Roadha Mihaaru
ފެނުނީ އަމިއްލައަށް ހެދި ބޮމާއި ބަޑި އާއި ވަޒަން

މާލޭގެ ގެޔަކުން ފެނުނީ އަމިއްލައަށް ހަދާފައި ހުރި ބޮމާއި ބަޑިއާއި ވަޒަން!

24 އޯގަސްޓް 2021

މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން މާލޭގެ ގެއަކުންނާއި ވޯކްޝޮޕަކުން، އަމިއްލައަށް ހަދާފައިވާ ހަތިޔާރު ފެނުނު މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ގެއިން ފެނުނު ތަކެތީގެ ތަފްސީލު ފުލުހުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ކިޔައިދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން މާލޭގެ ގެއަކުންނާއި ވޯކްޝޮޕަކުން، އަމިއްލައަށް ހަދާފައިވާ ހަތިޔާރު ފެނުނު މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ގެއިން ފެނުނު ތަކެތީގެ ތަފްސީލު ފުލުހުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ކިޔައިދީފި އެވެ.

ސެޕްޓެމްބަރު، 2013 ގައި މާލޭގެ ގެއަކުން ބަޑި އާއި ގޮވާތަކެތި އުފައްދަން ބޭނުންކުރާ ތަކެތި ފެނުނު މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ލ. ގަން، ހިމާޔަތް މޫސާ ޔޫސުފާއި ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމުގެ މައްޗަށެވެ.

ދައުލަތުގެ ހެކިވެރިންގެ ތެރޭގައި އެ މީހުންގެ ގެއާއި ހަސަން ނަސީމް މަސައްކަތްކުރި ވޯކްޝޮޕް ބަލައި ފާސް ކުރި ފުލުހުން ހިމެނެ އެވެ. އެ ފުލުހުން ވަނީ ބަލައި ފާސް ކުރުމުގެ ތެރޭގައި ފެނުނު ތަކެތީގެ ތަފްސީލުތައް ޝަރީއަތުގައި ކިޔައިދީފަ އެވެ. މިއަދު އެ މައްސަލައިގައި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކި އިރު ދައުލަތުގެ ވަކީލު ފުލުހުން ދެއްވި ހެކިބަސް ހުލާސާކޮށް ކިޔައިދެއްވި އެވެ.

ފުލުހުންނަށް ބަޑި ފެނުނީ ހަސަން ނަސީމް ދިރިއުޅުނު ގޭގެ އަލަމާރިއެއްގެ ތެރެއިންނާއި ފޮއްޓަކުންނާއި ތިޖޫރީއަކުންނާއި ރެކަކުން އަދި އޭނާ މަސައްކަތް ކުރި ވޯކްޝޮޕުންނެވެ. އަދި ނަރުތަކެއް ގުޅާފައި ހުރި މައިނެއް ފަދަ ގޮވާ އެއްޗެއް ވެސް ގެއިން ފެނުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ. މޫސާ ޔޫސުފަކީ ވެސް އެ ގޭގައި ދިރިއުޅޭ އޭނާއާ އެކު އެކަމުގައި ބައިވެރިވި މީހެއް ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

