Roadha Mihaaru
އަފްގާން ރެފިއުޖީން ތުރުކީ ވިލާތަށް ޖަމާވަނީ

އަފްގާން ރެފިއުޖީން ތުރުކީ ވިލާތަށް ޖަމާވަނީ

22 ޖުލައި 2021

އަފްގާނިސްތާނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ތާލިބާންގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް އެ ގައުމުގެ ބޮޑު ބައެއް މިހާރު ގޮސްފައިވާ އިރު، ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ތުރުކީ ވިލާތަށް ދާ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.

އަފްގާނިސްތާނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ތާލިބާންގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް އެ ގައުމުގެ ބޮޑު ބައެއް މިހާރު ގޮސްފައިވާ އިރު، ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ތުރުކީ ވިލާތަށް ދާ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ތުރުކީ ވިލާތަށް ވަންނަ ރެފިއުޖީންގެ އަދަދު ވަނީ ދުވަހުން ދުވަހަށް އިތުރުވެފަ އެވެ. އެކަމުގެ ސަބަބުން ތުރުކީގެ ސިޔާސީ މަސްރަހު ހޫނުވެ، ތުރުކީ ސަރުކާރަށާއި އީރާނަށް ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިކަމުގައި އެންމެ ނުބައި ދައުރެއް އަދާ ކުރަނީ އީރާނުންނެވެ. ސަބަބަކީ، އީރާންގެ ބޯޑަރު ހުރަސްކޮށް ތުރުކީ ވިލާތަށް އަންނަ، އަފްގާނިސްތާނުގެ ރައްޔިތުން ތުރުކީ ވިލާތުގެ ބޯޑަރާ ހަމައަށް ފޯރާނީ، އީރާންގެ ތެރެއިން އެތައް ސަތޭކަ މޭލެއް ހުރަސްކޮށްފައި ކަމަށްވާތީ އެވެ.

އެހެންކަމުން ތުރުކީ ވިލާތުގެ ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އީރާނުގެ ތެރެއިން، އެހާ ދިގު ރާސްތާއެއް ހުރަސްކޮށް ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު، ތުރުކީ ވިލާތުގެ ބޯޑަރު ކައިރި އަށް ދާ އިރު، އީރާންގެ ސަލާމަތީ ފަރާތްތަކަށް ނޭނގި އެކަމެއް ނުކުރެވޭނެ އެވެ. އަދި ރެފިއުޖީންނަށް ތުރުކީ ވިލާތުގެ އިމުގެ ތެރެއަށް ވަދެވެނީ ތުރުކީ ވިލާތުގެ ބޯޑަރު ބެލެހެއްޓުން ދޯހަޅިކަމުން ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.

އަފްގާނިސްތާނުގެ ރެފިއުޖީން ތުރުކީ ވިލާތަށް އެތެރެވަނީ، އީރާނާއި ތުރުކީ ވިލާތް ގުޅޭ އިމާ ކައިރީގައި އޮންނަ، ތުރުކީ ވިލާތުގެ ވާން ޕްރޮވިންސްގެ ތެރެއިންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް މީހުން ފައިމަގުގައި ވެސް އަދި ބައެއް މީހުން ބޮޑެތި ލޮރީތަކުގައި ވެސް، ތުރުކީ ވިލާތަށް އެތެރެވެ އެވެ.

ތުރުކީ ވިލާތުގެ ބައެއް އާންމުން ބުނާ ގޮތުގައި، އީރާނުން އަންނަ ރެފިއުޖީންގެ މަންޒަރު ފެނުމުން ސިފަވަނީ، މީގެ ދެތިން އަހަރު ކުރިން ސީރިޔާގައި ހަނގުރާމަ އެންމެ ހޫނުވި ދުވަސްވަރު ސީރިޔާ އިން ތުރުކީ އަށް ރެފިއުޖީން އެތެރެވި މަންޒަރެވެ.

ބައެއް ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ އަދަދެއްގެ ރެފިއުޖީންނަށް ކޮންމެ އަހަރަކު ފުރުސަތު ދޭ ގައުމަކީ ތުރުކީ ވިލާތެވެ. ތުރުކީ ވިލާތުގެ ރަސްމީ ހިސާބުތައް ބުނާ ގޮތުގައި އެ ގައުމުގައި މިހާރު ވެސް އެކި ގައުމުތަކުގެ ހަތަރު މިލިއަނަށް ވުރެ ގިނަ ރެފިއުޖީން އެބަ ތިއްބެވެ. އޭގެ ތެރޭގައި ސީރިޔާގެ 3.6 މިލިއަން ރެފިއުޖީންނާއި، އަފްގާނިސްތާނާއި އިރާގާއި މިސްރާއި އެފްރިކާ އާއި އަރަބި އެހެން ގައުމުތަކުގެ އެތައް ލައްކަ ބަޔަކު ހިމެނެ އެވެ.

ތުރުކީ ވިލާތުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިހާރު އެވްރެޖް ގޮތެއްގައި، ދުވާލެއްގެ މައްޗަށް އެ ގައުމަށް އެތެރެވާ އަފްގާނިސްތާނު ރެފިއުޖީންގެ އަދަދަކީ 1،000-1،500 އެވެ. އެ މީހުން ބޮޑެތި ލޮރީ ފަދަ ތަކެތީގައި، މިނިވަންކަމާ އެކު އީރާންގެ ތެރެއިން ތުރުކީ ވިލާތުގެ ތެރެއަށް އެތެރެވޭ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވެ ފާޑުކިޔުން އިތުރުވުމާ ގުޅިގެން، ތުރުކީ ސަރުކާރުން މިހާރު ވަނީ، އީރާންގެ ބޯޑަރު ކައިރިއަށް، ސްޕެޝަލް ފޯސްގެ 500 ސިފައިން ފޮނުވައިފަ އެވެ.