03 ސެޕްޓެމްބަރ 2021
މާލޭގެ މީހަކަށް ވިޔަސް ވަންނާނެ ގެދޮރެއް ނެތް ކަމަށާއި ހާލުގައި ޖެހުމުން ދާނެ ރަށެއް ވެސް ނެތް ކަމަށް ބުނެ މާލޭގެ މީހުންގެ އުދާސްތައް ރޭ ބަންޑުން ކޮށްލައިފި އެވެ.
މާލޭގެ މީހަކަށް ވިޔަސް ވަންނާނެ ގެދޮރެއް ނެތް ކަމަށާއި ހާލުގައި ޖެހުމުން ދާނެ ރަށެއް ވެސް ނެތް ކަމަށް ބުނެ މާލޭގެ މީހުންގެ އުދާސްތައް ރޭ ބަންޑުން ކޮށްލައިފި އެވެ.
މާލޭގެ މީހުންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން ވަނީ އެއީ މާލޭގެ މީހުން ނަމަވެސް އަމިއްލަ ވަޒަނުގައި އުޅެމުންދާ ދަތި ހާލު ކިޔައިދީފަ އެވެ.
އެ ބައްދަލުވުމުގައި މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި އައިޝަތު ހަސަން ބުނީ، މާލޭގެ މީހުންގެ ހައްގުގެ ވާހަކަ ދެއްކުމުން ބައެއް ރަށްރަށުގެ މީހުން، މާލޭގެ މީހުންނަކީ "ރޭސިސްޓް" ބައެއްގެ ގޮތުގައި ސިފަކުރާ ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދެމުން އޭނާ ބުނީ، އެހެން ރަށްރަށުގެ މީހުންނަށް އެ މީހުންގެ ރަށާއި އަތޮޅުގެ ހައްގު އޮންނަ ފަދައިން މާލޭގެ މީހުންނަށް ވެސް ހައްގުތައް އޮންނަ ކަމަށެވެ.
"ރަށްރަށުގެ މީހުންނަށް ސިއްހީ ހިދުމަތް ނުލިބޭ ވާހަކަ ދެއްކެންޏާ، ބޯހިޔާވަހިކަން ނުލިބޭ ވާހަކަ ދެއްކެންޏާ، ތައުލީމުގެ ފުރުސަތު ނޯންނަ ވާހަކަ ދެއްކެންޏާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހައްގުގެ ވާހަކަ ދެއްކޭނެ،" އޭނާ ބުންޏެވެ.
އައިޝަތު ބުނީ، މާލޭގެ ރައްޔިތުން ނިކަމެތި ހާލެއްގައި އުޅެމުން ދަނީ މިހާތަނަށް އައި އެއްވެސް ސަރުކާރަކުން އެ މީހުންނަށް އަޅައި ނުލުމުން ކަމަށެވެ.
"މާލޭގައި ފިޔަވަޅު އަޅާލާނެ ފަސްކޮޅެއް ނެތް މީހުން ވެސް އެބަ ތިބި. އެ މީހުންނަށް އެ މީހުންގެ އަމިއްލަ ރަށުން ޖާގައެއް އެބަ ޖެހޭ ދޭން ކޮންމެވެސް ގޮތަކުން. ހުޅުމާލެ ވެސް ހިއްކި. އެކަން ކުރީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދޭށޭ ކިޔާފައި،" އޭނާ ބުންޏެވެ.
ރޭގެ ބައްދަލުވުމުގައި މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން އައިޝަތު ހަސަން ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލޭގެ މީހުންނަށް ހުޅުމާލެ އިން ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭ ވާހަކަ ދެއްކުމުން އެއީ ރަށްރަށުގެ މީހުންގެ ޓެކްސް ފައިސާ އިން ހިއްކާފައިވާ ތަނެއް ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށް އައިޝަތު ބުންޏެވެ. އެކަމަކު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކަކީ މާލޭ މީހުންގެ ޓެކްސް ފައިސާ ހިމެނޭ ގޮތަށް ހިންގާ މަޝްރޫއުތަކެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
"ހުޅުމާލެއަކީ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިއްކާފައި އޮތް ތަނެއް ވިއްޔާ އެހެން ތަންތަނުގައި ހިއްކާފައި ހުރި ބިންތަކަށް އަޅުގަނޑުމެންގެ ވެސް ބާރު އޮންނާނެ. އެ ތަނުން ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ދޭން ބޭނުންވާ ފަދައިން ހުރިހާ ތަނަކުން [ރަށްރަށުން[ އަޅުގަނޑުމެންނަށް ކީއްވެތޯ ބޯހިޔާވަހިކަން ނުލިބޭންވީ. މި ތަފާތުކުރުން މި އޮންނަނީ،" އޭނާ ބުންޏެވެ.