ފެނުނީ ބަޑި އާއި ވަޒަނާއި ބޮން

ފުލުހުންގެ ހެކިބަހުން އެނގޭ ގޮތުގައި ހަސަން ނަސީމްގެ ގެއިން އެންމެ ފުރަތަމަ ފެނުނީ ގޭގައި ހުރި އަލަމާރިއެއްގެ ތެރޭގައި ލައްގާފައި ހުރި ޝޮޓްގަން އެއް ފަދަ ބަޑިއެކެވެ. އަދި އިތުރަށް ބަލައި ފާސް ކުރުމުން ފޮއްޓެއްގެ ތެރެއިން، އަމިއްލައަށް ހަދާފައިވާ ބަޑިއަކާއި އަލިފާން ފޮށީގެ އިލޮށިތަކުން ނަގާފައިވާ ބަޑިބޭސް އަޅާފައި ހުރި ފުޅިއަކާއި ކަރަންޓު ސާމާނު ފެނުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން، އެހެން ކޮޓަރިއެއްގައި ހުރި ޓީވީ ރެކެއް ފަދަ ތަނަކުން، ހަދަން ފަށާފައިވާ ބަޑިއެއް ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބަޑި ހަދަން ކަފާފައިވާ އެސްއެސް ހޮޅިތަކާއި އިލޮށިން ބަޑިބޭސް ނަގާފައި ހުރި 14 އަލިފާން ފޮށި އެތަނުން ފެނުނު ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ހެކިބަސް ދިން ގޮތުގައި އެ ގޭގައި ހުރި ތިޖޫރީއެއްގެ ތެރެއިން އެއް ފިސްތޯލައަށް ވުރެ ގިނަ ފިސްތޯލަ އާއި އަމިއްލައަށް ހަދާފައި ހުރި ވަޒަންތަކެއް ފެނުނެވެ. ތިޖޫރީ ތެރެއިން ހަސަން މޫސާގެ އަނބިދަރިންގެ އައިޑީ ކާޑުތައް ވެސް ފެނުނު ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ވަޒަން ހަދަން ކަފާފަައި ހުރި ހޮޅިތަކެއް ވެސް ގެއިން ފެނުނު ކަމަށާއި އެ ހޮޅިތަކަކީ ތިޖޫރީއިން ފެނުނު ވަޒަންތަކާ އެއްވައްތަރު ހޮޅިތަކެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ އިތުރުން، ކުރަހާފައިވާ، ބަޑި ހަދާނެ ގޮތުގެ ބްލޫޕްރިންޓެއް ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންތަކެއް ކްރައިމް ސީނެއްގައި ހަރަކާތްތެރިވަނީ -- ފައިލް ފޮޓޯ

ފުލުހުންތަކެއް ކްރައިމް ސީނެއްގައި ހަރަކާތްތެރިވަނީ -- ފައިލް ފޮޓޯ

ފުލުހުން ބުނެފައިވާ ގޮތުގައި، ހަސަން ނަސީމް މަސައްކަތް ކުރި ވޯކްޝޮޕުން ވެސް އޭނާގެ ގެއިން ފެނުނު ފަދަ އަމިއްލައަށް ހަދާފައި ހުރި ބަޑި ފެނުނެވެ. ނަމަވެސް، އޭނާ ބުނެފައިވާ ގޮތުގައި އެ ބަޑިތަކަކީ ސައިކަލު ދޮންނަން ގެންގުޅޭ ބަޑި އެވެ.

އެ ވޯކްޝޮޕްގެ މުވައްޒަފަކު ހެކިބަސް ދެމުން ބުނެފައި ވަނީ ހަސަން ނަސީމަކީ އުނދަގޫ، ކަވި މަސައްކަތްތައް ކުރަން އެނގޭ ހުނަރުވެރި މީހެއް ކަމަށެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ވާހަކައިން ވެސް އޭނާ އަކީ އެފަދަ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ހުރި މީހެއްކަން އެނގޭ ކަމަށެވެ.

ލ. ގަމުގައި ހަސަން ނަސީމް ދިރިއުޅުނު ގެ ވެސް ފުލުހުން ބަލައި ފާސްކޮށްފައިވެ އެވެ. އެ ގެއިން އެއްވެސް ހަތިޔާރެއް ނުފެނެ އެވެ. ނަމަވެސް އޭނާގެ ހަނގު އަނބި ދިރިއުޅޭ ލ. މާވަށު ގެއެއް ބެލި އިރު ބަޑި ހަދާނެ ގޮތުގެ ކުރެހުމެއް އެ ގޭގެ ކޮމްޕިއުޓަރުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އޭނާގެ ދަރިފުޅާއި ދޮންދަރިއަށް ވެސް ބަޑި ދިން ކަމަށް އެ ކުދިން ބުނާ ކަމަށާއި އޭނާގެ ހަގު އަނބި ރުޅިއައިސްގެން އެ ބަޑި ކުނި ގޮނޑަށް އެއްލާލީ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަތިޔާރުތައް ބޭނުންކުރެވޭ، ނުރައްކާތެރި

ފުލުހުން ބުނެފައިވާ ގޮތުގައި ހޯދި މެގަޒިން އާއި ވަޒަނާއި ބަޑި އެއްކޮށް ބޭނުން ކުރުމުން އެއީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވެ އެވެ. ފުލުހުން ވަނީ ސިފައިންނާ އެކު ދޫނިދޫގައި ބަޑި ޓެސްޓު ވެސް ކޮށްފަ އެވެ.

