04 ޖުލައި 2021
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ގިނަ ދައުވާތަކެއް ކުރި އެވެ. ސާބިތު ވެއްޖެ ނަމަ 21 އަހަރު ޖަލުގައި ހުންނަން ޖެހޭ ވަރަށެވެ. އޭނާގެ ޝަރީއަތް މިހާރު ވެފައި އޮތީ، އާންމު މަސްލަހަތު ބޮޑު ޝަރީއަތަކަށް ވެސް ވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ގިނަ ދައުވާތަކެއް ކުރި އެވެ. ސާބިތު ވެއްޖެ ނަމަ 21 އަހަރު ޖަލުގައި ހުންނަން ޖެހޭ ވަރަށެވެ. އޭނާގެ ޝަރީއަތް މިހާރު ވެފައި އޮތީ، އާންމު މަސްލަހަތު ބޮޑު ޝަރީއަތަކަށް ވެސް ވެފަ އެވެ.
މި ސީރިއަސް މައްސަލަ ބައްލަވަނީ ފެމިލީ ކޯޓުގައި ކުރިން ހުންނެވި ގާޒީ ހަސަން ސައީދެވެ. އޭނާ އަކީ އެ ކޯޓުގައި ހުންނެވި އިރު، ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލެއްވި ކަމުގެ ތުހުމަތުގައި މަގާމުން ވަކި ކުރަން ޖޭއެސްސީން ނިންމި ގާޒީ އެކެވެ. ނަމަވެސް، 2019 ވަނަ އަހަރު، އޭނާ ވަކި ކުރުމުގެ ބަދަލުގައި މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް ކްރިމިނަލް ކޯޓަށް އޭނާ ބަދަލުކުރީ އެވެ.
ކްރިމިނަލް ކޯޓަށް ބަދަލު ކުރި ފަހުން ހަސަން ސައީދުގެ އަތަށް އަރަނީ ވެސް "ބޮޑެތި" މައްސަލަތަކެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއިގެ އެމްއެމްޕީއާރުސީގެ ކުރީގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްސަލަތައް ފަދަ މައްސަލަތަކެވެ. އަލީ ވަހީދުގެ މައްސަލަ ވެސް ދިޔައީ އޭނާގެ އަތަށެވެ!
ނަމަވެސް، ޝަރީއަތް ރަނގަޅަށް ނުފެށިގެން އުޅެނީސް އަލީ ވަހީދަށް ފުރުމުގެ ހުއްދަ ކޯޓުން ދިނެވެ. އަދި އޭގެ ފަހުން ވެސް، ސުވާލު އުފެދޭ އެތައް ކަންތައްތަކެއް އޭނާއާ އެއްކޮޅަށް ނިންމާފައިވެ އެވެ. އަދި، އިންސާފުން ޝަރީއަތް ހިނގާ ކަމާ މެދު ސުވާލު އުފެދޭ ހިސާބަށް އެކަން ހިނގައްޖެ އެވެ.
އަލީ ވަހީދުގެ މައްސަލައިގައި ހުރިހާ ކަޅިއެއް ހަސަން ސައީދަށް އަމާޒުވީ، ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އަލީ އެދިވަޑައިގަތުމުން، އޭނާގެ ޕާސްޕޯޓް ހަތަރު މަހަށް ދޫކޮށްލި ހިސާބުންނެވެ. ޕާސްޕޯޓް ދޫކުރަން އަމުރު ނެރުމުގެ ކުރިން އަލީ ވަހީދު ހުންނެވީ ޕީސީއާރް ޓެސްޓު ހައްދަވައި، ހުރިހާ ލިޔުމެއް ހަމަކޮށް، ފުރަން ތަންމަތި ބަންނަވައިގެންނެވެ. ހަމަ އަމުރު ނެރުމާ އެކު ފެނުނީ ފުރާވަޑައިގަތްްތަނެވެ. ހީވީ ކޯޓަށް ހާޒިރުވެ ވަޑައިގަތް އިރު ވެސް، ފުރައިގެން ދެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތް ހެންނެވެ.
