Roadha Mihaaru
ކުޑަކުދިން އަލުން އާއިލާއާ ހަވާލުކުރުމަށް ކޮމިޓީއެއް

ދައުލަތުގެ ބެލުމުގެ ދަށަން ގެންދާ ކުދިން އަނބުރާ އާއިލާއާ ހަވާލުކުރުމަށް ކޮމިޓީއެއް އުފައްދަނީ

19 ޖުލައި 2021

އެކި މައްސަލަތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން، އެ ކުދިންގެ އާއިލާތަކާ އަލުން ހަވާލުކުރުމުގެ މަސައްކަތް ވިލަރެސްކޮށް، ލަފާދިނުމަށްޓަކައި ހާއްސަ ކޮމިޓީއެއް އުފައްދަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެކި މައްސަލަތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން، އެ ކުދިންގެ އާއިލާތަކާ އަލުން ހަވާލުކުރުމުގެ މަސައްކަތް ވިލަރެސްކޮށް، ލަފާދިނުމަށްޓަކައި ހާއްސަ ކޮމިޓީއެއް އުފައްދަން ނިންމައިފި އެވެ.

ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއްޔެ އާންމުކުރި "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިން ގެ އާއިލާއާ ހަވާލު ކުރުމާބެހޭ ގަވާއިދު" ގައި ވަނީ އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމާ ބެހޭ ކަންކަން ހިންގުމުގައި ޖެންޑާ މިނިސްޓްރީ އަށް ލަފާދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާނީ އެ ކޮމިޓީން ކަމަށެވެ.

މި ކޮމިޓީ އެކުލަވައިލާނީ ޖެންޑާ މިނިސްޓްރީން ކަމަށާއި ކޮމިޓީން ޖަވާބުދާރީ ވާންޖެހޭނީ ޖެންޑާ މިނިސްޓަރަށް ކަމަށް ވެސް ގަވާއިދުގައި ވެ އެވެ. އެ ކޮމިޓީގެ އިދާރީ ކަންކަން ހިންގައި، ބަލަހައްޓަން ޖެހޭނީ ވެސް ޖެންޑާ މިނިސްޓްރީންނެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިންގެ ތެރެއިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކުދިންނާއި ކުއްޖާ ހަވާލުކުރާ މީހާ އަކީ އެ ކަމަށް ޝަރުތު ހަމަވާ މީހެއް ކަން ނިންމުމަކީ މި ކޮމިޓީގެ މަސްއޫލިއްޔަތަކަށް ވާނެ އެވެ.

މުޅިއެކު ފަސް މެމްބަރުންގެ މި ކޮމިޓީގައި ތިބޭނީ ޖެންޑާ މިނިސްޓްރީގެ ފަރާތުން ކޭސް މެނޭޖްމަންޓުގެ އިސް މުވައްޒަފަކާއި ސޯޝަލް ސާވިސް ޑިޕާޓްމަންޓުގެ މުވައްޒަފަކާއި ގާނޫނީ ވަކީލަކާއި ސައިކޮލޮޖިސްޓެއްގެ އިތުރުން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ އިސް މުވައްޒަފެކެވެ. ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސެކްރެޓޭރިއޭޓެއް ވެސް މިިނިސްޓްރީން އައްޔަން ކުރަންޖެހޭނެ އެވެ.

މި ކޮމިޓީ އަށް އައްޔަންކުރާ މެމްބަރުންނަކީ ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް އެއްވެސް ގޮތަކުން ދީފައި ނުވާ ބައެއްތޯ ކަށަވަރުކުރަން ޖެހެ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކާ އާއިލީ ގުޅުމެއް ނެތް މީހަކަށް ވެސް ވާން ޖެހޭނެ އެވެ.

މި ހުރިހާ މެންބަރުން ވެސް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އިގުރާރު ވާން ޖެހެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އަލުން އާއިލާއާ ހަވާލުކުރާ ގަވާއިދު އެކުލަވައިލީ ދައުލަތުގެ އެ ކުދިންގެ މަސްލަހަތަށް ފައިދާ ހުރީ އާއިލާތަކާ އެކު އުޅެވޭނެ ހާލަތުގައި ކަމަށް ވާ ނަމަ، އަލުން ހަވާލު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި އާއިލީ މާހާއުލުގައި އުޅެބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގަ އެވެ.

މި ގަވާއިދުގެ ދަށުން ކުދިން އަލުން އާއިލާތަކާ ހަވާލުކުރުމުގައި ދައުލަތުންނާއި އާއިލާތަކުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.