Roadha Mihaaru
ސުޝާންތުގެ "ޕަވިތުރަ ރިޝްތާ" ގެ ކެރެކްޓާ ޝަހީރަށް

"ޕަވިތުރަ ރިޝްތާ" ގައި ސުޝާންތު ކުޅުނު ކެރެކްޓާ ޝަހީރަށް

16 ޖޫން 2021

މީގެ އަހަރެއް ކުރިން ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެކްޓިން ކެރިއަރުގެ ފެށުން ކަމަށް ޒީޓީވީގެ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގައި އޭނާ ކުޅުނު ކެރެކްޓާ އޭގެ ވެބް ސީރީޒްގައި ޝަހީރު ޝައިހް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އަހަރެއް ކުރިން ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެކްޓިން ކެރިއަރުގެ ފެށުން ކަމަށް ޒީޓީވީގެ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގައި އޭނާ ކުޅުނު ކެރެކްޓާ އޭގެ ވެބް ސީރީޒްގައި ޝަހީރު ޝައިހް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނީ މިދިޔަ އަހަރު ސްޓާ ޕްލަސް އިން ނިންމައިލި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ބަތަލަށް ސުޝާންތު ކުޅުނު މާނަވް ދޭޝްމުކްގެ ކެރެކްޓާ ހުށަހަޅާފައިވާ އިރު އޭނާއާ އެކު ބަތަލާގެ ރޯލު ކުޅެނީ ކުރިން ވެސް "ޕަވިތުރަ ރިޝްތާ" ގައި އަރްޗަނާ ދޭޝްމުކްގެ ރޯލު ކުޅުނު އަންކިތާ ލޯކަންދޭ ކަމަށެވެ.

މިހާރު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ އަންކިތާ އަކީ 2016 ހަމައަށް ސުޝާންތުގެ ލޯބިވެރިޔާ އެވެ. އެ ދެ މިހުން ދިމާވެ ލޯބީގެ ގުޅުމެއް އުފެދުނީ "ޕަވިތުރަ ރިޝްތާ" ގެ ސެޓުންނެވެ. ސުޝާންތާއި އަންކިތާ ވަކިވީ 2017 ގެ ފަހުކޮޅު ކައިވެނި ވެސް ކުރަން ތައްޔާރީތައް ވަމުން ދަނިކޮށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުބަހު ސުޝާންތު މަރުވިތާ މާ ގިނަ ދުވަހެއް ނުވަނީސް "ޕަވިތުރަ ރިޝްތާ" ގެ ވެބް ސީރީޒެއް ހަދަން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ނިންމީ ސުޝާންތަށްދޭ ޓްރިބިއުޓެއްގެ ގޮތުގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އޭގެ ނަމަކަަށް ހަމަޖައްސާފައި ވަނީ "ޕަވިތުރަ ރިޝްތާ 2.0" އެވެ. އަދި އެ ސްޓްރީމްކުރާނެ ކަމަށް ބެލެވެނީ ޒީ ނެޓްވޯކްގެ ޒީ5 އިންނެވެ.

ޖުމްލަ 1،424 އެޕިސޯޑާ އެކު ގެނެސްދިން "ޕަވިތުރަ ރިޝްތާ" އަކީ ޒީޓީވީން ޖޫން 1، 2009 އިން އޮކްޓޯބަރު 25، 2014 އަށް ގެނެސްދިން ވަރަށް ކާމިޔާބު ސިލްސިލާއެކެވެ. އެ ސިލްސިލާ ކުޅެމުން ދަނިކޮށް ބޮލީވުޑްގެ ފިލްމުތަކުން ފުރުސަތު ލިބެން ފެށުމުން ސުޝާންތު 2013 ގައި ފިލްމު "ކައި ޕޯ ޗޭ" ކުޅެން ސިލްސިލާ ދޫކޮށްލި އެވެ. އޭގެ ފަހުން މާނަވްގެ ރޯލު "ޕަވިތުރަ ރިޝްތާގައި ކުޅުނީ ހިތޭން ތޭޖްވާނީ އެވެ.

މީޑިއާރަކުން ބުނީ ވެބް ސީރީޒްގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އޭގެ އިތުރު ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. "ޕަވިތުވުރަ ރިޝްތާ 2" ވާނީ އެކްތާގެ ވެބް ސީރީޒެއްގައި ޝަހީރު މަސައްކަތްކުރާ ދެވަނަ ފަހަރަށެވެ. މިދިޔަ އަހަރު އެކްތާގެ އޯލްޓް ބާލާޖީން ގެނެސްދިން "ޕައުރަޕުރުޝް" ގެ ވަރުގަދަ ރޯލެއް ޝަހީރު ކުޅެފައިވެ އެވެ.

ސޮނީން ޓީވީން މިހާރު އަންނަނީ އޭނާ އާއި އެރިކާ ފެނާންޑޭޒް ކުޅުނު ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަމުންނެވެ. އޭގެ ޕްރޮމޯ ދައްކާތާ ގިނަ ދުވަސްތަކެއްވެފައި އިރު، ދައްކަން ފަށާނެ އިރެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ.