Roadha Mihaaru
ފުލުހުން ހިފެހެއްޓި ޕިކަޕެއްގެ މައްސަލާގައި ބަދަލު ދެނީ

މުޒާހަރާއަކުން ފުލުހުން ހިފެހެއްޓި ޕިކަޕެއްގެ މައްސަލާގައި ބަދަލު ދޭން ހުކުމްކޮށްފި

24 އޯގަސްޓް 2021

މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހުން ހިފެހެއްޓި ޕިކަޕެއްގެ މައްސަލާގައި އެ ޕިކަޕުގެ ޑްރައިވަރަށް ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހުން ހިފެހެއްޓި ޕިކަޕެއްގެ މައްސަލާގައި އެ ޕިކަޕުގެ ޑްރައިވަރަށް ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މާޗް، 2012 ގައި އެމްޑީޕީން ކުރި މުޒާހަރާއެއްގެ ތެރެއިން ޓެކްސީ ޕިކަޕެއް ހިފެހެއްޓުމަށް ފަހު ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ޕިކަޕް ބޭއްވި އެވެ. އެކަމުގެ ސަބަބުން ޕިކަޕު ޑްރައިވަރުގެ އާމްދަނީއަށް ހުރަސް އެޅުމުން އޭނާގެ ފަރާތުން ދައުވާކުރުމުން ސިވިލް ކޯޓުން 2013 ވަނަ އަހަރު ހުކުމްކުރީ 170،000ރ. ބަދަލުގެ ގޮތުގައި ދައުލަތުން ދިނުމަށެވެ. އެކަމަކު ހައި ކޯޓުން އެ ހުކުމް ބާތިލް ކުރުމަށް ފަހު 2014 ވަނަ އަހަރު އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ.

އެ މައްސަލަ އަލުން ބެލުމަށްފަހު ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ ފުލުހުން އަމަލުކުރި ގޮތުން ބަދަލު ދޭން ޖެހެނީ ޕިކަޕު ހިފަހައްޓާފައި އޮތް މުއްދަތުގެ ތެރެއިން 41 ދުވަހަށް އަދި ކޮންމެ ދުވަހަކު އަށް ގަޑި އިރަށް ކަމަށެވެ. އަދި ކޮންމެ ގަޑިއިރަކަށް 180ރ. ރޭޓުން އެ މުއްދަތަށް ހިސާބު ކުރުމުން ޖެހޭ 59،000ރ. އާއި އެ ޕިކަޕާ އޭނާ ހަވާލުވި އިރު ލިބިފައި ހުރި ގެއްލުންތައް މަރާމާތުކުރަން ހިނގި 4،050ރ. އާ އެކު 63،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ހުކުމުގައި ދައުލަތަށް އަންގާފައިވަނީ އެއް މަސް ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށެވެ.

ސިވިލް ކޯޓުން އެންމެ ފުރަތަމަ އެ މައްސަލަ ބެލިއިރު، 170،000ރ. ދައްކަން އޭރު އެންގީ އެ ޕިކަޕު ހިފަހައްޓާފައި އޮތް ތިން މަހާއި 12 ދުވަހުގެ މުއްދަތަށް ބަލައިގެން އަދި ވަކީލު ފީ ވެސް ހިމަނައިގެންނެވެ. އެކަމަކު ހައި ކޯޓުން ނިންމީ ތިން މަސް ވުމުގެ ކުރިން އެ ޕިކަޕު ހަވާލު ކުރަން ފުލުހުން މަސައްކަތްކުރި ކަމަށާއި އެހެންވެ، މުއްދަތަށް ބަދަލު ނަގައި ނުދެވޭނެ ކަމަށެވެ. އަދި އެއްބަސްވުމެއް ނެތުމުން ވަކީލު ފީ ވެސް ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން އޭރު ނިންމި އެވެ.