އެކަމާ ހެދި އޭނާ "ފުރުވާލީ" ކަމަށާއި "މޭޒު ދަށުން" ޑީލް ނިންމާފައި އޮތް ކަމުގެ ތުހުމަތު ގާޒީ އަށް ކުރެވުނެވެ. ގާނޫނީ ގޮތުން ގޯސްތަކެއް ހުރި ކަމަށް ބުނެ ޕީޖީ އޮފީހުން ވެސް ދިޔައީ މައްސަލަ ޖައްސަމުންނެވެ.
ގާޒީ ހަސަން ސައީދު --. ފައިލް ފޮޓޯ: މިހާރު
ދެން ވެސް އެ ތުހުމަތުތަކަށް ލިބުނީ އިތުރު ބާރެވެ.
އަލީ ވަހީދު ފުރާ ވަޑައިގަތީ، ހަތަރު މަސް ތެރޭ އެނބުރި ވަޑައިނުގެންފި ނަމަ އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އަށް އަދަބު ލިބޭ ގޮތަށް އަސްއަދު ޖާމިނުކުރައްވައިފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން މީހަކު ޖާމިނުކޮށްފައި ދާއިރު އިރު، ޝަރުތުތަކާ ހިލާފު ވެއްޖެ ނަމަ ޖާމިނުވީ މީހާއަށް ފިޔަވަޅު އެޅޭނެ އެވެ. އެގޮތުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދުކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
ޖޫރިމަނާއެއް ކޮށްފި ނަމަ އެއީ އަޑުބަރޭ އަށް ފަސޭހައިން ދެއްކެވިދާނެ އެއްޗެކެވެ. އެހެންވެ، ހަތަރު މަސް ތެރޭގައި އަލީ ވަހީދު އަނބުރާ ވަޑައިނުގަތުމުން، ދަައުލަތުން އެދުނީ އަދަބެއްގެ ގޮތުގައި އަޑުބަރޭ އެއް އަހަރަށް ޖަލަށް ލައި ދިނުމަށެވެ. ނަމަވެސް، އަދި މިހާތަނަށް އަޑުބަރޭ އަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ. މިއީ އާދައިގެ މައްސަލައެއް ނަމަ ކޯޓުން ކުރި ޝަރުތަކާ ކަނޑައެޅިގެން ހިލާފުވި މީހަކަށް މިހާ މިނިވަންކަމާ އެކު އުޅެވޭނެވިދާނެތޯ، މިއީ ވަރަށް ބޮޑު ސުވާލެކެވެ.
ހަތަރު މަސް ހަމަވުމުން، ފުލުހުން މެދުވެރިކޮށް ދައުލަތުން މިހާރު ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. ނަމަވެސް، އެފަދަ އަމުރެއް ނެރެދިނުމާ މެދު ގޮތެއް ނުނިންމައި އެކަން "ޕާކު ކޮށްފައި" އޮންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އަލީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު، ހަތަރު މަސް ވަންދެން އޭނާގެ ހަބަރެއް ނުވެ އެވެ. އޭރު އޭނާގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓަށް ގެންދިޔަ ނަމަވެސް، އޭނާ އުޅުއްވި ތަނެއް ނޭނގޭތީ ޗިޓު ނުދެވި، އޭނާގެ މައްސަލަ ނުބޭއްވުނެވެ. އެއީ ޣައިރު ހާޒިރުގައި މައްސަލަ ނުބޭއްވޭނެތީ އެވެ. ސުޕްރީމް ކޯޓުގައި ވެސް އެ މައްސަލަ ނިމުނީ އެހެންނެވެ.
އަލީ ވަހީދުގެ މައްސަލަ އިސްތިއުނާފު ކޮށްފައިވާ ކަމަށާއި، އޭނާ ކޯޓަށް ހާޒިރު ނުކުރެވިގެން އުޅޭކަން ސުރުހީތަކަށް އަރައި، އާންމު މައުލޫމާތަކަށްވި އިރު ވެސް އޭނާގެ ހަބަރެއް ނުވެ އެވެ. އުޅުއްވީ އެއްބާލުން ނުދެއްވައި، ކޯޓުތަކަށް ފިއްލަވައިގެންނެވެ. އެކަމަކު ވެސް ކްރިމިނަލް ކޯޓުން އޭނާއަށް ލުއި ގޮތް ހަމަޖެހުން ހުއްޓުމަކަށް ނައެވެ.
