Roadha Mihaaru
ދަނޑުވެރިންނަށް އެލައިޑުން ކަވަރޭޖު ދެނީ

ގުދުރަތީ ކާރިސާތަކުން ދަނޑުވެރިންނަށް ލިބޭ ގެއްލުމަށް އެލައިޑުން ކަވަރޭޖް ދެނީ

20 މާޗް 2023

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލްއިން ދަނޑުވެރިންނަށް "ކްރޮޕް ތަކާފުލް"ގެ ނަމުގައި އިންޝުއަރެންސެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލްއިން ދަނޑުވެރިންނަށް "ކްރޮޕް ތަކާފުލް"ގެ ނަމުގައި އިންޝުއަރެންސެއް ތައާރަފްކޮށްފި އެވެ.

މި އިންޝުއަރެންސަކީ ދަނޑުވެރިންނަށް ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރި ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ގުދުރަތީ ކާރިސާއަކުން ގެއްލުން ލިބުމުން، ލިބުނު ގެއްލުމުގެ އިންވެސްމަންޓުގެ ބަދަލާއި ގެއްލުން ލިބުނު ތަކެތި ވިއްކައިގެން ލިބެން އޮތް ފައިދާގެ ވަކި މިންވަރެއް ބަދަލުގެ ގޮތުގައި ލިބޭނެ އެވެ.

އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން "ކްރޮޕް ތަކާފުލް" ތައާރަފް ކުރުމަށް ބޭއްވި ބައްދަލުވުމުގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން "ކްރޮޕް ތަކާފުލް" ތައާރަފް ކުރުމަށް ބޭއްވި ބައްދަލުވުމުގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ޕްލޭން ތައާރަފް ކުރެއްވުމަށް ފަހު އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ، ދަނޑުވެރިންނަށް ތައާރަފް ކުރި ޕްލޭނަކީ ދަނޑުވެރިންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށް ފަހު ތައާރަފް ކުރި ޕްލޭނެއް ކަމަށެވެ. މި ޕްލޭންގެ ދަށުން އަށް ބާވަތެއްގެ ތަކެެއްޗަށް ކަވަރޭޖް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އާއްމުކޮށް ހައްދާ ތަކެތި ކަމަށްވާ، ބަރަބޯ، ކަރާ، ފަޅޯ، ބަށި، ބަޓާނަޓް ފަދަ ބާވަތްތައް ހިމެނެ އެވެ.

"ދަނޑުވެރިންގެ ހިޔާލު ބެލުމަށް ފަހު މި ޕްލޭން ތައާރަފް ކޮށްފައި ވާނީ ވަރަށް ފަސޭހައިން އެޕްލައި ކުރެވޭ ގޮތަށް. ގިނަ ލިޔެކިޔުންތަކެއް ދަނޑުވެރިން ނުގެން ގުޅޭތީ ހަމައެކަނި އަޅުގަނޑުމެންގެ ފޯމު ޕޯޓަލަށް ހުށަހަޅަން ޖެހޭނީ. މި ފޯމުގައި ހުންނާނީ ދަނޑުވެރިކަން ކުރާ ތަނުގެ ބޮޑުމިނާއި، ދަނޑުވެރިކަން ކުރާ ބާވަތާއި ދަނޑުވެރިޔާ އާ ގުޅޭ މައުލޫމާތުތަކެއް. މި ވަގުތު ގުދުރަތީ ކާރިސާތަކަށް އެކަނި ކަވަރެޖް ފޯޜުކޮށްދިނަސް އޮތް ތަނުގައި ދަނޑުތަކަށް ގެއްލުން ލިބޭ އިތުރު ކަންތައްތަކަށް ވެސް ކަވަރެޖް ފޯރުކޮށްދެން އަޅުގަނޑުމެން ވިސްނަނީ." ފިރުޝާން ވިދާޅުވި އެވެ.

އެ ޕްލޭނާއި ގުޅޭ ގޮތުން އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތުމަތު ނިޒްމާ ވިދާޅުވީ މި ޕްލޭން ނަގާ ކަސްޓަމަރުންނަށް ގެއްލުމުގެ ބަދަލު ފަސޭހައިން ލިބޭނެ ކަމަށެވެ.

"ގެއްލުމުގެ ބަދަލު ކްލެއިމް ކުރަން، ލިބުނު ގެއްލުން ދައްކައިދޭ ފޮޓޯއަކާއި ރިޕޯޓެއް ހުށަހަޅަން ޖެހޭނީ. އެ ރިވިއު ކުރުމަށް ފަހު އަޅުގަނޑުމެން ބަދަލު ދޭނީ. މި ޕްލޭނަށް މިއަދުން ފެށިގެން ދަނޑުވެރިންނަށް އެޕްލައި ކުރެވޭނެ." ނިޒްމާ ވިދާޅުވި އެވެ.

"ކްރޮޕް ތަކާފުލް" އަކީ ދަނޑުވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތައާރަފް ކުރި ފުރަތަމަ ޕްލޭނެވެ.