Roadha Mihaaru
ނަޝީދުގެ އިންޒާރު؛ ބިރުވެރިކަމާއި ނާމާންކަން ބޮޑުވެއްޖެ

ނަޝީދުގެ އިންޒާރު؛ ބިރުވެރިކަމާއި ނާމާން ކަން ބޮޑުވެއްޖެ!

26 ޖޫން 2021

ރާއްޖެ އޮތީ ޓެރަރިޒަމްގެ ވަރަށް ބޮޑު ބިރުވެރިކަމެއްގައި ކަމަށް ވިދާޅުވެ، ކުރިއަށް އޮތްތާނގައި ގައުމަށް ދިމާވެދާނެ ގޮތް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހަންމަދު ނަޝީދު މިރޭ ސިފަކޮށްދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އޮތީ ޓެރަރިޒަމްގެ ވަރަށް ބޮޑު ބިރުވެރިކަމެއްގައި ކަމަށް ވިދާޅުވެ، ކުރިއަށް އޮތްތާނގައި ގައުމަށް ދިމާވެދާނެ ގޮތް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހަންމަދު ނަޝީދު މިރޭ ސިފަކޮށްދެއްވައިފި އެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް ގޮއްވާލި ބޮމުގައި ލިބުނު ޒަހަމްތަކަށް ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ނަޝީދު، ފުރަތަމަ ފަހަރަށް މިރޭ އާންމުކޮށް ވާހަކަފުޅު ދެއްކެވީ ވެސް ޓެރަރިޒަމްގެ މައްސަލަތަކާ މެދު އެވެ. އެމަނިކުފާނު އެ ވާހަކަފުޅު ދެއްކެވީ، އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން، މިރޭ އެ ޕާޓީގެ "ކްލަބް ހައުސް ހަރުގެ" ލޯންޗްކޮށްދެއްވަމުންނެވެ.

ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރު!

ނަޝީދު ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން އެކި ގޮތްގޮތަށް އަދި އެކި ތަކެތި ބޭނުންކޮށްގެން ގެއްލުން ދިނުމާއި އަނިޔާ ދިނުމުގެ ކަންކަން ކުރަމުން އައިސް މިހާރު ފެންނަނީ ވަރަށް ނުރައްކާތެރި ހިސާބަކަށް ގޮސްފައިވާ ތަން ކަމަށެވެ.

އެގޮތުން ކުށުގެ ވެށީގެ ތެރެއަށް ޓެކްނޮލޮޖީ ގޮތުން ކުރި ހޯދައިގެން ތިބި ބަޔަކު ވަދެ، ފިކުރީ ހަނގުރާމައަކަށް އެކަން ހަދާފައިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ވެސް މުޖުތަމައު ތެރޭގައި ދޭން ފަށާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާގައި ހަލާކުވެފައި އޮތް ސައިކަލެއް: ނަޝީދު ވިދާޅުވަނީ އަނދިރި ދުވަސްތަކެއް އެމަނިކުފާނަށް ސިފަ ވާ ކަމަށް-- ފައިލް ފޮޓޯ: މިހާރު

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާގައި ހަލާކުވެފައި އޮތް ސައިކަލެއް: ނަޝީދު ވިދާޅުވަނީ އަނދިރި ދުވަސްތަކެއް އެމަނިކުފާނަށް ސިފަ ވާ ކަމަށް-- ފައިލް ފޮޓޯ: މިހާރު

"އަޅުގަނޑުގެ ހިތަށް ފެންނަނީ ވަރަށް ވަރަށް އަނދިރި މަންޒަރެއް، އެއީ ޖާނުން ފިދާވުމުގެ ހަމަލާ އަޅުގަނޑުމެންގެ ތެރެއަށް އަންނަން ފެށުން. އަޅުގަނޑު ދެކޭ ގޮތުގައި އެކަން ވެސް އަޅުގަނޑުމެންގެ ތެރެއަށް އަންނާނެ ވަރަށް ބާރު އަވަސް ފިޔަވަޅުތަކެއް ނާޅާ ހިނދަކު،" ނަޝީދު ވިދާޅުވި އެވެ.

