Roadha Mihaaru
އަލީގެ މައްސަލަ ނުބެލެނީ ސިޔާސީ ނުފޫޒާ ހެދި: އުޝާމް

އަލީ ވަހީދުގެ މައްސަލަ ނުބެލެނީ ސިޔާސީ ނުފޫޒާ ހެދި، އެމްޑީޕީ ލަދު ގަންނަންޖެހޭ: އުޝާމް

22 ޖޫން 2021

ޖިންސީ ކުށުގެ ސީރިއަސް ދައުވާތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ނުބެލިގެން އުޅެނީ ސިޔާސީ ނުފޫޒާ ހެދި ކަމަށާއި އިންސާފޭ ކިޔައިގެން ވާހަކަ ދައްކަން އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ކުށުގެ ސީރިއަސް ދައުވާތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ނުބެލިގެން އުޅެނީ ސިޔާސީ ނުފޫޒާ ހެދި ކަމަށާއި އިންސާފޭ ކިޔައިގެން ވާހަކަ ދައްކަން އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެތައް ބައެއްގެ ހައްގު ހިމެނޭ މައްސަލައެއްގައި ބޮޑެތި ދައުވާތަކެއް ކޮށްފައި ވަނިކޮށް އަލީ ވަހީދު ރާއްޖޭން ބޭރަށް ދާން ކޯޓުން ހުއްދަ ދިނުމަށް ފަހު، އެ ދިން މުއްދަތުގައި ވެސް އެނބުރި ރާއްޖެ ނައިސް މިހާރު މަސައްކަތްކުރަނީ އިނގިރޭސި ވިލާތުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދާށެވެ. އެގޮތަށް ޝަރީއަތް ހިންގަން ކޯޓުން ނިންމި ނިންމުމާ ދެކޮޅު ހައްދަވައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދު ގާނޫނާ ހިލާފަށް ފުރުވާލީ ކަމަށާއި އެކަން ކުރެއްވީ އަދި ގާނޫނާ ހިލާފަށް ޝަރީއަތް ހިންގަވަނީ ވެސް އެއް ގާޒީއެއް ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާސީ ހަސަން ސައީދަށް އިޝާރާތް ކުރައްވައި އުޝާމް ވިދާޅުވީ އެ ގާޒީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ބެލޭ ކަމަކަށް ނުވި ކަމަށާއި ޖުޑީޝަރީގައި ސިޔާސީ ނުފޫޒު އޮތްހާ ހިނދަކު އިންސާފު ނުލިބޭނެ ކަމަށެވެ.

ޓްވީޓާ ގުޅޭ ގޮތުން އުޝާމް "މިހާރު" އަށް ވިދާޅުވީ އަލީ ވަހީދުގެ މައްސަލާގައި ގާނުނާ ހިލާފަށް އެތައް ކަމެއް ހިނގަމުން ދާއިރު އަދި އަނިޔާ ލިބުނު މީހުންނަށް އިންސާފު ނުލިބި އޮތް އިރު ވެސް އެއްވެސް މުއައްސަސާއަކުން ވެސް އެކަމާ ކަންބޮޑުވެގެން އުޅޭތަން ނުފެންނަ ކަމަށާއި ޖުޑީޝަރީ އިސްލާހުކޮށް އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވާ އެމްޑީޕީން އެ ވާހަކަ ނުދައްކާ ކަމަށެވެ.

ޖިންސީ ކުށުގެ ދައުވާތައް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. -- ފައިލް ފޮޓޯ/މިހާރު

ޖިންސީ ކުށުގެ ދައުވާތައް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. -- ފައިލް ފޮޓޯ/މިހާރު

ޖުޑީޝަރީ އިސްލާހުކުރުމުގެ ގޮތުން، ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން އެމްޑީޕީން ވައުދު ވިޔަސް އެކަން ވެސް ކުރަން ނޫޅޭ ކަމަށާއި އެ ކޮމިޝަނުގައި އެމްޑީޕީގެ ނުފޫޒު އޮންނަ ގޮތަށް ބާއްވައިގެން ތިބެނީ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އިންސާފޭ ކިޔައިގެން ވާހަކަ ދައްކަން އެމްޑީޕީ ލަދު ގަންނަން ޖެހޭނެ. ޖުޑީޝަރީން ސިޔާސީ ނުފޫޒު ނައްތާލަން އެމްޑީޕީން މަސައްކަތެއް ނުކުރޭ،" ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ އުޝާމް ވިދާޅުވި އެވެ.

އުޝާމް އިޝާރާތްކުރެއްވީ އަލީ ވަހީދުގެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދާ ދެކޮޅަށް ޖޭއެސްސީ އަށް ހުށަހެޅި އެއްވެސް މައްސަލައެއްގައި އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވުމަށެވެ. ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އިރު އެ ކޯޓުގައި ހިނގި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުނު ކަމުގެ މައްސަލަ ހަސަން ސައީދާ ދެކޮޅަށް ބެލުމަށް ފަހު ޖޭއެސްސީން ނިންމީ ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށެވެ.

ބޭސްފަރުވާ އަށް އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކޯޓުން ދިނީ އަލީ ވަހީދުގެ އެކުވެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކޮށްފަ އެވެ. ކޯޓުން ދިން ހަތަރު މަސް ހަމަވުމުން އަލީ ވަހީދު ވަނީ އޭނާގެ ބޭސްފަރުވާ ނުނިމޭ ކަމަށް ވިދާޅުވެ އެކަން ކޯޓަށް އަންގައި އޮންލައިންކޮށް ޝަރީއަތް ބާއްވައިދޭން އެދިވަޑައިގެންފަ އެވެ. އޭގެ ފަހުން އިއްޔެ ފުރަތަމަ އަޑުއެހުން ބޭއްވި ނަމަވެސް ޕީޖީން ބުނެފައި ވަނީ އެގޮތަށް ޝަރީއަތް ނުހިންގޭނެ ކަމަށާއި ޖިނާއީ ދައުވާއެއް ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ހުރެގެން ކަމަށް ބުނެފަ އެވެ. އެއާ ހިލާފަށް ޝަރީއަތް ހިންގަން ނިންމާފައި ވާތީ ޕީޖީން ވަނީ އެ ނިންމުން އިސްތިއުނާފުކުރަން ނިންމައިފަ އެވެ. ނަމަވެސް އެކަމަށް ބޭނުންވާ ލިޔުންތައް ކޯޓުން ނުދޭ ކަމަށް މިއަދު މެންދުރު ފަހު ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.