Roadha Mihaaru
ދެ ގެސްޓުން 16 ގަޑިއިރު ކަނޑުމަތީ، ހާލު ރަނގަޅު

ގެއްލުނު ދެ ޓޫރިސްޓުން 16 ގަޑިއިރު ކަނޑުމަތީގައި، ހާލު ރަނގަޅު

25 ނޮވެމްބަރ 2016

އަދާރަން ޕްރެސްޓިޖް ވާދޫ ރިސޯޓު ކައިރި އަށް ރޭ އިރާކޮޅު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ޓޫރިސްޓުން 16 ގަޑިއިރު ފަހުން ފެނުނު އިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަދާރަން ޕްރެސްޓިޖް ވާދޫ ރިސޯޓު ކައިރި އަށް ރޭ އިރާކޮޅު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ޓޫރިސްޓުން 16 ގަޑިއިރު ފަހުން ފެނުނު އިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ޗައިނާގެ އެ ދެ ޓޫރިސްޓުން ގެއްލުނު ކަމުގެ މައުލޫމާތު ލިބުމުން، ރޭ 9:00 އިން ފެށިގެން ކޯސްޓް ގާޑުގެ ތިން އުޅަނދު ނުކުމެ، އެ މީހުން ހޯދުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އެންމެ ފަހުން އެ މީހުން ފެނުނީ މިއަދު މެންދުރު ފަހު 1:30 ހާއިރު، ވާދޫގެ ހުޅަނގުން 12 މޭލު ބޭރުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ޒުވާން ދެ ލޯބިވެރިން މޫދަށް ފޭބީ ޓްރާންސްޕޭރަންޓް ސީބެޑެއްގަ އެވެ. މެންދުރު ފަހު ސިފައިންނަށް އެ މީހުން ފެނުނު އިރު ވެސް ތިބީ އެ ސީބެޑުގެ މަތީގައި އޮށޯވެގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ފެނުނު އިރު އެ މީހުން ވާހަކަ ވެސް ދައްކާ. އެ މީހުންގެ ހާލު ރަނގަޅު،" މާ ބޮޑު ތަފްސީލެއް ނުދެއްވައި، އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އަދުނާން މުހައްމަދު ވިދާޅުވި އެވެ.

އެ މީހުން އޭޑީކޭ އަށް ގެންގޮސް، ހާލު ބަލާފައިވެ އެވެ. އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ގެއްލުމެއް ލިބިފައި ނުވާތީ، ވަރަށް އަވަހަށް ދޫކޮށްލި ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ދެ ޓޫރިސްޓުން ފުރަތަމަ ފެނުނީ އެ މީހުން ހޯދަން އެ ސަރަހައްދު މަތިން ބެލުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ އެއާ ވިންގުގެ ހެލިކޮޕްޓަރަކަށެވެ. އަދި ފެނުނުތާ ކުޑައިރުކޮޅެއް ފަހުން، އެ ސަރަހައްދަށް ކޯސްޓު ގާޑުގެ ލޯންޗެއް ގޮސް އެ މީހުން ސަލާމަތް ކުރި އެވެ.

މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ގެއްލުމާއި ގެނބިގެން މަރުވުން ފަދަ ތަފާތު ހިތާމަވެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އޭގެ ތެރޭގައި ޗައިނާގެ ޓޫރިސްޓުންގެ އަދަދު ނިސްބަތުން ގިނަ އެވެ.