Roadha Mihaaru
ރަސްދޫ ފެން ޕްލާންޓް ފެށުން ލަސްވަނީ ހުއްދަ ނުލިބޭތީ

ރަސްދޫ ފެން ޕްލާންޓުގެ ހިދުމަތް ފެށުން ލަސްވަނީ ހުއްދަތައް ނުލިބޭތީ: ސްޓެލްކޯ

24 އޯގަސްޓް 2021

އއ. ރަސްދޫ ފެން ޕްލާންޓުގެ ހިދުމަތް މިދިޔަ ހަފުތާގައި ފަށާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވީ ނަމަވެސް އެކަން އެގޮތަށް އަދި ކުރިއަށް ނުދާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އއ. ރަސްދޫ ފެން ޕްލާންޓުގެ ހިދުމަތް މިދިޔަ ހަފުތާގައި ފަށާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވީ ނަމަވެސް އެކަން އެގޮތަށް އަދި ކުރިއަށް ނުދާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކުރި 30 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓް ނިމުނުތާ ނުވަ މަހަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް ހިދުމަތް ނުލިބޭތީ ރަސްދޫގެ މީހުން ދަނީ ޝަކުވާ ކުރަމުންނެވެ.

"ރަސްމީކޮށް ސްޓެލްކޯއާ މިހާރު ވަނީ [ފެން ޕްލާންޓް] ހަވާލު ކުރެވި، ސްޓެލްކޯއާ ތަޅުދަނޑި ވެސް ހަވާލު ކުރެވިފައި. މިދިޔަ ހަފުތާގައި ހިދުމަތް ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުނީ. އެކަމަކު ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ވެސް ހީއެއް ނުވޭ ހިދުމަތް ލިބިދާނެ ހެނެއް،" ރަސްދޫ ކައުންސިލްގެ މެމްބަރު އަބްދުލް ޖަލީލް މޫސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހިދުމަތް ފެށުމަށްޓަކައި ސްޓެލްކޯ އިން ގޭތަކުގެ މައުލޫމާތު އެއްކުރަމުން އައި ނަމަވެސް އެ ފެސިލިޓީ އަށް ބޭނުންވާ މުވައްޒަފުން ވެސް އަދި ހަމައެއް ނުޖައްސަ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ކޮންމެ ތަނެއް ވެސް ނިންމާފައި ހިންގަން ދިނުމުން ތަޅުދަނޑިއާ ހަވާލުވަން. އެގޮތުން ތަނާ ހަވާލުވެފައި މި ހަފުތާގައި ހިދުމަތް ދެވޭނެ ކަމަށް ލަފާކޮށްފައި ބުނީ ހިދުމަތް ދޭނެ ވާހަކަ. ނަމަވެސް ރަސްދޫ ފެން ޕްލާންޓުގެ ހިދުމަތް ދިނުމުގައި ލިބެން ޖެހޭ ބައެއް ހުއްދަަ ލިބުން ލަސްވާތީ ހިދުމަތް ދިނުން ލަސްވަނީ"--- ސްޓެލްކޯ

ސްޓެލްކޯގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ މައްސަލައަކީ ތަން ހިންގުމުގެ އޮޕަރޭޝަން ލައިންސަންސް ލިބުން ލަސްވުމާއި ރެގިއުލޭޝަން އޮތޯރިޓީން ނިންމަންޖެހޭ ބައެއް ކަންކަން އަދިވެސް ނުނިމި ހުރުން ކަމަށެވެ. އެހެންވެ، ފެން ޕްލާންޓުގެ ހިދުމަތް ރަސްދު އަށް ދޭން ފެށޭނެ ދުވަހެއް އަދިވެސް ކަނޑައަޅަން ދަތި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިވަގުތު ކުރަމުންދަނީ އޮޕަރޭޓިން ލައިސަންސް ހޯދުމުގެ މަސައްކަތް. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ލައިސަންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރުމާ އެކު އެ މަސައްކަތް މިހާރު ދަނީ ކުރަމުން. އެހެންވެ ފެން ޕްލާންޓުގެ ޚިދުމަތް ރަސްދު އަށް ދޭން ފެށޭނެ ދުވަހެއް އަދިވެސް ކަނޑައަޅަން ދަތި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރަސްދޫގެ ގެތަކުގެ މައުލޫމާތު ސްޓެލްކޯ އިން ނަގަމުން އަންނަނީ ފެން ޕްލާންޓް ހިންގުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް ހިދުމަތް ފެށުމަށެވެ. އަދި ކުރަންޖެހޭ އެހެނިހެން ތައްޔާރީތައް ވެސް ކޮށްފައި ހުރުމުން ހިދުމަތް ދިނުން އަވަސް ކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ޕްރޮޖެކްޓްތަކުގެ ދަށުން ރަސްދޫގައި ފެނުގެ ނިޒާމު ގާއިމްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންވަޔަރުމެންޓް މިނިސްޓްރީން އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 6، 2018 ގަ އެވެ. އެމްޑަބްލިއުއެސްސީން އެ މަސައްކަތް ނިންމާފައި ވަނީ އޮކްޓޫބަރު 22، 2020 ގަ އެވެ.