Roadha Mihaaru
އިސްކަންދަރު ސްކޫލުގެ ކުދިންގެ ފޮތް ދަބަސްތަކަށް ލުޔެއް

އިސްކަންދަރުގެ ކުދިންގެ ދަބަސްތައް ލުއިކުރުމަށް، ބައެއް ފޮތްތައް ސްކޫލުގައި ބަހައްޓަނީ

03 ސެޕްޓެމްބަރ 2021

ދަރިވަރުންގެ ފޮތް ދަބަސް ބަރުވާތީ، އެ ކަމަށް ހައްލެއް ހޯދުމަށް ކުލާހުގައި ބައެއް ފޮތްތައް ބަހައްޓާ ގޮތަށް އިސްކަންދަރު ސްކޫލުން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދަރިވަރުންގެ ފޮތް ދަބަސް ބަރުވާތީ، އެ ކަމަށް ހައްލެއް ހޯދުމަށް ކުލާހުގައި ބައެއް ފޮތްތައް ބަހައްޓާ ގޮތަށް އިސްކަންދަރު ސްކޫލުން ނިންމައިފި އެވެ.

އެ ސްކޫލުން ބައެއް ބެލެނިވެރިންނަށް އިއްޔެ އެންގި އެންގުމުގައިވާ ގޮތުން ކުދިން ގެންދަންޖެހޭ ފޮތްތައް މަދުކޮށް، އެ ކުދިންގެ ދަބަސް ލުއިކުރުމުގެ ބޭނުމުގައި އިއްޔެ އިން ފެށިގެން ބައެއް ފޮތްތައް ކްލާހުގައި ބަހައްޓާނެ އެވެ.

ކުލާހުގައި ބަހައްޓާ ފޮތްތައް ކްލާސް ޓީޗަރުން ބެލެނިވެރިންނަށް އަންގާނެ ކަމަށާއި ކުދިންގެ މަސައްކަތްތައް ހުރި ނެތް ގޮތް ބަލައި އެހީވުމަށް ކަނޑައެޅޭ އުސޫލަކުން އެ ފޮތްތައް ގެ އަށް ފޮނުވާނެ ކަމަށް ވެސް އެންގުމުގައި ވެ އެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު، "މިހާރު" އަށް މިއަދު ވިދާޅުވީ ފޮތް ދަބަސް ބަރުވާތީ، ކުދިންގެ ފޮތްތައް ސްކޫލުގައި ބަހައްޓާ ގޮތަށް ކުރިން ވެސް ހަމަޖެއްސި އެވެ. އެހެންވެ ސްކޫލުގައި މިހާރު ވެސް ލޮކަރު ހުންނަ ކަމަށާއި އެކަމަކު ލޮކަރުގެ އަދަދު އިތުރުކޮށް، ދާއިމީ ގޮތެއްގައި ފޮތް ދަބަސް ބަރުވާ މައްސަލަ އަށް ހައްލެއް ގެނައުމަށް މި ފަހަރު ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވިގޮތުގައި މި ގެނައި ބަދަލާއެކު، ކީ ސްޓޭޖް އެކަކާއި ކީ ސްޓޭޖް ދޭއްގެ ކުދިންގެ ބޭނުން ނުވާ ފޮތްތައް ބައްޓާނީ ސްކޫލުގަ އެވެ. އެކަމަކު ގޭގައި ފިލާވަޅެއް ހަދަން ޖެހޭ ހާލަތެއްގައި އެ ފޮތް ގެއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަށް ގްރޭޑްތަކުގެ ކުދިންނަށް ހޯމްވޯކ ދިނުމަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބާރު އަޅަނީ ކްލާސް ގަޑީގައި މަސައްކަތް ނިންމަން. އެކަމަކު ކުއްޖަކަށް ފިލާވަޅެއް ނުނިމިގެން ގޭގައި ފިލާވަޅެއް ހަދަން ޖެހިދާނެ،" ސައީދު ވިދާޅުވި އެވެ.

ސްކޫލު ކުދިންގެ ފޮތް ދަބަސް ބަރުވުމުން ސްކޫލުތަކުގެ ބެލެނިވެރިން އެކަމުގެ ޝަކުވާ ކުރަމުން ދާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަށް ހައްލެއް ހޯދަން ބައެއް ސްކޫލުތަކުން ލޮކަރު ބެހެއްޓި ނަމަވެސް ގިނަ ސްކޫލުތަކުގައި އެފަދަ އެއްވެސް އިންތިޒާމެއް ނެތެވެ.

ކުދިންގެ ފޮތް ދަބަހުގެ ބަރުދަން އާންމުކޮށް އުޅެނީ 5-6 ކިލޯއާ ދެމެދުގަ އެވެ. އެކަމަކު ހެދިބޮޑުވަމުން އަންނަ ކުދިން އާންމު ގޮތެއްގައި އެހާ ބަރު ދަބަސް އަޅުވައިގެން އުޅުމަކީ ސިއްހީ މައްސަލަތައް ދިމާވާނެ ކަމެއް ކަމަށް ކަށީގެ ޑޮކްޓަރުން ބުނެ އެވެ. މިހާރު ވެސް ބުރަކައްޓާއި ކޮނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު އިތުރު ކަމަށް ކަށީގެ ޑޮކްޓަރުން ބުނެ އެވެ.