Roadha Mihaaru
ފިލްމުގެ ކުރިން ސަންޖޭގެ ދަރިފުޅުގެ އިޝްތިހާރެއް

ފިލްމުގެ ކުރިން ސަންޖޭގެ ދަރިފުޅުގެ އިޝްތިހާރެއް

03 ސެޕްޓެމްބަރ 2021

އެކްޓަރު ސަންޖޭ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް ބޮލީވުޑަށް ނުކުންނަން ތައްޔާރު ވަމުން އަންނަ އިރު، އޭނާގެ އެކްޓިން ފުރަތަމަ ފަހަރަށް ޓީވީ އިޝްތިހާރަކުން ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ސަންޖޭ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް ބޮލީވުޑަށް ނުކުންނަން ތައްޔާރު ވަމުން އަންނަ އިރު، އޭނާގެ އެކްޓިން ފުރަތަމަ ފަހަރަށް ޓީވީ އިޝްތިހާރަކުން ދައްކާލައިފި އެވެ.

ބޯފަންކުރާ ޑިވައިސްއެއްގެ މި އިޝްތިހާރަކީ ކަރަން ޖޯހަރްގެ ދަރުމަޓިކް އެންޓަޓައިންމަންޓުން ހަދާފައިވާ އެއްޗެކެވެ. ކަރަން ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އިޝްތިހާރު ޕޯސްޓްކޮށްފަ އެވެ. މި އިޝްތިހާރުގައި ފެންނަނީ ޝޫޓިންއަކަށް ސްޓައިލިސްޓުންނާ އެކު ޝަނާޔާ ރީތިވާން ހުއްޓާ ސްޕެގެޓީ ތައްޓެއް ގެނެސްދިނުމުން އޭނާ އަށް ވާ ގޮތެވެ.

މި އިޝްތިހާރަށް ވަރަށް ގިނަ ބަޔަކު ޖޯކް ޖަހައި، ޝަނާޔާގެ އެކްޓިން އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. ސޯޝަލް މީޑިއާގައި ގިނަ މީހުން ބުނީ އިޝްތިހާރަކީ ސްޓްރައިޓެނާއެއްގެ އިޝްތިހާރަކަށް ވިޔަސް، އޭގެ ހުރިހާ ފޯކަސްއެއް ހުއްޓިފައި އޮތީ ސްޕެގެޓީއަށް ކަމަށެވެ. އަދި ސްޕެގެޓީ ފެނުމުން ޝަނާޔާ ޖައްސާ ވައްތަރުން ބޮލަށް ތުރާވާ ކަމަށާއި އޭނާގެ ފަރާތުން ފެނިފައި ވަނީ އޯވައެކްޓިން ކަމަށް ވެސް ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ކަރަން ޕޯސްޓްކުރި އިޝްތިހާރުގެ ކެޕްޝަނުން ވެސް ފާޑަކަށް އޮތީ ޝަނާޔާ އަށް "މަލާމާތްކޮށްފަ" އެވެ. ކަރަން ބުނެފައި އޮތީ ޒުވާން ބަތަލާގެ އިސްތަށިގަނޑު ވަރަށް ރީތި ކަމަށެވެ. އެކަމަކު ދުވަހަކު ވެސް އޭނާ ސްޕެގެޓީ ތައްޓެއް ދުށިންތޯ ސުވާލުކޮށްފައިވެ އެވެ.

ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަން ޝަނާޔާ، 21، ބޮލީވުޑަށް ނެރެން ނިންމިކަން އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެކަމަކު އޭނާގެ ފުރަތަމަ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން މިދިޔަ ޖޫން މަހު ބުނެފައި ވަނީ ޝަނާޔާގެ އަލަތު ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށާއި އެއީ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށެވެ.

ޝަނާޔާ އެކްޓިން އަށް ނުކުންނަ އިރު މިދިޔަ އަހަރު ކަރަންގެ ދަރުމާ އިން ގެނެސްދިން ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ މަސައްކަތްކޮށްފައިވެ އެވެ.

ޖާންވީ އަކީ ޝަނާޔާގެ ދެބެއިންގެ ދެދަރި ދައްތައެކެވެ. ޝަނާޔާގެ ބައްޕަ ސަންޖޭ އަކީ ޖާންވީގެ ބައްޕަ ބޯނީ ކަޕޫރްގެ ކޮއްކޮ އެވެ. ބަތަލާ ސޯނަމް ކަޕޫރްގެ ބައްޕަ އަނިލް އަކީ އެ ދެބޭންގެ މެދަށް ހުންނަ މީހާ އެވެ. މި އާއިލާ އިން ބޮލީވުޑަށް ނުކުންނަން އުޅޭ މީހުންގެ ތެރޭގައި ޖާންވީގެ ކޮއްކޮ ހުޝީ ކަޕޫރް، 20، ވެސް ހިމެނެ އެވެ. ޖާންވީ އާއި ހުޝީ އަކީ އެކްޓަރު އަރުޖުން ކަޕޫރާ އެއްބަފާ ދެބޭންނެވެ.