މާލޭ މީހުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލައި އައިޝަތު ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މާލޭގެ މީހުނަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާލޭގައި އެެއް ކޮޓަރިއެއްގައި، ބޮޑެތި ވެފައި ތިބި ދަރިން މައިންބަފައިންނާއެކު ދިރިއުޅެމުންދާ ކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ވެސް އިތުރުވީ މާލޭގެ މީހުންނާ މެދު ވެފައިވާ އިހުމާލުގެ ބޮޑުކަމުން ކަމަށް އޭނާ ބުންޏެވެ.
"މުޅި އުމުރު މި ދަނީ ކިހިނެއްތޯ. ދަރިން ލިބުނު ހިސާބުން ކީއްކުރަން މީހަކާ އިން ހިސާބުން އަޅުގަނޑުމެން ޒުވާނުން މި ވިސްނަނީ ކިހިނެއްތޯއޭ އާއިލާއެއް ބިނާކުރާނީ. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ އަޅުގަނޑުގެ ދެ ފިރިހެން ދަރިން ވައްދާނެ ތަނެއް،" އައިޝަތު ބުންޏެވެ.
ބޭރު ގައުމުތަކުގައި ޒުވާނުން މީހަކާ އިނުމުގެ ކުރިން ކޮންމެވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ހޯދާ ކަމަށާއި އެކަމުގެ މި ރާއްޖޭގައި އެ ފުރުސަތު ވެސް ޒުވާނުންނަށް ނެތް ކަމަށް ވާހަކަ ދެއްކި މީހުން ބުންޏެވެ.
"އެންމެން ވެސް ބޭނުންވާނެ އެ މީހުން މީހަކާ އިނދެގެން ގޮސް ވަންނާނެ ތަނެއް އޮންނަން. އެކަމަކު ރާއްޖޭގެ ހާލަތަކީ މީހަކާ އިނދެގެން ހައްސަ ދަރިންނާ ބަންގާޅު ފޮއްޓަކާ ނުލިބޭހާ ހިނދަކު ބޯހިޔާވަހިކަމަށް ޝަރުތު ހަމައެއް ނުވޭ." ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.
މާލޭގެ ރައްޔިތުންގެ ހައްގުގައި އޭނާ ގޮވައިލީ ލާމަރުކަޒީ ގާނޫނަކީ ކަރުދާހެއްގައި ލިޔެފަ އޮތް އެއްޗެއްގެ ބަދަލުގައި އޭގައިވާ ކަންކަން ތަންފީޒު ކުރުމަށެވެ. ނޫން ނަމަ މާލޭގެ ރައްޔިތުންގެ މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށް ބުންޏެވެ.
އެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި ހައްވާ ލީޝާ ބުނިގޮތުގައި، މާލޭގެ މީހުންގެ ނިކަމެތި ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން "މާކެޓިން ޓޫލް" އަކަށް އެ މީހުންގެ ގެތަކަށް ވަދެ ފޮޓޯ އާއި ވީޑިއޯ ނަގައިގެން ވެރިކަން ހޯދުމަށް މަސައްކަތް ކުރެ އެވެ.
"އަޅުގަނޑުމެންނަކީ ކުލި ކައިގެން ގޭގައި ތިބޭ ބައެއް ނޫން. މާލޭގެ ރައްޔިތުން އެބަ އުޅޭ ގޭގައި ބަންކް ބެޑް ޖަހައިގެން ކޮންމެ އެނދެއްގައި ދެމަރިފިރިއެއް. މިއީ ޖޯކެއް ނޫންް. މިއީ މާލޭ ރަށްވެހިންގެ ހާލު އިނގޭތޯ،" އޭނާ ބުންޏެވެ.
ލީޝާ ބުނީ މާލޭގައި ބިން ނެތް ނަމަ މާލެ ދޫކޮށް ދިއުމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް މާލޭ މީހުން ދާނެ ވަކި އިތުރު ރަށެއް ވެސް ނެތް ކަމަށެވެ.
މާލޭ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ކޮން ރަށަކުންތޯ މާލޭ މީހުންނަށް އެންމެ އަކަފޫޓެއް ވެސް ދޭނީ. އަޅުގަނޑުމެން ވެސް ހިތުގައި ޖެހޭ ފޭސްބުކް ބަލާލާއިރު މި ވެނި ރަށެއްގައި ބިން ހިއްކައިގެން ގޯތިދޭ ވާހަކަ ފެނުނީމާ. މާލޭ ރައްޔިތުން ކޮންތާކަށްތޯ ވަންނަންވީ. ރާޅުގަނޑަށް ގޮސް ގެނބެންވީތޯ އަޅުގަނޑުމެން،" ލީޝާ ބުންޏެވެ.
ކޮވިޑް ހާލަތުގައި ހާލުގައި ޖެހި ކުއްޔަށް އުޅޭ ގިނަ ބަޔަކު އެ މީހުންގެ ރަށްރަށަށް ބަދަލުވިކަން ފާހަގަކޮށް ލީޝާ ބުނީ އެ ހާލަތަށް ދިއުމުން ވެސް މާލޭގެ މީހުން ދާނެ އިތުރު ތަނެއް ނެތް ކަމަށެވެ.
