Roadha Mihaaru
2،000 އެއްހާ ބަނގުރާ ފުޅި އާއި ދަޅު ނައްތާލައިފި

2،000 އެއްހާ ބަނގުރާ ފުޅި އާއި ދަޅު ނައްތާލައިފި

27 ޖޫން 2021

މަސްތުވާތަކެތީގެ 71 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 2،000 އެއްހާ ބަނގުރާ ފުޅި އާއި ދަޅު ނައްތާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސްތުވާތަކެތީގެ 71 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 2،000 އެއްހާ ބަނގުރާ ފުޅި އާއި ދަޅު ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން އެ ތަކެތި ނައްތާލައިފައި ވަނީ އިއްޔެ ދޫނިދޫގަ އެވެ.

މި މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހަޅިފައިވާ މައްސަލަތަކުގެ ތެރެއިން ހައި ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި، އެހެން ހުރިހާ ބަނގުރަލެއް އިއްޔެ ނައްތާލައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނައްތާލައިފައި ވަނީ 12 މައްސަލައެއްގައި ހިމެނޭ ހެކިތަކާއި މި އަހަރު ފައިލްކޮށްފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި އަދި ހަމަ މި އަހަރު ޕީޖީ އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗެވެ.

ފުލުހުން އިއްޔެ ދޫނިދޫގައި ނައްތާލި ބަނގުރާ ފުޅިތައް.-- ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން އިއްޔެ ދޫނިދޫގައި ނައްތާލި ބަނގުރާ ފުޅިތައް.-- ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ބުނީ ނައްތާލައިފައި ބަނގުރަލުގެ ތެރޭގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ ހުރި މައްސަލަތަކުގައި އެއްޗެހި ވެސް ހިމެނޭ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދާ ޓޫރިސްޓުންގެ އަތުން ނަގާފައިވާ ބަނގުރަލާއި ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެމްގޮސްފައިވާ ބަނގުރާ ވެސް ނައްތާލައިފައިވެ އެވެ.

ނައްތާލި ތަކެތީގެ ތަފުސީލު

- އެކި ބްރޭންޑްތަކުގެ 747 ބަނގުރާ ފުޅި

- 43 ޕެޓްފުޅި

- 1،110 ބިޔަރު ދަޅު

- 13 ބިޔަރު ޕެކެޓް

- ދެ ހަން ބިޔަރު

- ފަސް ލީޓަރުގެ 11 ފުޅި

- އެކި ލީޓަރުގެ 18 ފުޅި

- 45 އެހެނިހެން ތަކެތި

ނައްތާލައިފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕް، ކޮތަޅު، ނޫސް ކަރުދާސް، ކަރުދާސް ފޮށިގަނޑު، ދަބަސް، ލަގެޖް ފޮށި އަދި ތަށި ފަދަ ތަކެއްޗެވެ.