Roadha Mihaaru
ޖަޕާނުގައި ކިސަޑުގެ ސުނާމީގައި 80 މީހުން ގެއްލިއްޖެ

ޖަޕާނުގައި ކިސަޑުގެ "ސުނާމީ"ގައި 80 މީހުން ގެއްލިއްޖެ

05 ޖުލައި 2021

ބޯކޮށް ވާރޭ ވެހުމަށް ފަހު، ކުއްލި ގޮތަކަށް ފަރުބަދަމަތިން ފައިބައިގެން އައި ކިސަޑުގެ ބިޔަ ރާޅުބާނި، ޖަޕާނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ އަޓާމީގެ ތެރެއަށް ފެތުރިގެން ދިޔުމުގެ ސަބަބުން ތިން މީހަކު މަރުވެ 80 އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ބޯކޮށް ވާރޭ ވެހުމަށް ފަހު، ކުއްލި ގޮތަކަށް ފަރުބަދަމަތިން ފައިބައިގެން އައި ކިސަޑުގެ ބިޔަ ރާޅުބާނި، ޖަޕާނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ އަޓާމީގެ ތެރެއަށް ފެތުރިގެން ދިޔުމުގެ ސަބަބުން ތިން މީހަކު މަރުވެ 80 އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދަން ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާ އެ ސަރަހައްދުގެ މީހުން ސިފަކުރީ ފަރުބަދަމަތިން ފައިބައިގެން އައި ސުނާމީއެއްގެ ގޮތުގަ އެވެ. ކާރިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރާ އިދާރާގެ ޓީމުތަކުން މިހާރު ވެސް އަންނަނީ، ބޯ ކިސަޑުގެ ތެރޭގައި ވަޅުލެވިފައިވާ އެ ސަރަހައްދުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ވަރަށް ބާރު ދުވެއްޔެއްގައި ކިސަޑުތައް އެސަރަހައްދަށް ފައިބައިގެން ދިޔަ އިރު، ގިނަ އަދަދެއްގެ ގެތައް ހަލާކުވި އެވެ. ކިސަޑުތަކުގެ ތެރޭގައި ވަޅުލެވިފައި ހުރި ބައެއް ގެތަކުގެ ތެރެއިން، އިއްޔެ 13 މީހަކު ވަނީ ދިރި ތިއްބައި ސަލާމަތް ކޮށްފަ އެވެ.

"ކިސަޑުތައް ފައިބައިގެން އައީ ސުނާމީއެއްހެން. އެ ކިސަޑުތައް ފައިބައިގެން އައީ ބިޔަ ރާޅެއް އަންނަ ގޮތަށް، ވަރަށް ބާރު އަޑުފައްގަނޑަކާ އެކީ، އަދި އެ ކިސަޑުތައް ދަތުރުކުރި މަގުގައި ހުރި ހުރިހާ އެއްޗެއް ސުންނާފަތި ކުރަމުން. އެ ހުރިހާ ކަމެއް ހިނގައި ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި،" ކިސަޑުގަނޑުގެ ތެރޭގައި ވަޅުލެވުނު އަވަށުގެ ރައްޔިތެއް ކަމަށްވާ ޔޫޖީ ޝީމާ ސީއެންއެން އަށް ބުންޏެވެ.

އެ ސަރަހައްދުގެ އަލިފާން ނިއްވުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި މި ހާދިސާގައި 130 އަށް ވުރެ ގިނަ ގެ އެކުގައި ހަލާކުވި އެވެ.

ޝިޒޮއުކާ ޕްރޮވިންސްގެ ގަވަރުނަރު ހެއިޓާ ކަވަކަޓްސޫ ވިދާޅުވީ މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރައްވާނެ ކަމަށެވެ. ސަބަބަކީ، މީގެ ކުރިން އެފަދަ ހާދިސާއެއް ކުރިމަތިނުވާ އެ ސަރަހައްދުގައި މިފަހަރު އެގޮތް މެދުވެރިވީ، ފަރުބަދައިން ގިނަ އަދަދަކަށް ގަސްތައް ކެނޑުމުން ކަމަށް، ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ އެވެ.

ކިސަޑު ފޭބި ފަރުބަދައަކީ ގިނަ އަދަދަކަށް ބޮޑެތި ގަސްތައް ހެދިފައި ހުންނަ ބޯ ޖަންގައްޔެއް އޮންނަ ސަރަހައްދެކެވެ. ނަމަވެސް މިފަހަކަށް އައިސް ލަކުޑީގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން އަންނަނީ އެ ސަރަހައްދުން ގިނަ އަދަދެއްގެ ގަސް ކަނޑަމުންނެވެ.

ޖަޕާނަކީ އާންމުކޮށް ވެސް، ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ކޮންމެ އަހަރަކު ވެސް ކުރިމަތިވާ ގައުމެކެވެ. މިދިޔަ 10 އަހަރުގެ ތެރޭގައި، ކޮންމެ އަހަރަކު ވެސް، ކިސަޑު ފޭބުމުގެ އެވްރެޖްކޮށް 1،500 ހާދިސާ ހިނގާފައިވެ އެވެ. އެއީ އޭގެ ކުރީގެ 10 އަހަރާ އަޅައި ބަލާއިރު ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި ގިނަ އަދަދެކެވެ.