތާލިބާނުން އެކަން ދޮގުކޮށް، ދެ އަހަރު ވަންދެން ތާލިބާނުން ދިޔައީ، މުއްލާ އުމަރުގެ ނަމުގައި ބަޔާންތައް ނެރެމުންނެވެ.