Roadha Mihaaru
އަޔާދީތަކާފުލްގެ ސާޕްލަސްއަށް އެއްމިލިއަން ރުފިޔާ ބަހަނީ

އަޔާދީ ތަކާފުލް އިން ސާޕްލަސްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ބަހަނީ

12 ޖުލައި 2021

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 2018 ވަނަ އަހަރުގެ ސާޕްލަސްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 2018 ވަނަ އަހަރުގެ ސާޕްލަސްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފި އެވެ.

އެ ކުންފުނިން ވަނީ ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެކަމަށް އެދި ފޯމު ހުށަހަޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފަ އެވެ. އެއީ 2018 ވަނަ އަހަރު ހޯމް، ކޮންޓްރެކްޓާސް އޯލް ރިސްކު، ފަޔާ، މޮޓޯ، ބޯޓު ބިލްޑިން، ޕަބްލިކް ލައިބިލިޓީ، ޕްލާންޓް، މެޝިނަރީ އަދި އިކުއިޕްމަންޓް، މެޝިނަރީ ބްރޭކް ޑައުން، ގުރޫޕް ޕާސަނަލް އެކްސިޑެންޓް، ޕެސެންޖާ ލައިބިލިޓީ، ޕްރޮފެޝަނަލް އިންޑެމްނިޓީ އަދި ކާގޯ ތަކާފުލް ނަގާފައިވާ ކަސްޓަމަރުންނެވެ.

ސާޕްލަސް އަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ދޭ ފައިސާއިން ގާއިމުކުރާ "ބައިވެރިންގެ ފަންޑު" މެދުވެރިކޮށް ސީދާ ތަކާފުލްއާ ގުޅޭ ހަރަދުތައް އުނިކުރުމަށް ފަހު ބާކީ ފައިސާ އިންވެސްޓުކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާ އެވެ.

އަޔާދީ ތަކާފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ސާޕްލަސްގެ ފައިސާ ޖަމާކުރާނީ ޝަރުތު ހަމަވާ މީހުން ވެރިފައިކޮށްދީފައިވާ ބޭންކު އެކައުންޓަށް ކަމަށެވެ. އަދި އެކައުންޓެއް ނެތްނަމަ އަޔާދީ ތަކާފުލްގެ އޮފީހަށް ދިއުމުން ފައިސާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާޕްލަސްއަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ. މި ފޯމުތައް އޮންލައިކޮށް އަދި އަޔާދީގެ ކަސްޓަމާ ފްރޮންޓް އޮފީހުން ބަލައިގަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.