Roadha Mihaaru
"ދަ ވޮއިސް" ގެ ދެ ކޯޗަކު ކައިވެނިކޮށްފި

"ދަ ވޮއިސް" ގެ ދެ ކޯޗަކު ކައިވެނިކޮށްފި

07 ޖުލައި 2021

ލަވަކިޔުންތެރިން އުފައްދާ، އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "ދަ ވޮއިސް" ގެ ކޯޗުންގެ ގޮތުގައި މަސައްކަތްކުރާ ބްލޭކް ޝެލްޓަން އާއި ގްވެން ސްޓެފާނީ ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލަވަކިޔުންތެރިން އުފައްދާ، އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "ދަ ވޮއިސް" ގެ ކޯޗުންގެ ގޮތުގައި މަސައްކަތްކުރާ ބްލޭކް ޝެލްޓަން އާއި ގްވެން ސްޓެފާނީ ކައިވެނިކޮށްފި އެވެ.

ސްޓެފާނީގެ އިންސްޓަގްރާމްގައި ވެސް ކައިވެނީގެ ފޮޓޯތަކެއް ޕޯސްޓްކޮށްފައިވެ އެވެ. ކައިވެނިކުރި ކަމަށް ބުނެފައި ވަނީ މި މަހުގެ 3 ގަ އެވެ.

ޝެލްޓަން އާއި ސްޓެފާނީ ކުރިން ވެސް ކައިވެނިތަކެއްކޮށްފައިވެ އެވެ. ކަންޓްރީ މިއުޒިކުން މަޝްހޫރުކަން ހޯދި މިހާރު އުމުރުން 45 އަހަރުގެ ޝެލްޓަން އެންމެ ފުރަތަމަ ކައިވެނިކުރީ 2003 ގަ އެވެ. އެ ކައިވެނި 2006 ގައި ރޫޅުމުން ދެވަނަ ކައިވެނިކުރީ 2011 ގަ އެވެ. ޝެލްޓަންގެ ދެވަނަ ކައިވެނި ރޫޅުނީ 2015 ގަ އެވެ.

އޭނާ އަކީ އެންބީސީގެ "ދަ ވޮއިސް" 2011 ގައި ފެށި ފަހުން އެ ޝޯގައި މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުން އަންނަ މީހެކެވެ. ސްޓެފާނީ އާއި ޝެލްޓަން ދިމާވީ ވެސް އެ ޝޯގެ ސެޓުން 2015 އެވެ. ޝެލްޓަން އެންމެ ފަހުގެ އަލްބަމަކީ މިދިޔަ މެއި މަހު ނެރުނު "ބޮޑީ ލެންގްއޭޖް" އެވެ.

"ނޯ ޑައުޓް" ބޭންޑް އުފެއްދުމުގައި ހިއްސާވި ސްޓެފާނީ އަކީ ކުރީގެ ކައިވެންޏަށް ތިން ދަރިން ވެސް ލިބިފައިވާ މީހެކެވެ. މިހާރު އުމުރުން 51 އަހަރުގެ ފަންނާނު 2002 ގައި ކުރި ކައިވެނި ރޫޅުނީ 2016 ގަ އެވެ.

ތިން ގްރެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ ސްޓެފާނީ އަލުން ކައިވެނިކުރި އިރު މިހާރު އަންނަނީ ފަސް ވަނަ ސޯލޯ އަލްބަމް ނެރެން ތައްޔާރުވަމުންނެވެ. އޭނާ އެންމެ ފަހުން ސޯލޯ އަލްބަމަކަށް ނެރުނީ 2017 ގެ "ޔޫ މޭކް އިޓް ފީލް ލައިކް ކްރިސްމަސް" އެވެ.