Roadha Mihaaru

ދެ މަސްތެރޭ ދެ މުބާރާތް އެމެރިކާ ކާމިޔާބުކޮށްފި

ވެގަސް (އޯގަސްޓް 2) - ފައިނަލުގައި މެކްސިކޯގެ މައްޗަށް 1-0 އިން ކާމިޔާބު ހޯދައި، އުތުރު އެމެރިކާގެ ފުޓްބޯޅަ މުބާރާތް، ކޮންކާކަފް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން އެމެރިކާ ހޯދައިފި އެވެ.

ދެ މަސްތެރޭ ދެ މުބާރާތް އެމެރިކާ ކާމިޔާބުކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

02 އޯގަސްޓް 2021

ވެގަސް (އޯގަސްޓް 2) - ފައިނަލުގައި މެކްސިކޯގެ މައްޗަށް 1-0 އިން ކާމިޔާބު ހޯދައި، އުތުރު އެމެރިކާގެ ފުޓްބޯޅަ މުބާރާތް، ކޮންކާކަފް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން އެމެރިކާ ހޯދައިފި އެވެ.

ގޯލްޑް ކަޕަކީ، ދެ މަސްތެރޭ އެމެރިކާއިން ހޯދި އެ ބައްރުގެ އިންޓަނޭޝަނަލް ދެ ވަނަ މުބާރާތެވެ. އުތުރު އެމެރިކާގެ ނޭޝަން ލީގުގެ ޗެމްޕިއަންކަން ޖޫން 6 ގައި އެމެރިކާ ހޯދީ ވެސް ފައިނަލުގައި މެކްސިކޯ ބަލި ކުރުމަށް ފަހު އެވެ.

ލަސް ވެގަސްގައި މިއަދު ކުޅުނު ފައިނަލު މެޗު އެމެރިކާ އިން ކާމިޔާބުކުރީ، މެޗު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ދެ ވަނަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. އެ ލަނޑު ޖެހީ މައިލްސް ރޮބިންސަން އެވެ.

މިއީ ގޯލްޑް ކަޕުގެ ޗެމްޕިއަންކަން އެމެރިކާ އިން ހޯދި ހަތް ވަނަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު މުބާރާތް ކާމިޔާބު ކުރީ 2017 ގަ އެވެ. އެ މުބާރާތުގެ ތާރީހުގައި މީގެ ކުރިން އެމެރިކާ އަށް ފައިނަލުގައި މެކްސިކޯ ބަލި ކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2007 ގަ އެވެ.

ޔޫރަޕުގައި ކުޅޭ އެމެރިކާގެ ގިނަ ކުޅުންތެރިންނަށް، އެ ޓީމުގެ ކޯޗު ގްރެގް ބާހާލްޓާ ފުރުސަތު ނުދެ އެވެ. މުބާރާތް ނިމޭއިރު ޔޫރަޕުގެ ސީޒަން ފެށެން ކައިރިވެފައި އޮންނާނެތީ އޭނާ ނިންމީ ޔޫރަޕުގައި ކުޅޭ ގިނަ ކުޅުންތެރިންނަށް ފުރުސަތު ނުދިނުމަށެވެ.

މުބާރާތަށް، އެމެރިކާ އިން އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނުނު 19 ކުޅުންތެރިންނަކީ އެމެރިކާގެ މޭޖާ ލީގުގެ ކުޅުންތެރިންނެވެ. ފައިނަލު މެޗުގައި މިއަދު ކުޅުނު ނުވަ ކުޅުންތެރިންނަކީ އެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ.

ސެޕްޓެމްބަރު މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ޔޫރަޕުގައި ކުޅޭ އެމެރިކާގެ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް ބާހާލްޓާ ވަނީ ބުނެފަ އެވެ.