Roadha Mihaaru
ފަޅުރަށަކަށް ބަނގުރާ ހިފައިގެން ދަނިިކޮށް ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކާ އެކު ލޯންޗެއްގައި ފަޅުރަށަކަށް ދަނިކޮށް 10 މީހަކު ހައްޔަރުކޮށްފި

06 މާޗް 2024

މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިތަކެއް ހިފައިގެން ފަޅު ރަށަކަށް ދަނިކޮށް 10 މީހަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިތަކެއް ހިފައިގެން ފަޅު ރަށަކަށް ދަނިކޮށް 10 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ހިފައިގެން ފަޅު ރަށަކަށްދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އޮޕަރޭޝަން ހިންގީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މުލި ޕޮލިސް ސްޓޭޝަނާއި ކޮޅުފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކުރީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންނެވެ.

ފުލުހުން ބުނިގޮތުގައި، އެ މީހުން ހައްޔަރުކޮށް، ދަތުރުކުރި ލޯންޗާއި އެ މީހުން ގެންގުޅުނު ތަކެތި އަދި ހަށިގަނޑު ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެތި ވެސް ފެނިފައިވެ އެވެ. އަދި 35 ބަނގުރާ ފުޅި އޭގެ ތެރެއިން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ޖުމްލަ 10 މީހަކު ހައްޔަރުކުރިއިރު ފުލުހުން ބުނީ ލޯންޗު ބަލައި ފާސްކޮށް، އެ މީހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ތުހުމުގައި ވެސް އިތުރު މީހަކު ހައްޔަރުކުރި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 22-33 އަހަރާ ދެމެދުގެ މީހުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބައެއް މީހުން ދޫކޮށްލާފައިވާއިރު އެހެން މީހުންގެ ބަންދަށް ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އެކަމަކު މިހާރު ބަންދުގައި ތިބި މީހުންނާއި ދޫކޮށްލި މީހުންގެ އަދަދު ސާފެއް ނޫނެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.