Roadha Mihaaru
ތައުލީމީ ދާއިރާ ވަރަށް ބޮޑަށް ބަދަލުވެއްޖެ: މިނިސްޓަރު

ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އަތުވެއްޖެ: މިނިސްޓަރު

25 ނޮވެމްބަރ 2016

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ކާމިޔާބީ ފާހަގަ ކުރުމަށް އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތިން އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ތައުލީމީ ދާއިރާގެ ވަޒީރު ކަމުގައި މިދިޔަ ދުވަސްތަކުގައި ތަފާތު ތަޖުރިބާތަކެއް އަދި ތަފާތު މީހުންނާ އެކީގައި މަސައްކަތް ކުރެވިފައިވާ ކަމަށާއި އެ ހުރިހާ އެންމެން ވެސް ތައުލީމީ ދާއިރާ އަށް ދެމުން އަންނަ ސަމާލުކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި މަސައްކަތުގެ މާހައުލުގައި ކަމެއް އެނގުނު ކަމުގައި ވިއަސް އެކަމަކުން އަދި ނުފުދޭނެ އެވެ. އޭގެ ބަދަލުގައި އެކަމެއް ކޮށް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން އަހަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ހިންގި ދަސްވާރު ފަދަ ޕްރޮގްރާމްތަކުން އާއިލާތަކުގެ ގުޅުން ބަދަހިވެފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމްގެ ސަބަބުން އާއިލީ ގުޅުން ބަދަހިވެފައިވާ ކަމަށް އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އޮފީހެއްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ޝުކުރު އަދާކޮށް ސިޓީއެއް އަރުވައިފަ އެެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެކި އޮފީސްތަކުން ވެސް ވަނީ މި ތިން އަހަރުގެ ތެރޭގައި އެ ފަރާތްތަކަށް ހާސިލްކުރެވުނު ކަންތައްތަކާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިއްސާކޮށްފަ އެވެ. ސަރުކާރުގެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ކޭކެއް ވެސްމި ރަސްމިއްޔާތުގައި ފެޅި ވެ އެވެ.