Roadha Mihaaru
ސުޝާންތުގެ ހަނދާނަށް "ޕަވިތުތަ ރިޝްތާ" ގެ ސީކްއެލްއެއް

ސުޝާންތުގެ ހަނދާނުގައި "ޕަވިތުތަ ރިޝްތާ" ގެ ސީކްއެލްއެއް

19 ޖުލައި 2020

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި، އޭނާ އެކްޓިން އަށް ނުކުތް މަގުބޫލު ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގެ ސީކްއެލްއެއް އޭގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި، އޭނާ އެކްޓިން އަށް ނުކުތް މަގުބޫލު ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގެ ސީކްއެލްއެއް އޭގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ހަދަން ނިންމައިފި އެވެ.

އެ ސިލްސިލާ އަކީ ޒީޓީވީން ޖޫން 1، 2009 އިން އޮކްޓޯބަރު 25، 2014 އަށް ގެނެސްދިން ސިލްސިލާއެކެވެ. "ޕަވިތުރަ ރިޝްތާ" އަކީ ސުޝާންތާއި އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންކިތާ ލޯކަންދޭ ލީޑް ރޯލް ކުޅުނު ސިލްސިލާއެކެވެ.

ނަމަވެސް 2013 ގެ ފިލްމު "ކައި ޕޯ ޗޭ" އިން ފުރުސަތު ލިބުމުން ސުޝާންތު ވަނީ ސިލްސިލާ ދޫކޮށްލައި، ފަހުން ޓީވީ ސިލްސިލާތައް ކުޅުން އެއްކޮށް ހުއްޓާލައިފަ އެވެ. އޭނާ ސިލްސިލާ ދޫކޮށްލުމުން، ކުޅެމުން ދިޔަ ކެރެކްޓާ މާނަވް ދޭޝްމުކްގެ ރޯލް ފަހުން ކުޅުނީ ހިތޭން ތޭޖްވާނީ އެވެ.

މީޑިއާތަކުން ބުނިގޮތުގައި "ޕަވިތުރަ ރިޝްތާ" ގެ ސީކްއެލްއެއް ހަދަން ނިންމައި، އެކްތާ މިހާރު ވަނީ އޭގެ ވާހަކަ ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާއާ ވެސް ހިއްސާކޮށްފަ އެވެ. އަދި އެކްތާ މިހާރު އަންނަނީ ސްކްރީން ރައިޓަރުންތަކަކާ ގުޅިގެން އޭގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތް ވެސް ރާވަމުންނެވެ.

އަންކިތާ އަކީ ވެސް މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ ބަތަލާއެކެވެ. އޭނާގެ އަލަތު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ. އަދި މި އަހަރުގެ މާޗްގައި ރިލީޒްކުރި "ބާގީ 3" ގެ ރޯލެއް ވެސް އަންކިތާ ކުޅެފައިވެ އެވެ.

ބޮލީވުޑަށް ނުކުމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު އެކްޓަރަކަށްވި ސުޝާންތު، 34، ދަންޖެހިގެން މަރުވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" މި މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާނެ އެވެ.