އަލީ ވަހީދާއި، އޭނާގެ މައްސަލައިގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) -- މިހާރު ފައިލް ފޮޓޯ
ޕާސްޕޯޓު ދޫކޮށްލި މުއްދަތު ހަމަވުމުން، އަލީ ވަހީދު ވަނީ ކޯޓަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެދިވަޑައިގަތީ މީގެ ކުރިން ރާއްޖޭގެ ތާރީހުުގައި ވެސް ޝަރީއަތެއް ބާއްވާފައި ނުވާ ގޮތަކަށް އޭނާގެ ޝަރީއަތް ބާއްވައި ދިނުމަށެވެ. އެއީ އޭނާ ރާއްޖެ އަށް ވަޑައިނުގެން، ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތް ހިންގޭނެ ގޮތެވެ.
އެގޮތަށް ޝަރީއަތް ބާއްވައިފި ނަމަ، ގާނޫނީ ގިނަ މައްސަލަތަކެއް އުފެދުނަސް، ކްރިމިނަލް ކޯޓަށް އެކަން މައްސަލައަކަށް ނުވި އެވެ. ގާޒީ ހަސަން ސައީދު ނިންމެވީ، އޮންލައިންކޮށް ޝަރީއަތް ބާއްވައިދޭށެވެ. އަދި ޔޫކޭގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް އަލީ ވަހީދަށް ހަމަޖައްސަވައިދެއްވި އެވެ. އެގޮތަށް މިހާރު ވަނީ އެއް އަޑުއެހުން ބާއްވައިފަ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ޖިނާއީ މައްސަލައެއްގައި ކޯޓުގެ ބާރު ނުފޯރާ ތަނެއްގައި ޝަރީއަތެއް ބޭއްވި ފަހަރު ކަމަށް ދައުލަތުން ބުނެ އެވެ.
"ރިހާކުރުފުޅި ވަގަށް ނެގި މީހާ"ގެ މައްސަލައިގައި، އޭނާ ކޯޓަށް ހާޒރުކޮށް ޝަރީޢަތް ކޮށްފައި، އެހެން މީހަކު ވީމާ، ރާއްޖޭގެ އިޚްޠިޞާޞް ނުހިނގާ ތަނެއްގައި، ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށް ޝަރީޢަތް ކުރުން ރަނގަޅެއް ނޫނެވެ. އެއީ ޤއ ގެ 19 ގައި ބުނާ ހަމައެއް ނޫނެވެ.
— Hussain Shameem (@HuShameem) June 22, 2021
އަލީ ވަހީދުގެ ޝަރީއަތް ގެންދާ ގޮތާ މެދު ކަންބޮޑުވެ، ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއް --
ހައި ކޮމިޝަނަކީ ރާއްޖޭގެ ގާނޫނު ހިނގާ ރާއްޖޭގެ ބިމެއްގެ ގޮތުގައި ގާނޫނީ ގޮތުން ބެލެވުނަސް، ހަގީގަތުގައި އޭއީ ރާއްޖޭގެ ގާނޫނު ތަންފީޒުވާ ބިމެއް ނޫނެވެ. އެއްވެސް މީހެއްގެ މައްސަލަ އެތަނުގައި ބަލައި، އޭނާގެ މައްޗަށް ހުކުމެއް ކުރިޔަސް، އެކަން އެތަނުގައި ތަންފީޒެއް ނުކުރެވޭނެ އެވެ. އެތަނުގައި އޭނާ ނުހިފެހެއްޓޭނެ އެވެ. އޭނާ ބޭނުން ނަމަ ނުކުމެގެން ގޮސް މިނިވަން ކަމުގައި އުޅެވިދާނެ އެވެ. އެގޮތަށް ޝަރީއަތް ނުބޭއްވޭނެ ކަމަށް ދައުލަތުން ބުނާ މައިގަނޑު އެއް ސަބަބަކީ ވެސް އެއީ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުގައި ގާނޫނުއަސާސީ އާއި ގާނަޫނުތަކާ ހިލާފަށް ހަސަން ސައީދު އަމަލު ކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއް ޕީޖީ އޮފީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އެކަމަކު ގާޒީގެ މައްޗަށް އަދި އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް "މިހާރު"އާ ވާހަކަ ދައްކަވަމުން ފާހަގަ ކުރެއްވީ މި ޕޮއިންޓެވެ. އަލީ ވަހީދަށް މަންފާވާ ގޮތަށް، އިންސާފުން ބޭރުން ޝަރީއަތް ހިންގާ ކަމަށް ދޭހަވާ އެތައް ކަމެއް ހުރިކަން ފާހަގަ ކުރައްވައި، އޭނާގެ މައްސަލަ ނުބެލޭތީ އުޝާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ، މި މައްސަލަ ހިނގާފައިވާ ގޮތަށް ބަލާއިރު، ގާޒީ ހަސަން ސައީދަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މީގެ ކުރިން "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގެ ތެެއިން ---ފޮޓޯ: ނިޝާން އަލީ/މިހާރު
"އަލީ ވަހީދުގެ ޝަރީއަތުގައި އުސޫލުން ބޭރުން ވަރަށް ގިނަ ކަންތައްތަކެއް ހިނގާފައި ވަނީ،" އުޝާމް ވިދާޅުވި އެވެ.
"މި މައްސަލަ ހިނގާފައިވާ ގޮތަށް ބަލާއިރު ގާޒީއަށް ނުފޫޒު ފޯރާފައިވާ ކަމަށް ބެލެވޭ ސަބަބުތައް އެބަހުރި."
ޖޭއެސްސީ އެކުލެވިގެންވާ ގޮތުން އެތަނުގައި ސިޔާސީ މީހުންގެ ބާރު އެބަ އޮތެވެ. އެހެންވެ، އެއީ އޭރަކު ޖޭއެސްސީގެ މެޖޯރިޓީ އޮތް ބަޔަކަށް ގާޒީންނަށް ނުފޫރު ފޯރުވޭނެ ކަމެކެވެ. މި ގޮތަށް އެ ކޮމިޝަނު އެކުލަވާލާފައި އޮތްހާ ހިނދަކު ނުފޫޒު ފޯރުވާނެ ކަމަށް ބުނެ މީގެ ކުރިން ވެސް އުޝާމް ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.
.ގާނޫނާހިލާފަށް ފުރުވާލީ. މިހާރު ގާނޫނާހިލާފަށް ޝަރިއަތް ކުރިއަށް ގެންދަނީ. އެއް ގާޒީއެއް. ތަކުރާރުކޮށް ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާއިރުވެސް މިގާޒީގެ މައްސަލަ JSCއަށްވެސް ބެލޭކަމަކަށް ނުވި. ސިޔާސީ ފަރާތްތަކުގެ ނުފޫޒު ޖުޑީޝަރީގަ އޮތްހާ ދުވަހަކު އިންސާފު ގާއިމެއް ނުކުރެވޭނެ. https://t.co/y3vK9gkFwW
— Ahmed Usham (@a_usham) June 22, 2021
ޖޭއެސްސީއިން ހަސަން ސައީދުގެ މައްސަލަ ނުބަލާތީ އުޝާމް ކަންބޮޑުވުން ފާޅު ކުރައްވައި ކުރި ޓްވީޓެއް --
ގާނޫނު ކުރިމަތީގައި އެންމެނަކީ ހަމަހަމަ މީހުންނެވެ. ގާނޫނުން އެހެން މީހުންނަށް ނުލިބޭ މަންފާތަކަށް ވަކި ބަޔަކަށް ލިބުމަކީ ތަފާތު ކުރުމެކެވެ. ސިޔާސީ މީހުންނަށާއި އެހެނިހެން ގޮތްގޮތުން ބާރު ހުރި މީހުންނަށް އާދައިގެ މީހުންނަށް ލިބޭ ވަރަށް ވުރެ މިފަދަ މަންފާތައް ލިބޭ ވާހަކަ އަބަދުވެސް ދައްކަ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިވަގުތު ހުޅުމާލޭ އަމިން އެވެނިއުގެ ލަގްޒަރީ އެޕާޓްމެންޓެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދިޔުމަކީ ވެސް މިފަދަ އެއް މިސާލެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ގޭބަންދުގައި ހުންނަވައިގެން ޖަލު ހުކުމް ތަންފީޒު ކުރެއްވުން ވެސް މިސާލަކަށް ފުދެ އެވެ. އަލީ ވަހީދުގެ މައްސަލަ ވެސް މިވަނީ މި ލިސްޓަށް އަރައިފަ އެވެ.
