ފީފާ ކްލަބް ވޯލްޑް ކަޕް ކުޅެމުންދާ މުއްދަތުގައި، ކޮންކާކަފް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ ގޯލްޑް ކަޕް ވެސް ފަށައިފި އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕް ކުޅެމުންދާ މުއްދަތުގައި، ކޮންކާކަފް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ ގޯލްޑް ކަޕް ވެސް ފަށައިފި އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 32 ޓީމު ބައިވެރި ކޮށްގެން މުޅިން އާ ފޯމެޓަކަށް ފަށާ ކްލަބް ވޯލްޑް ކަޕް މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް އެމެރިކާގައި ކުރިއަށް ދާއިރު، ގޯލްޑް ކަޕް ވެސް އެމެރިކާގައި މިއަދު ވަނީ ފަށައިފަ އެވެ. ގޯލްޑް ކަޕް ކުރިއަށް ދާނީ އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ.
ރާއްޖެ ގަޑިން ފަތިހު 5 ޖެހި އިރު ކްލަބް ވޯލްޑް ކަޕް ފަށާފައި ވާއިރު، ގޯލްޑް ކަޕް ފެށީ ހެނދުނު 7:15 ގައި މެކްސިކޯ އާއި ޑޮމިނިކަން ރިޕަބްލިކް ބައްދަލުކުރި މެޗުންނެވެ. މެކްސިކޯ ވަނީ މި މެޗުން 3-2 އިން މޮޅުވެފަ އެވެ. ގޯލްޑް ކަޕްގެ މެޗުތައް ފަށާނީ ރާއްޖެ ގަޑިން މެންދަމު 3 އާއި ހެނދުނު 7 އާ ދެމެދު އެވެ.
ކޮންކާކަފުން ކޮންމެ ދެ އަހަރަކުން، އެމެރިކާގައި ބާއްވާ މި މުބާރާތުގައި، އުތުރު އެމެރިކާ އާއި ސެންޓްރަލް އެމެރިކާގެ އިތުރުން ކެރީބިއަން ސަރަހައްދުގެ ގައުމުތައް ވާދަ ކުރެ އެވެ. މީގެ އިތުރުން އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް ދައުވަތު ދީގެން ވެސް މުބާރާތް ކުޅެފައިވެ އެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ސައުދީ އަރަބިއްޔާއަށް ވަނީ ފުރުސަތު ދީފަ އެވެ.
ގޯލްޑް ކަޕަކީ ކޮންކާކަފަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މުބާރާތެވެ. އެމެރިކާގެ ފްރޮންޓް އޮފީސް ސްޕޯޓްސް އިން ހާމަ ކުރާގޮތުގައި ގޯލްޑް ކަޕް ބާއްވާ އަހަރުތަކުގައި އެސޯސިއޭޝަންގެ ރެވެނިއު ކޮންމެ އަހަރަކު ވެސް މަދުވެގެން 100 މިލިއަން ޑޮލަރަށް އަރަ އެވެ. އެހެން އަހަރުތަކުގައި އާއްމުކޮށް ލިބެނީ 25 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.
ނަމަވެސް ކޮންކާކަފްގެ ބައެއް ގައުމުތަކުގެ ކުޅުންތެރިން ވަނީ ގޯލްޑް ކަޕްގެ ބަދަލުގައި ކްލަބް ވޯލްޑް ކަޕްގައި ކުޅެން ނިންމައިފަ އެވެ. މިއާ ގުޅިގެން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމަށެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާ ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރި މައުރީސިއޯ ޕޮޗެޓިނޯ ގޯލްޑް ކަޕާ ކުރިމަތިލަނީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުހިމަނަ އެވެ. ހަމަ އެއާއެކު އެންމެ ފަހުން އެ ޓީމު އަމިއްލަ ފަސްގަނޑުގައި ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗުން ވަނީ ތުރުކީ އާއި ސްވިޒަލެންޑް އަތުން ބަލިވެފަ އެވެ.
ކްލަބް ވޯލްޑް ކަޕާ ގުޅިގެން ގޯލްޑް ކަޕްގައި ނުކުޅޭނެ އެމެރިކާ ކުޅުންތެރިންގެ ތެރޭގައި، ބޮރޫޝިއާ ޑޯޓްމަންޑްގެ ޖިއޯ ރޭނާ އާއި ޔުވެންޓަސްގެ ޓިމް ވެއާ އާއި ވެސްޓަން މެކެނީގެ އިތުރުން، އޭސީ މިލާންގެ ކްރިސްޓިއަން ޕުލިސިޗް އާއި ޔޫނުސް މޫސާ ހިމެނެ އެވެ.