Roadha Mihaaru
"ޝަޝަންކް" އަކީ ސުޝާންތާ ބެހޭ ފިލްމެއް ނޫން

"ޝަޝަންކް" އަކީ ދަންޖެހިގެން މަރުވި ސުޝާންތާ ބެހޭ ފިލްމެއް ނޫން ކަމަށް އަންގައިފި

25 އެޕްރީލް 2021

މިހާރު ހަދަމުން އަންނަ ފިލްމު "ޝަޝަންކް" އަކީ މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތަށް ބިނާކޮށް ހަދާ ފިލްމެއް ނޫން ކަމަށް އޭގެ ޓީމުން ދިއްލީ ހައި ކޯޓަށް އަންގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ހަދަމުން އަންނަ ފިލްމު "ޝަޝަންކް" އަކީ މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތަށް ބިނާކޮށް ހަދާ ފިލްމެއް ނޫން ކަމަށް އޭގެ ޓީމުން ދިއްލީ ހައި ކޯޓަށް އަންގައިފި އެވެ.

އެކަން އެންގީ ސުޝާންތަށް ބިނާކޮށް ފިލްމު ހަދާތީ އޭނާގެ ބައްޕަ ކްރިޝްނާ ކިޝޯރު ސިންގް މިދިޔަ ހަފުތާގައި ކޯޓަށް ހުށަހެޅި މައްސަލާގައި ސުޝާންތަށް ބިނާކޮށް ހަދާ ކަމަށް ބުނި ފިލްމުތަކުގެ ތެރޭގައި "ޝަޝަންކް" ވެސް ހިމެނޭކަން ފާހަގަކުރުމުންނެވެ. އެ މައްސަލާގައި ކޯޓުން ވަނީ ސުޝާންތުގެ އާއިލާ އިން ފާހަގަކުރި ތިން ފިލްމެއް ހަދާ މީހުންނަށް އެ ފިލްމުތަކާ ބެހޭ ތަފުސީލުތައް އަންނަ މަހުގެ 24 ގެ ކުރިން ކޯޓަށް ފޮނުވައިދިނުނަށް އަންގައި ނޯޓިސް ފޮނުވައިފަ އެވެ.

އެ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ޝަޝަންކް" ގެ އިތުރުން ޖޫން 11 ގައި ރިލީޒްކުރަން ނިންމައި، ޓްރެއިލާ ވެސް އާންމުކޮށްފައިވާ "ނިއާއޭ: ދަ ޖަސްޓިސް" ގެ އިތުރުން "ސުއިސައިޑް އޯ މާޑާ: އަ ސްޓާ ވޯސް ލޮސްޓް" އެވެ.

ސުޝާންތު.

ސުޝާންތު.

ކޯޓްގެ ނޯޓިހާ ގުޅިގެން "ޝަޝަންކް" ގެ ޑައިރެކްޓަރު ސަނޯޖް މިސްރާ ކޯޓަށް ފޮނުވި ލިޔުންތަކުގައި ބުނީ އޭނާގެ ފިލްމަކީ އެއްގޮތަކަށް ވެސް ސުޝާންތަށް ބިނޮށް ހަދާ ފިލްމެއް ނޫން ކަމަށާއި އެއީ ބޮލީވުޑްގެ އަނދިރި ފަރާތަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. އެގޮތުން ފިލްމުގައި ކިޔައިދޭނީ އެކްޓަރުންނަށްވާ މުމްބާއީ އަށް ގޮސް ފިލްމީ ދާއިރާއާ ގުޅޭ ހަތަރު ޒުވާނެއްގެ ވާހަކަ އާއި އެ މީހުންނަށް ކުރިއަށްދާން ކުރިމަތިވާ ހުރަސްތަކާއި މުމްބާއީގައި ދިރިއުޅެން ކުރިމަތިވާ ދަތިތައް ފިލްމުގައި ދައްކުވައިދޭނެ ކަމަށް ބުންޏެވެ.

އެހެންވެ "ޝަޝަންކް" ގައި ސުޝާންތާ ހަޔާތާ ނުވެސް ގުޅޭ އެތައް ކަމެއް ހިމެނޭނެ ކަމަށް ބުންޏެވެ. އެ ފިލްމުގެ ޓައިޓްލް ރޯލު ކުޅެނީ އަރިއާ ބައްބަރެވެ. އޭނާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ބައްބަރުގެ ދަރިއެކެވެ.

ސުޝާންތުގެ ބައްޕަ ދިއްލީ ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އާއިލާގެ ރުހުން ނެތި ސުޝާންތަށް ބިނާކޮށް ފިލްމު ހަދާތީ އާއި އޭގެ ސަބަބުން އާއިލާ އަށް ލިބެމުންދާ ގެއްލުންތަކަށް ބަދަލެއްގެ ގޮތުގައި ދެ ކްރޯޑް ރުޕީސް ނަގައިދޭން ވެސް އެދިފައިވެ އެވެ.

ސުޝާންތު އަމިއްލަ އަށް ދަންޖެހގެން މަރުވީ ޖޫން 14، 2020 ގަ އެވެ. އެ ދުވަސްވަރު އޭނާ އަށް ބިނާކޮށް ހަދަން ގިނަ ފިލްމުތަކެއް އިއުލާންކުރި އެވެ.