"މި މައްސަލަ ފެށުނީއްސުރެ ހިނގަމުންދާ ގޮތް ބަލާއިރު މިއީކީ އިންސާފުވެރިކަމާ އެކީގައި ހިނގަމުންދާ ޝަރީއަތެއް ކަމަކަށް ގަބޫޫލެއް ނުކުރެވޭ،" އުޝާމް ވިދާޅުވި އެވެ.
"އާންމު ނިކަމެތި މީހާއަށް ނުލިބޭ އެތައް ލުޔެއް އަލީ ވަހީދަށް ލިބިފައިވޭ."
ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، މި މައްސަލައިގައި ވެސް އަދި ސިޔާސީ މީހުންނާ ގުޅޭ އެހެން މައްސަލަތަކުގައި ވެސް ވަރަށް ބޮޑެތި ތަފާތު ކުރުންތަކެއް ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. އެއްވެސް މީހަކާ މެދު، އާންމުކޮށް އަމަލު ކުރާ އުސޫލާ ހިލާފުކޮށް، މަންފާ ލިބޭ ގޮތަށް އަމަލު ކުރުމަކީ ގާނޫނުއަަސާސީއާއި ގާނޫނުތަކާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ، ބާރު ހުރި، މުއްސަނދި މީހުންނަށް ބައެއް ފަހަރު ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވާން ޖެހެއޭ ބުނެފައި އެ މީހުންނަށް އެބަ ލިބޭ ޕްރިވިލެޖެސް. އެކަމަކު ގާނޫނާއި ގާނޫނުއަސާސީއާ ހިލާފު ކަމަކަށްތާ އެކަން ވާނީ." ޝުނާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވަކި ބަޔަކަށް ތަފާތުކޮށް މައްސަލަތައް ހިނގާ ނަމަ ކޯޓުތަކާ މެދު އާންމުންގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
އަލީ ވަހީދުގެ މައްސަލައިގައި ހުރިހާ ކަމެއް ވެސް މިހާތަނަށް ހިނގާފައި އޮތީ އަލީ ވަހީދު ބޭނުންވާ ގޮތަށެވެ. ކޯޓުގެ އެންމެ ލުއި ހަމަތައް އޭނާއަށް ހުރީ ލިބިފަ އެވެ. މި ޑްރާމާ ކުޅެމުން މިދަނީ އެންމެ އާންމު މީހާ އަށް ވެސް ފެންނަ ގޮތަށް، އޭނާގެ ކުރިމަތީގަ އެވެ. މިއީ، އިންސާފުތޯ، އޭނާ ސުވާލު ކުރާނެ އެވެ.
އަޑުބަރޭއަށް ފިޔަވަޅު އަޅަންޖެހޭ: ހައި ކޯޓް
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އަލީ ވަހީދު ހައްޔަރުގައި ހުރުމުން ޝަރީއަތް ނުބޭއްވުނު
އަލީގެ ޕާސްޕޯޓް ހިފެެހެއްޓުމުގެ އަމުރެއް ނެރެނުދިން
އަލީގެ މައްސަލަ ނުބެލެނީ ސިޔާސީ ނުފޫޒާ ހެދި: އުޝާމް
އަލީ ވަހީދުގެ މައްސަލައިގައި ލިޔުންތައް ނުދޭ: ޕީޖީ
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ: ޕީޖީ
އަލީ ޝަރީއަތުގައި ބައިވެރިވަނީ އޮންލައިންކޮށް ޔޫކޭއިން
އަލީ ވަހީދުގެ ޝަރީއަތް އަންނަ ހަފުތާގައި ބާއްވަނީ
ފުރައްސާރަ އޮއްބާލި ފަނޑިޔާރަށް މިފަހަރުވެސް ހިމާޔަތް؟