Roadha Mihaaru
ބޮލީވުޑަށް ނުކުންނަން އުޅުމުން ފާޑުކީ ސިފަޔަށް: ރާދިކާ

ރާދިކާ ބޮލީވުޑަށް ނުކުންނަށް އުޅުމުން އެދުނީ ސިފަ "ރީތިކުރަން"

12 ޖުލައި 2021

ބޮލީވުޑަށް ނުކުންނަން މަސައްކަތް ފެށުމުން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އޭނާގެ ސިފަ އަށް ފާޑުކިޔައި، ތަރިއެއްގެ ކޮލިޓީ ނެތް ކަމަށް ބުނެ އެކަހެރިކުރަން މަސައްކަތްކުރި ކަމަށް ޒުވާން ބަތަލާ ރާދިކާ މަދަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑަށް ނުކުންނަން މަސައްކަތް ފެށުމުން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އޭނާގެ ސިފަ އަށް ފާޑުކިޔައި، ތަރިއެއްގެ ކޮލިޓީ ނެތް ކަމަށް ބުނެ އެކަހެރިކުރަން މަސައްކަތްކުރި ކަމަށް ޒުވާން ބަތަލާ ރާދިކާ މަދަން ބުނެފި އެވެ.

ދެހާސް އަށާރައިގައި ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ގެނެސްދިން "ޕަޓާކާ" އިން ބޮލީވުޑަށް ތައާރަފުވި 26 އަހަރުގެ ބަތަލާ އަކީ ކަލާޒް އިން 2014-2016 އަށް ގެނެސްދިން ސިލްސިލާ "މޭރީ އާޝިގީ ތުމް ސޭ ހީ" އިން މަޝްހޫރުވި ފަންނާނެކެވެ.

ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ރާދިކާ ބުނީ އޭނާ އަށް ފިލްމަކުން ފުރުސަތެއް ލިބުނީ އެއް އޮޑިޝަނުން އަނެއް އޮޑިޝަނަށް ދުވާތާ ދޮޅު އަހަރު ފަހުން ކަމަށެވެ.

"އޮޑިޝަންތަކަށްދާ ގިނަ ފަހަރުތަކުގައި ކުރިމަތިވި ފާކިޔުންތައް ވަރަށް ގިނަ. އިސްކޮޅެއް ނެތް ވާހަކަ އާއި ހަށިގަނޑުގެ ބައްޓަން ވަކި ގޮތަކަށް ހުންނަންޖެހޭ ވާހަކަ އާއި ބައެއް ގުނަވަންތައް ރީތިކުރަން ޕްލާސްޓިކް ސާޖަރީ ހަދަން ޖެހޭ ކަމަށް ވެސް އިންޑަސްޓްރީ ތެރެއިން ދިމާވި އެތައް ބަޔަކު ކުރިން ބުނެފައި އެބަހުރި،" ރާދިކާ ބުންޏެވެ.

އޭނާ ބުނީ އެއިން އެއްވެސް ވާހަކައަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށާއި އެކަމަކު ސިފައާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ ދޭތެރޭ ހިތްމަރުވާ ގޮތްވި ކަމަށެވެ.

"އެހެން ވިޔަސް އަހަރެން ގަބޫލުކުރީ އަހަންނަށް ރަނގަޅު ގޮތެއް ވާން އޮތިއްޔާ އެ ހިސާބަކަށް އަހަރެންގެ ތަގުދީރު އަހަރެން ގެންގޮސްދޭނޭ. އެހެންވީމަ ދޮޅު އަހަރު ވަންދެން މަސައްކަތެއް ނެތި ބޮޑު ސްޓްރަގަލްއެއްގެ ތެރޭގައި އުޅެން ޖެހުނަސް އެއްވެސް އިރެއްގައި އުންމީދު ގެއްލުވައެއް ނުލަން،" ރާދިކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވިޝާލްގެ ފިލްމުން ފުރުސަތު ލިބި، އެ ފިލްމު ރިލީޒްވުމާ އެކު ހުށަހެޅުންތައް ފަހުން ލިބެން ފެށި އެވެ.

"އެހެންވެ އެނގޭ ހިތްވަރު ދޫނުކޮށް ކުރިއަށްދާން މަސައްކަތްކޮށްފި ނަމަ ކޮންމެވެސް ހިސާބަކުން ނަސީބު އަތުގައި ހިފާނެކަން،" ރާދިކާ ބުންނެވެ.

ބަތަލާ ސާނިއާ މަލްއުތުރާ ވެސް މުހިއްމު ރޯލެއް ކުޅުނު "ޕަޓާކާ" އަކީ ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމަކަށް ނުވިޔަސް ކްރިޓިކުންގެ މެދުގައި މަގުބޫލު ފިލްމެކެވެ. އަދި ރާދިކާގެ އެކްޓިން އަށް ވެސް ތައުރީފު ލިބުނެވެ.

އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި ކުރީގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ ބޮލީވުޑަށް ނުކުތް ފިލްމު 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އާއި މިދިޔަ އަހަރު މަރުވި އިރުފާން ޚާންގެ ފިލްމު "އަނގްރޭޒީ މީޑިއަމް" ހިމެނެ އެވެ.

ރާދިކާގެ ކުރިއަށް އޮތް ފިލްމަކީ "ޝިއްދަތު" އެވެ. އޭގެ ކާސްޓްގައި މޯހިތު ރައިނާ، ޑަޔާނާ ޕެންޓީ އަދި ސަނީ ކޯޝަލް ހިމެނެ އެވެ.

މިދިޔަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި އެންތޮލޮޖީ ފިލްމު "ރޭ" ގެ ކާސްޓްގައި ވެސް ރާދިކާ ހިމެނެ އެވެ. އަދި އެ ޕްލެޓްފޯމުން މި މަހުގެ 23 ގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ފީލްސް ލައިކް އިޝްގް" އަކީ ވެސް ހުނަރުވެރި ބަތަލާ ފެންނާނެ އެއްޗެކެވެ.