Roadha Mihaaru
މައްސަލަ ހައްލުކޮށް ފްލެޓްތަކަށް ކަރަންޓުދޭން ފަށަައިފި

މައްސަލަ ހައްލުކުރުމަށް ފަހު ޓަވަރުތަކަށް އަލުން ކަރަންޓުދޭން ފަށައިފި

24 އޯގަސްޓް 2021

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މެދުކެނޑުމަކަށް ފަހު އަލުން ކަރަންޓުދޭން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މެދުކެނޑުމަކަށް ފަހު އަލުން ކަރަންޓުދޭން ފަށައިފި އެވެ.

ހިޔާ ފްލެޓުތަކުގެ ލިފްޓެއްގެ ތެރޭގައި ބަޔަކު ތާށިވުމާ ގުޅިގެން, ލިފްޓުތައް ކޮމިޝަން ކުރުމުގެ މަސައްކަތް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓު ނުދޭން އެޗްޑީސީން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެކަމަކު ސްޓެލްކޯ އިން ބުނީ ހިޔާގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ނިންމާފައިވާކަން އެޗްޑީސީން އަންގާފައިވާ ކަމަށެވެ.

އެހެންވެ އެ ޓަވަރަަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ކުންފުންޏަށް އެންގުމާ ގުޅިގެން މިއަދު އެ ދެ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ކުރިން ވެސް ހަމަޖެހިފައިވާގޮތަށް އެ ދެ ޓަވަރުން ފްލެޓް ލިބިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ގަޑި އަންގާނެ ކަމަށެވެ. އެގޮތަށް މެސެޖް ފޮނުވުމުން އެކުންފުނިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑި ހިފައިގެން ފްލެޓަށް ދިއުމަށް ވަނީ އެދިފަ އެވެ.

ޓަވަރުތަކަށް ކަރަންޓު ދިނުން މެދުކަނޑާލުމުގެ ކުރިން ސްޓެލްކޯ އިން ކަރަންޓު ދެމުން އައީ ކޮންމެ ދުވަހަކު ދެ ޓަވަރަށެވެ. އެކަމަކު ޓެކްނިކަލް މައްސަލަތައް ދިމާވާތީ ރާވާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވެ އެވެ.

ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓުދީފައިވާތީ ފްލެޓް ތަޅުދަނޑި ލިބުނު ބައެއް މީހުން މިހާރު ވަނީ އެތަނުގެ ފިނިޝިން މަސައްކަތް ވެސް ފަށައިފަ އެވެ. އެ މަސައްކަތް ކުރުމަށް އެތަނަށްދާ ބައެއް މީހުން ލިފްޓްތަކުގައި ތަށީވެ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތްކޮށްފައިވެ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެ ފްލެޓް ނިންމުމަށް ކުލި ނުނަގާ ގޮތަށް ދީފައިވާ މުއްދަތަކީ ޑިސެމްބަރުގެ ނިޔަލެވެ.