Roadha Mihaaru
ޔާމީންގެ މަރު: ޕީޖީގެ ވާހަކަތަކަށް ކޯޓުން ރައްދު ދީފި

ޔާމީންގެ މަރުގެ މައްސަލާގައި ޕީޖީ ދެއްކެވި ވާހަކަތަކަށް ކޯޓުން ރައްދު ދީފިި

31 އޯގަސްޓް 2021

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ނުނިމި ލަސްވާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކަތަކަށް ކްރިމިނަލް ކޯޓުން މިއަދު ރައްދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ނުނިމި ލަސްވާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކަތަކަށް ކްރިމިނަލް ކޯޓުން މިއަދު ރައްދު ދީފި އެވެ.

އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ދެއްކެވި ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ދެ ދުވަސް ތެރޭގައި ނިންމައި، ހުކުމް ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ކޮމެޓީގައި ވިދާޅުވިޔަސް، ކޯޓުން ޝަރީއަތްތައް ހިންގަން ޖެހެނީ ގާނޫނުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ކޯޓުން މަސައްކަތް ކުރަނީ އިޖްރައާތުތަކާ އެއްގޮތަށް އަދި ހައްގުުތައް ނުގެއްލޭ ގޮތަށް އެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކަމަށާއި އެހެން ނޫން ނަމަ، އިސްތިއުނާފް މަރުހަލާގައި އެ ނިންމުމެއް ބާތިލްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ މަރުތަކާ ބެހޭ ކޮމިޝަންގެ ސިޓީއަކާ އެކު، އެ މައްސަލަ އަވަސްކޮށްދޭން ކޯޓުގައި އެދުނު ކަމަށް ޕީޖީ ވިދާޅުވިޔަސް، މަރު ކޮމިޝަންގެ ސިޓީއަކާ އެކު އެފަދަ އެއްވެސް ސިޓީއެއް ލިބިފައިނުވާ ކަމަށެވެ. އަދިި މިހާރު އެ މައްސަލަ ބައްލަވާ ގާޒީ އެ މައްސަލަ ބެއްލެވުމާ ހަވާލުވެ ވަޑައިގަތް ފަހުން މައްސަލަ އަވަސްކޮށްދޭން އެދި ދައުލަތުން ސިޓީ ފޮނުވާފައިވަނީ މިމަހު ކުރީކޮޅު އަދި އިއްޔެގެ ވަގުތެއްގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އަންނަ ނޮވެމްބަރުު މަހު އެ މައްސަލަ ނިންމަން އެދިފައިވާ ކަމަށް ޕީޖީ ވިދާޅުވިޔަސް، އެފަދަ ހުށަހެޅުމެއް ލިބިފައި ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ޕީޖީ ވިދާޅުވެފައި ވިޔަސް، އެކަން އެގޮތަށް ދިމާވީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ކޯޓަށް މީހުން ހާޒިރު ކުރުމުގައި ހުރި ދަތިތަކެއް ކުރިމަތިވާތީ ކަމަށާއި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް އެކަން ސާފުކޮށްދީފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ އެ މައްސަލަ ކުރިއަށް ގެންދަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ފަދަ ތާވަލެއް އެކުލަވާލުމެއް ނެތި ކަމަށް ޕީޖީ ވިދާޅުވިޔަސް، މައްސަލަ ކުރިއަށް ގެންދަނީ ތާވަލެއް އެކުލަވާލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަހަށް ވެސް ތާވަލް އެކުލަވާލައި، މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށާއި އެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ދާ ނަމަ، އަންނަ ޑިސެމްބަރު މަހު އެ މައްސަލާގެ ހުކުމް އިއްވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، ޔާމީންގެ މަރުގެ މައްސަލަ ނުނިމި ލަސްވަމުންދާތީ އޭނާގެ އާއިލާ އާއި ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.