Roadha Mihaaru
އިއްޔެ ޑީޕޯޓްކޮށްލި 168 މީހުންނަކީ އިންޑިއާގެ ބައެއް

ފޭކް ބުކިންގައި ރާއްޖެ އެތެރެވާން އުޅުނު 168 މީހުންނަކީ އިންޑިއާގެ ބައެއް

17 ޖުލައި 2021

ހޮޓަލެއްގައި ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް އިއްޔެ އަތުލައިގަތް 248 ބިދޭސީންގެ ތެރެއިން 168 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ. ފޭކް ބުކިންގައި ރާއްޖެ އެތެރެވާން އުޅެނިކޮށް ގިނަ ބަޔަކު ޑީޕޯޓްކޮށްލާފައިވާ ކަމަށް ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވި ނަމަވެސް އެއީ ކޮން ގައުމެއްގެ ބަައެއް ކަމެއް ވިދާޅެއް ނުވެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހޮޓަލެއްގައި ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް އިއްޔެ އަތުލައިގަތް 248 ބިދޭސީންގެ ތެރެއިން 168 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ. ފޭކް ބުކިންގައި ރާއްޖެ އެތެރެވާން އުޅެނިކޮށް ގިނަ ބަޔަކު ޑީޕޯޓްކޮށްލާފައިވާ ކަމަށް ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވި ނަމަވެސް އެއީ ކޮން ގައުމެއްގެ ބަައެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އެކަމަކު "ޓައިމްސް އޮފް އިންޑިއާ" ގައި ރިޕޯޓްކުރި ގޮތުގައި އޭގެ ތެރެއިން 168 މީހަކު ނިސްބަތް ވަނީ އިންޑިއާ އަށެވެ. އެއީ މެދު އިރުމަތީގެ ގައުމުތަކަށް ވަޒީފާ އަށް ދިއުމުގެ ކުރިން ރާއްޖޭގައި ކަރަންޓީނުވުމަށް އައި ބައެއް ކަމަށް ވެ އެވެ.

ރާއްޖޭގެ އިމިގްރޭޝަނުން އެ މީހުން މުމްބާއީ އަށް އަނބުރާ ފޮނުވައިލުމާއެކު، އެ އިން ކޮންމެ މީހެއްގެ އަތުން 1.5 ލައްކަ ރުޕީސް އަތުލައި ވަޒީފާ ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތް ހެދި މައްސަލަ އެ ގައުމުގެ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވެސް "ޓައިމްސް އޮފް އިންޑިއާ" ގައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ ފުލުހުން، ދެ އެޖެންޓަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވެ އެވެ.

މެދު އިރުމަތީގެ ގައުމުތަކަށް ދަތުރުކުރުމަށް އިންޑިއާ އިން ރާއްޖެ އަށް މީހުން އަންނަނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ އާއި އެ ގައުމުތަކާ ދެމެދު ސީދާ ދަތުުރުކުރުން މެދުކަނޑާލާފައި އޮތުމުންނެވެ.

މީގެ ކުރިން ވެސް އެތައް ބިދޭސީންނެއް މެދު އިރުމަތީގެ ގައުމުތަކަށް ވަޒީފާއަށް ދިއުމަށް ރާއްޖެ އައިސް ކަރަންޓީނު ވެފައިވެ އެވެ. އެ މީހުންނަށް ހާއްސަކޮށް ކަރަންޓީނު ޕެކޭޖުތައް ވެސް ހެދި އެވެ.

އިމިގްރޭޝަންގެ އާ ގަވައިދުގައިވާ ގޮތުން ރާއްޖެ އަށް އަންނަ ހުރިހާ ޓޫރިސްޓުން ވެސް ކުރިއާލައި ހޮޓެލް ބުކްކުރަން ޖެހޭނެ އެވެ. އަދި އަންނަ ހުރިހާ ޓޫރިސްޓުން ވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭނެ އެވެ.