Roadha Mihaaru
ދެ ލައްކަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

ދެ ލައްކަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

07 ޖުލައި 2021

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ދެ ލައްކަ އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ދެ ލައްކަ އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މިއަދު ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހި 6،461 މީހުންނާ އެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު ވަނީ 206،245 އަށް އަރައިފަ އެވެ.

ފުރަތަމަ ޑޯޒް މިއަދު ޖެހި 213 މީހުންނާ އެކު މުޅި ޖުމްލަ މިހާތަނަށް 317،762 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ.

އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 44 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ މުޅި އާބާދީ އަށް ބަލާއިރު، މިއަދު ވެކްސިން ޖެހި މީހުންނާ އެކު އާބާދީގެ 41 ޕަސެންޓަށް ވަނީ ވެކްސިން ދީފަ އެވެ.

ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު އިތުރު ލައްކައެއް ހުރަސްކުރިއިރު، މި ހަފުތާގައި ވަނީ، މެދުކެނޑުމަކަށް ފަހު އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށައިފަ އެވެ. ރާއްޖޭގައި ގިނަ މީހުން ޖަހާފައި ވަނީ މި ވެކްސިނެވެ.

ކޮވިޝީލްޑް ވެކްސިން ހުސްވާން ފެށުމުން މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ހުއްޓާލި އެވެ. އޭރު، ދެ ވަނަ ޑޯޒް ޖެހިފައި ތިބީ މަދު ބައެކެވެ. ނަމަވެސް، އަލުން ވެކްސިން ޖަހަން ފެށީ، ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި 60،000 ޑޯޒް ލިބުމުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

މި ވަގުތު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދެމުން އަންނަނީ ފެބްރުއަރީ އަދި މާޗު މަހު ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އެކަންޏެވެ. އެއީ ޕޯޓަލް މެދުވެރިކޮށް އެޕޮއިޓްމަންޓް ދޫކޮށްގެންނެވެ.

ކޮވިޝީލްޑްގެ އިތުރުން ޗައިނާގެ ސިނަފޯމް ވެކްސިން ވެސް ރާއްޖޭގައި އަންނަނީ ޖަހަމުންނެވެ. އަދި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް، އެމެރިކާގެ ފައިޒާ ވެކްސިން ވެސް ޖަހައިދެ އެވެ. އިތުރު އެހެން ބައެއް ވެކްސިންތަކަށް ވެސް ހެލްތު މިނިސްޓްރީން ހުއްދަ ދީފައިވީ ނަމަވެސް އަދި ރާއްޖެ އަށް ލިބިފައެއް ނުވެ އެވެ.