ހަމަލާއެއް ދިނުމަށް މީހަކު ޖާނުން ފިދާވުމުގެ ކުރިން އެ މީހާ ހަދައި ބޮމުގެ ޓެކްނޮލޮޖީ ދެނެގަނެގެން އެ ޓެކްނޮލޮޖީ ލިބިފައި ހުރި ފަރާތްތައް ހޯދައި އެ ފަދަ ހުރިހާ އެންމެން ގެންގޮސް ގެންގުޅެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ހިފައި ހައްޔަރު ކުރުމާއި ތަހުގީގުކުރުން އަދި ދައުވާ ކުރުމުގައި ވަކި ހަމަތަކެއް އަދި އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް މިހާރު މި ހިނގާ ޓެރަރިޒަމްގެ ކަންކަމަކީ 15 ދުވަހުގެ މުއްދަތެއް ޖަހާފައި ދޫކޮށްލައިގެން ތިބެވޭ ފަދަ ކަންކަމެއް ނޫން ކަން ފަނޑިޔާރުންނަށް އެނގެން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިބޭފުޅުން މި ކަންތައްތަކުގައި ވަަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. ގައުމަށް ދިމާވެގެން މި އުޅެނީ ކުޑަ ކަމެއް ނޫން. މިއަދު 15 ދުވަސް، 10 ދުވަސް 5 ދުވަސް ޖަހައި ދޫކޮށްފައި ހުރިހާ އެންމެން މަގުމަތީގައި ތިބެވޭ ގޮތް ހައްދަވައިގެން ނުވާނެ،" ފަނޑިޔާރުންނަށް އަމާޒު ކުރައްވައި، ނަޝީދު ވިދާޅުވި އެވެ.

ފަހަތު ފަޔަށް ބުރަ ނުވެ، ރައީސް ނިކުންނަވަން ޖެހޭ

ގައުމުގެ ތަރައްގީއަށްޓަކައި ބްރިޖު އެޅުމާއި ބޯހިޔާވެހިކަން ފޯރުކޮށްދިނުމާއި ދަރިންނަށް ކިޔަވައި ދިނުމާއި މަތީ ތައުލީމް ހާސިލް ކޮށްދިނުން ވަރަށް މުހިންމު ކަމަށާއި ނަމަވެސް ދިރިހުރުމާއި ސަލާމަތުން ހުރުމުގެ ހައްގު އެއަށް ވުރެ މާ ބޮޑުކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އެހެންކަމުން މިއީ ސަރުކާރުން އެއްގޮތަކަށް ވެސް ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތެއް ނޫން ކަމަށާއި ކުއްލިއަކަށް ގެންނަން ޖެހޭ ކަންކަން ވަރަށް ގިނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ޖަރުމަނުވިލާތުގައި

ނަޝީދު ޖަރުމަނުވިލާތުގައި

"އަޅުގަނޑު ދުވަހަކު ވެސް ހިތަކަށް ނާރަން އަޅުގަނޑަށް ވަކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރުކުރަން ޖެހިއްޖެއޭ ބުނުން. ނަަމަވެސް އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރާން ޖެހޭ ކަމެއް ކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ. "ވަރަށް ގިނަ ބަޔަކު ހިފައި، ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެގެން މި އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ."

އަޅުގަނޑު ދުވަހަކު ވެސް ހިތަކަށް ނާރަން އަޅުގަނޑަށް ވަކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރުކުރަން ޖެހިއްޖެއޭ ބުނުން. ނަަމަވެސް އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރާން ޖެހޭ ކަމެއް ކުރަން ޖެހޭނެ

ނަޝީދު ވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ވެސް އިލްތިމާސް އެއް ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ފަހަތު ފަޔަށް ބުރަވެވަޑައި ނުގަންނަވާ އެ ކަންކަން ކުރެއްވުން ކަމަށާއި ރާއްޖެ ސަލާމަތް ކުރައްވަން އެމަނިކުފާނު މިހާރު ނިކުންނަވަން ޖެހޭ ކަމަށެވެ.