Roadha Mihaaru
ރޭޕްގެ ދައުވާ އިން ސަލާމަތްވާނެކަން ޔަގީން: ޕާލް

ރޭޕްގެ ދައުވާ އިން ސަލާމަތްވާނެކަން ޔަގީން: ޕާލް

29 ޖޫން 2021

ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި މި މަހުގެ ކުރީކޮޅު ހައްޔަރުކޮށް، މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޕާލް ވީ ޕޫރީ އަމިއްލަ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި މި މަހުގެ ކުރީކޮޅު ހައްޔަރުކޮށް، މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޕާލް ވީ ޕޫރީ އަމިއްލަ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

އޭނާ އިންސްޓްގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އަސްލެއް ނެތް ތުހުމަތެއް ބޮލުގައި އަޅުވައި ބޮޑު ކުށްވެރިއަކަށް ހަދާފައިވާ ކަމަށެވެ. އަދި މިފަދަ ހާލަތެއް ދިމާވީ ބައްޕަ އާއި މާމަ ދާދި ފަހުން މަރުވެ، އެ ހިތްދަތިކަމުގެ ތެރޭގައި އުޅެނިކޮށް، މަންމަ ވެސް ކެންސަރުގެ ޝިކާރައަކަށްވެ، ބައްޔަށް ފަރުވާ ހޯދަން ފެށި ދަނޑިވަޅުގައި ކަމަށް ބުންޏެވެ.

"މިފަދަ ހިތްދަތި ވަގުތެއްގައި އަހަރެންގެ މައްޗަށް ތުހުމަތުތަކެއްކޮށް، ބޮޑު ކުށްވެރިއަޔަކަށް ހެދުމުން އަހަރެން މި ހުރީ ގޮތް ހުސްވެފައި. އަހަރެން މި ހުރީ ލިބުނު ހިތްދަތިކަމުގެ ވޭނުގެ ތެރޭގައި،" ޕާލް ބުންޏެވެ. "އެކަމަކު މި ދަނޑިވަޅުގައި އަހަންނާ އެކު ރައްޓެހިންނާއި ހެޔޮއެދޭ މީހުން ތިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި އަހަރެންގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން އެފަދަ ކަމެއް އަހަރެން ނުކުރާނެ ކަމަށް ގަބޫލުކުރާ މީހުންދޭ ލޯތްބާއި ސަޕޯޓަށްޓަކައި ޝުކުރުވެރިވަން."

ޕާލް ބުނި ގޮތުގައި އޭނާ އަށް އިންސާފު ލިބޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.

"އަހަރެން ގަބޫލުކުރަނީ ކޯޓުން އިންސާފު ލިބޭނެ ކަމަށް،" އޭނާ ބުންޏެވެ. "އަދި ހެޔޮ ދުއާކޮށް ދިނުމަށް އެދެން."

ފަސް އަހަރުގެ އަންހެން ކުއްޖަކު 2019 ވަނަ އަހަރުގެ ތެރޭގައި ރޭޕްކުރި ކަމަށް ބުނާ މައްސަލައެއްގައި ޕާލް ހައްޔަރުކުރީ މި މަހުގެ 4 ގަ އެވެ. އެ ކުއްޖާ އަކީ ޕާލް 2019-2020 އަށް ކުޅުނު ކަލާޒް ޗެނެލްގެ ޓީވީ ސިލްސިލާ "ބޭޕަނާ ޕިޔާރު" ގައި އަދިތީ ކިޔާ ކެރެކްޓާއެއް ކުޅުނު ކުޅުނު އެކްތާ ޝަރުމާގެ ދަރިފުޅެވެ. ޕާލް އެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތުކޮށް، މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އެކްތާގެ ކުރީގެ ފިރިމީހާ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްތާގެ ކުރީގެ ފިރިމީހާ ޕާލްގެ މައްޗަށް ތުހުމަތުކޮށް މައްސަލަ ހުށަހެޅީ އެކްތާ އާއި އޭނާއާ ދެމެދު ހުރި މައްސަލަތަކަކާ ހެދި، ދަރިފުޅު ނުބެލޭކަމުގެ އިލްޒާމު އެޅުވުމުގެ ގޮތުންނެވެ. އަދި އެކަމެއް ހިނގީ ދަރިފުޅު ގޮވައިގެން ސިލްސިލާގެ ޝޫޓިން އަށް ގޮސް އުޅުމުގެ ތެރޭގައި، ދަރިފުޅަށް އަޅާނުލައި ދޫކޮށްލާފައި ހުރިކަން ދެއްކުމުގެ ގޮތުންނެވެ.

ޕާލްގެ ދިފާއުގައި ވާހަކަ ދެއްކި ގިނަ މީހުންގެ ވާހަކަތައް ވެސް ހުރީ މި މޭރުމުންނެވެ. "ބޭޕަނާ ޕިޔާރު" ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ފަދަ އެތައް ބަޔަކު ޕާލް އަކީ އެހާ ދަށު ދަރަޖައިގެ އަަމަލެއް ކުޑަކުއްޖަކާ މެދު ހިންގާނެ މީހެއް ނޫން ކަމަށް ބުނެފައިވެ އެވެ.