ޓެސްޓު ކުރި އިރު ވަޒަން ދަތުރު ކުރި ވެލޯސިޓީ ނުވަތަ ބާރުމިނަކީ ސިކުންތަކު 180 މީޓަރު ކަމަށް ސިފައިންގެ މާހިރު ހެކިބަސް ދެއްވަމުން ވިދާޅުވި އެވެ. އަދި އެއް ފިލާ ފަހަތުގައި އެެހެން ފިލައެއް ބަހައްޓައިގެން 25-20 މީޓަރު ދުރުން ޓެސްޓު ކުރި އިރު ބޯމިނުގައި ހަ މިލިމީޓަރު ހުންނަ ފިލާ ފޫއަޅުވާލާފައި ވަޒަން ދިޔަ ކަމަށް ވިދާޅުވި އެވެ.

އެ ބަޑިތައް ފަޔަ ކުރެވޭ ކަމަށާއި، އެ އެއްޗެހި އުފައްދާފައި ވަނީ ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ އެސްއެސް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ ގެއިން ފެނުނު ބޮން އޮތީ ފުރިހަމަނުކޮށް ކަމަށާއި ފުރިހަމަކޮށްފި ނަމަ އޭތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށެވެ. އޭތި ފުރިހަމަކޮށް ބަޑިބޭސް ބޭނުންކޮށްގެން ގޮއްވިދާނެ ކަމަށާއި ފައިން އެރިއްޖެ ނަމަ ވެސް ގޮވާފާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު: ބަޑި ގެންގުޅުނު މައްސަލައިގެ އަޑުއެހުމެއް މިއަދު އެ ކޯޓުގައި އޮންލައިންކޮށް ބާއްވާފައިވޭ -- ފޮޓޯ: މިހާރު

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު: ބަޑި ގެންގުޅުނު މައްސަލައިގެ އަޑުއެހުމެއް މިއަދު އެ ކޯޓުގައި އޮންލައިންކޮށް ބާއްވާފައިވޭ -- ފޮޓޯ: މިހާރު

ދައުލަތުން ވަކީލުން ހަމަޖައްސައިދެނީ

ހަސަން ނަސީމާއި މޫސާ ޔޫސުފް މިއަދު ޝަރީއަތުގައި ބުނެފައި ވަނީ އެ މީހުންނަށް ދީފައިވާ ލިޔުންތައް ސާފު ނުވާ ކަމަށެވެ. އަދި ލިޔުންތައް ދައްކައި އޭގައި ހުރި ފޮޓޯތަކުން ވެސް އެއްޗެހި ވަކިކުރަން ނޭނގޭ ކަމަށް އެ ދެ މީހުން ބުންޏެވެ. އަލުން އެ ލިޔުންތައް އެ ދެ މީހުންނަށް ދޭން ޝަރީއަތުން 14 ދުވަހުގެ މުއްދަތެއް ދެއްވި އެވެ.

އޭގެ އިތުރުން އެމީހުން ބުނެފައި ވަނީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެހެންކަމުން، ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމަށް ދެ މީހުން ވެސް އެދުނެވެ. އެ ދެ މީހުންނަށް ވަކީލުން ހަމަޖައްސަން ޝަރީއަތުން ދެއްވީ 30 ދުވަހުގެ މުއްދަތަކެވެ. އަދި ވަކީލުން ހަމަޖެހުމުން ހުލާސާ ބަޔާނާއި ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކުރިން ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލި އެވެ. ނަމަވެސް އަލުން މައްސަލަ ބެލަން ފެށީ، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމައި އަލުން ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމުންނެވެ.