Roadha Mihaaru
ކޭންގެ ވަށައިގެން ބިނާކުރީ ތަށި ހޯދާނެ ޓީމެއް

ކޭންގެ ވަށައިގެން ބިނާކުރީ ތަށި ހޯދާނެ ޓީމެއް

11 ޖުލައި 2021

ލަންޑަން (ޖުލައި 11) - އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓަށް، ބޮޑު މުބާރާތެއްގެ ތައްޓެއް ނުލިބެ އެވެ. ކުރިން ޑިފެންޑަރަކަށް ކުޅުނު ސައުތުގޭޓަށް ހޯދުނީ ހަމައެކަނި އިނގިރޭސި ލީގު ކަޕުގެ ތައްޓެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އެސްޓަން ވިލާއާ އެކު 1996 ގައި އަދި މިޑްލްސްބަރާއާ އެކު 2004 ގައި އޭނާ ހޯދި އެވެ. އޭނާގެ ކެޕްޓަން ހެރީ ކޭން އަށް އެވަރު ވެސް އަދި ހާސިލު ނުވެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ޖުލައި 11) - އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓަށް، ބޮޑު މުބާރާތެއްގެ ތައްޓެއް ނުލިބެ އެވެ. ކުރިން ޑިފެންޑަރަކަށް ކުޅުނު ސައުތުގޭޓަށް ހޯދުނީ ހަމައެކަނި އިނގިރޭސި ލީގު ކަޕުގެ ތައްޓެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އެސްޓަން ވިލާއާ އެކު 1996 ގައި އަދި މިޑްލްސްބަރާއާ އެކު 2004 ގައި އޭނާ ހޯދި އެވެ. އޭނާގެ ކެޕްޓަން ހެރީ ކޭން އަށް އެވަރު ވެސް އަދި ހާސިލު ނުވެ އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށްލަން، ކޭން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ވެސް، ތަށި ހޯދާނެ ޕްލޭނެއް އެ ކްލަބުގައި ބިނާވެފައި ނެތުމެވެ. ނުވަތަ އެކަމަށް ސަމާލުކަންދީގެން ބިނާކުރާ ޕްރޮޖެކްޓެއް އެ ކްލަބުގެ ވަށައިގެން ނެތުމެވެ. އޭނާ ގެންދަން މެންޗެސްޓާ ސިޓީ އާއި ޗެލްސީން ތައްޔާރެވެ.

ކްލަބް ފުޓްބޯޅައިގައި ތައްޓެއް ހޯދުމުގެ ކުރިން ކޭން އަށް ތަށި ހޯދުމުގެ ފުރުސަތު މި އޮތީ ފަހިވެފަ އެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އާއި އެ ޓީމުގެ ބައެއް ކުޅުންތެރިން --- ފޮޓޯ: އޭޕީ

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އާއި އެ ޓީމުގެ ބައެއް ކުޅުންތެރިން --- ފޮޓޯ: އޭޕީ

އިންގުލެންޑާއި އިޓަލީ މިރޭ ކުޅޭ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުން، ކޭންގެ ކަރުގައި އަޅުވާލާ ފުރަތަމަ ޗެމްޕިއަން މެޑަލަށް ޔޫރޯ ހެދުމަށްޓަކައި، ސައުތުގޭޓް ވަނީ ކޭންގެ ވަށައިގެން ތަށި ހޯދާނެ ޓީމެއް ބިނާކޮށްފަ އެވެ.

ކޭން ވަނީ އިންގްލެންޑުގެ ގައުމީ ޓީމާއި ޕްރިމިއާ ލީގުގައި ޖެހި ލަނޑތަކަށް ބަލައި 200 ލަނޑަށް ވުރެ ގިނައިން ޖަހައިފަ އެވެ. ކޭން އަށް ޕްރިމިއާ ލީގު ގޯލްޑަން ބޫޓުގެ ތިން އެވޯޑް ލިބިފައިވެ އެވެ. ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ލިބިއްޖެ އެވެ. ނަމަވެސް އެއީ އޭނާ އަށް ހިތްހަމަޖެހުން ލިބޭ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބޭނުން ވަނީ ޓީމު ޓްރޮފީ އެކެވެ. އޭނާ ބޭނުން ވަނީ ޗެމްޕިއަނަކަށް ވާށެވެ. ސެމީ ފައިނަލުގައި އެކްސްޓްރާ ޓައިމްގައި ޑެންމާކު ކޮޅަށް ލަނޑު ޖަހައި އިންގްލެންޑް ފައިނަލަށް ގެންގޮސް ދިނުމަށް ފަހު، ކޭން އުފާފާޅުކުރި ގޮތުން އެކަމަށް ބޭނުންވެފައި ހުރި މިންވަރު ހާމަވެ އެވެ. ކޭން އެކަންޏެއް ނޫނެވެ. އޭނާ ވަށައިގެން ބިނާ ކޮށްފައި އޮތް ޓީމު އޮތީ ތައްޓަކަށް ބޭނުންވެފަ އެވެ. އިންގްލެންޑުގެ 26 ކުޅުންތެރިންގެ ތެރެއިން 20 ކުޅުންތެރިންނަކީ، އެ ކުޅުންތެރިންގެ ހަޔާތުގައި އަދި ޗެމްޕިއަނަކަށް ވާން ފުރުސަތު ލިބިފައި ނެތް ކުޅުންތެރިންނެވެ.

ކެޕްޓަން ކޭން އާއި ފިލް ފޯޑެން --- ފޮޓޯ: އޭއެފްޕީ

ކެޕްޓަން ކޭން އާއި ފިލް ފޯޑެން --- ފޮޓޯ: އޭއެފްޕީ

އޭގެ ތެރެއިން މިޑްފީލްޑްލައިންގައި ޑެކްލަން ރައިސް އާއި ކެލްވިން ޕިލިޕްސް އަކީ މި ފަހަރުގެ މުބާރާތުން ފެނުނު ޒުވާން ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ ހިތެވެ. މުބާރާތުގައި އިންގުލެންޑް ކުރިއަށް ދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިންނަކީ، ޖެހިލުން ކުޑަ މި ޒުވާން ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިންގެ ނަމުގައި ޔޫރަޕްގެ ކްލަބުގެ ލެވަލްގެ އެންމެ މެޗެއް ވެސް ނެތެވެ.

ނަމަވެސް އިންގްލެންޑާ ކުރިމަތިލި ޓީމުތަކުގެ މިޑްފީލްޑަރުންގެ ތެރެއިން ޓޯނީ ކްރޫޒް، ލުކަ މޮޑްރިޗް، މަޓޭއޯ ކޮވަސިޗް، ލިއޯން ގްރެޓްޒްކާ، ހޮޖްބިއާގް އަދި ޑިލޭނީގެ މެޑަލްތައް އެއްކޮށްލުމުން އެ ކުޅުންތެރިންގެ ނަމުގައި ޖުމްލަ 14 ޗެމްޕިއަންސް ލީގު މެޑަލް އެބައޮތެވެ.

ކުރިއަށް އޮތް ދެ ހަފުތާ ތެރޭ، 28 އަހަރު ފުރޭ ކޭން އަކީ ޓީމުގެ ޒުވާން ކުޅުންތެރިޔަކަށް ނުވިއަސް އޭނާގެ ކިބައިން މި މުބާރާތުގައި ފެނުނީ އެނަޖެޓިކް އެންމެ ޒުވާން ކުޅުންތެރިންގެ ކިބައިން ވެސް ފެންނާނެ ފެންވަރުގެ ކުޅުމެވެ.