"ބޯހިޔާވަހިކަން ނުފުއްދާ ބަޔަކަށް ވޯޓެއް ނުދޭނަން. މަޖިލީހުގައި މާލޭ ތަމްސީލު ކުރަން 15 މެމްބަރުން ތިއްބަވާއިރު އަޅުގަނޑުމެން އެ ބޭފުޅުން ކައިރީ ދެއްކީ އެންމެ ކަމެއް. އެކަން ނުވަންޏާ ފައިބައިގެން ވަޑައިގެންނަވާ. އަޅުގަނޑުމެން ބޭނުމެއް ނޫން މަޖިލިސް މެމްބަރުންނެއް،" ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ދާއިރާތައް ތަމްސީލު ކުރައްވާ މެމްބަރުންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ލީޝާ ބުންޏެވެ.
އަމިއްލަ ރަށުގައި ބިކަވެ ނިކަމެތިވެ މަގުމަތިވުމަށް ވުރެ ނިކަމެތި ކަމެއް މާލޭ ރަށްވެހިންނަކަށް ނުދެވޭނެ --
"ގޯތި" ހަރަކާތުގެ ފަރާތުން ވާހަކަ ދެއްކި އިބްރާހީމް ރަޝީދު ބުނީ ކެމްޕެއިންތަކާ ދިމާކޮށް މާލޭ މީހުންގެ ގެތަކަށް ޒިޔާރާތްކުރާއިރު މާލޭގެ މީހުން އުޅޭ ހާލު ވަރަށް ރީއްޗަށް ވެރިންނަށް ފެންނާނެ ކަމަށެވެ. އެކަމަކު ކަނޑައެޅިގެން ހާލަތު އެނގި ތިބެ ރައްޔިތުންނަށް "ދޯކާ" ދެމުންދާ ކަމަށް އެ މީހާ ބުންޏެވެ.
އޭނާ ވަނީ ގުޅީފަޅުގައި ޕޯޓު އެޅުން ހުއްޓާލައި މާލޭގެ މީހުންނަށް ގޯތި ދޫކުރުމަށް ގޮވާލައިފަ އެވެ. އަދި އެގޮތަށް އެކަން ނުކުރާ ނަމަ، މާލޭގެ ގޯތި ހަރަކާތުގެ ފަރާތުން ބަނޑުހައި ހޫނުކަމުގެ ހަޅުތާޅެއް ފަށާނެކަމުގެ އިންޒާރު ވެސް ދިނެވެ.
"ބާރުދޭ ކޮންމެ ފަހަރަކު ހައްގުތައް ފޭރިގަތީ،" ކަންބޮޑުވުމާއެކު އިބްރާހިމް ރަޝީދު ބުންޏެވެ.
އޭނާ ވަނީ އެޗްޑީސީން ހުޅުމާލޭ ހިންގަމުންދާ ގޮތަށް ވެސް ފާޑުކިޔާފަ އެވެ. އެގޮތުން މާލޭ މީހުންގެ ކަންކަން ކުންފުންޏަކުން ބަލަމުން އަންނައިރު އެއީ ވިޔަފާރި ކުންފުންޏެއް ކަމަށާއި މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ.
ވާހަކަ ދެއްކި އާންމު ރައްޔިތުން ވަނީ އެޗްޑީސީއަކީ އޮންނަން ޖެހޭ ތަނެއް ވެސް ނޫން ކަމަށް ބުނެފަ އެވެ. އެ ކުންފުނި އުވާލުމަށް ގޮވާލި އެވެ. އަދި ސަރުކާރުން މާލޭ މީހުންނަށް ދޭން ޖެހޭނީ ފްލެޓް ނޫން ކަމަށާއި ބޭނުން ވަނީ ގޯތި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ދަރިން ދިރިއުޅުމެއް ފެށުމުން ފްލެޓްގަައި އުޅޭ ނަމަ، އެ މީހުންނާއި ދަރިންނަށް ވެސް ޖެހެނީ ހަމަ އެއް ހާލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އިތުރު މީހުން ވަނީ ދައުލަތުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މާލޭގެ ރައްޔިތުންގެ އިންސާނީ ހައްގަށް އަރައިގެންފައިވާ ކަމަަށް ބުނެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުން އިންސާފުވެރިތަ؟
ވަކި ބަޔަކަށް ބިން ވިއްކުން: ތަފާތު ކުރުމެއްތަ؟
ބިން ވިއްކާ ގޮތް ބޭއިންސާފު، އެޗްޑީސީން ފިނި ޖަވާބެއް
އެޗްޑީސީ އުވާލަން ޖެހޭ: މުއިއްޒު
ހުޅުމާލޭގެ ބިމާގުޅޭ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފި
ހިޔާ ފްލެޓްގެ އަގުކުޑަކޮށްފި ނަމަ ގެއްލުންވާނެ: އޮޑިޓް
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
ހުޅުމާލެ 3 އިން ޖެނުއަރީގެ ނިޔަލަށް ގޯތި ދެނީ