ޑެކްލަން އާއި ކެލްވިން ފިލިޕްސް. --- ފޮޓޯ: ރޮއިޓަސް

ޑެކްލަން އާއި ކެލްވިން ފިލިޕްސް. --- ފޮޓޯ: ރޮއިޓަސް

ސްކޮޓްލެންޑާ ދެކޮޅަށް އިންގުލެންޑް ކުޅުނު މެޗަށް ފަހު، ފްރާންސްގެ އެންމެ ބޮޑު ކުޅިވަރު ނޫސް "ލެ ކީޕް" އިން ކޭން ސިފަ ކޮށްފައި ވަނީ "ދަ ގޯސްޓް" ގެ ނަމުންނެވެ. އެ މެޗުގައި 73 މިނެޓް ވަންދެން އޭނާ ކުޅުނު އިރު 19 ފަހަރަށް ބޯޅައިގައި ޖެހި އެވެ. މާގިނަ ރަންތަކެއް ނުނަގަ އެވެ. ގިނައިރު އުޅުނީ އާދައިގެ ހިނގުމެއްގަ އެވެ. ނަމަވެސް އޭނާ ވަށައިގެން ރީތި ފުޓުބޯޅައެއް ކުޅުނުކަން "ލެ ކީޕު" އިން ފާހަގަކޮށްފަ ވެއެވެ.

އިންގުލެންޑްގެ ކުޅުމުގެ ސިފަތަކާއި އެ ޓީމުގެ ޒުވާން ކުޅުންތެރިންގެ ކިބައިން ފެންނަމުންދާ ހަކަތައިން ޗެމްޕިއަން ޓީމެއްގެ އަސަރު އެ ޓީމުގައި އެބަހުއްޓެވެ. މި މުބާރާތަށް އިންގްލެންޑް ޓީމު ތައްޔާރު ކުރުމަށް ސައުތުގޭޓަށް ހޯދައިން ފުރުސަތަކާ އެކު މިއީ ޗެމްޕިއަނަކަށް ވުމަށް ޓާގެޓްކޮށް އިންގްލެންޑުގެ އެފްއޭ އިން ބިނާކުރި ޓީމެކޭ ބުނެވިދާނެ އެވެ. ހާއްސަކޮށް 2022 ގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދަން އިނގިރޭސި އެފްއޭ އިން އެކުލަވާލި މާސްޓާ ޕްލޭންގެ ފުރަތަމަ ކާމިޔާބަށް މި ފަހަރުގެ ޔޫރޯ، ވާން މުޅި އިންގްލެންޑް އޮތީ ބޭނުންވެފަ އެވެ. ގާތްގަނޑަކަށް 70 އަހަރު ތެރޭ އިންގްލެންޑުން ކުރިމަތިލާ ދެ ވަނަ ފައިނަލުގައި މިހާހިސާބަށް އައިސް އަތުން ދޫވެއްޖެ ނަމަ އެއީ ބޮޑު ނާކާމިޔާބަކަށް ނޫނީ ނުވާނެ އެވެ.

ފޯޑެން ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭއެފްޕީ

ފޯޑެން ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭއެފްޕީ

މިރޭގެ ފައިނަލު ކާމިޔާބު ކުރެވިއްޖެ ނަމަ ސްޕޯޓިންގެ ނަޒަރުން އަދި ކޮމާޝަލް ނަަޒަރުން ވެސް އިންގްލެންޑްގެ އެފްއޭ އަށް އާ އެޑްވެންޗާ އަކާ ހަމައަށް ވާސިލު ވެވޭނެ އެވެ. އިންގްލެންޑް ޓީމުގެ ސްކޮޑު ސިލެކްޝަން ޓެކްޓިކްސް އާއި ޓީމުގެ އޮތް މޫޑަށް ބެލާށެވެ. އިންގްލެންޑުން ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކާމިޔާބަށް ނޫނީ މި ޓީމު ބިނާކޮށްފައެއް ނެތެވެ.

އިޓަލީއާ ދެކޮޅަށް އިންގްލެންޑް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.