Roadha Mihaaru
ކޮވިޑާ ހެދި ދަރިފުޅާ ބައްދަލުނުވެ ދޮޅު އަހަރު

ކޮވިޑާ ހެދި ދަރިފުޅާ ބައްދަލުނުވެ ދޮޅު އަހަރު

22 ޖޫން 2021

އޮސްޓްރޭލިއާގައި ހުރެފައި އިންޑިއާގައި ތިބި އާއިލާގެ ބަޔަކާ ބައްދަލުކުރަން ދިޔަތަނާ ކޮވިޑް-19 ގެ ސަބަބުން ބޯޑަރުތައް ބަންދުވެ، އިންޑިއާގައި ތާށިވި ފަސް އަހަރުގެ ކުއްޖަކު ދޮޅު އަހަރު ފަހުން އޮސްޓްރޭލިއާ އަށް ދެވޭ ގޮތް ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮސްޓްރޭލިއާގައި ހުރެފައި އިންޑިއާގައި ތިބި އާއިލާގެ ބަޔަކާ ބައްދަލުކުރަން ދިޔަތަނާ ކޮވިޑް-19 ގެ ސަބަބުން ބޯޑަރުތައް ބަންދުވެ، އިންޑިއާގައި ތާށިވި ފަސް އަހަރުގެ ކުއްޖަކު ދޮޅު އަހަރު ފަހުން އޮސްޓްރޭލިއާ އަށް ދެވޭ ގޮތް ވެއްޖެ އެވެ.

ޖޮހާނާ ކިޔާ ކުއްޖާ މިހާރު ހުރީ ސިޑްނީގައި މަންމަ ޑްރިސިއާ އެކު ކަރަންޓީނުގަ އެވެ. ދޮޅު އަހަރު ފަހުން ދަރިފުޅާ ބައްދަލުވުމުން އޭނާ ބުނީ އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށެވެ.

"މިހާރު ވެފައި ހުރި އުފާ ހަމަ ޔަގީނުން ވެސް ބަޔާންކޮދޭން ވަރަށް ދަތި،" ފިރިމީހާ ޑިލިންއާ އެކު އޮސްޓްރޭލިއާގައި ދިރިއުޅޭ ޑްރިސިއާ ބީބީސީ އަށް ބުންޏެވެ.

އޭނާ ބުނީ ދަރިފުޅު އަނބުރާ އެ މީހުންގެ ގާތަށް ގެންނަން ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތްކޮށް ކޮށްފައިވާނެ ކަމަށެވެ. އެކަމަކު ކޮވިޑްގެ ހާލަތު ބަދަލުވަމުން ދިޔަ ގޮތުން ކޮންމެ ފަހަރަކު ވެސް ކުރިމަތިވީ ނާއުންމީދާ ކަމަށް ބުންޏެވެ.

"އިންޑިއާގެ ހާލަތު ގޯސްވެގެން އޮސްޓްރޭލިއާ އޮތީ ފަހުން އިންޑިއާ އަށް ބޯޑަރު ބަންދުކޮށްގެން. އެހެންވެ ދަރިފުޅު އަނބުރާ އަހަރެމެންގެ ގާތަށް ގެންނަން މިހާތަނަށް ކުރި މަސައްކަތަކީ ވަރަށް އެހެން ކަހަލަ ހިތްދަތި ތަޖުރިބާއެއް،" ޑްރިސިއާ ބުންޏެވެ.

ދަރިފުޅާ އެކު ޑްރިސިއާ.

ދަރިފުޅާ އެކު ޑްރިސިއާ.

އޭނާ ބުނި ގޮތުގައި ދަރިފުޅު އިންޑިއާ އަށް ފޮނުވީ ދެ ފަރާތުގެ އާއިލާގެ މާމަ/ކާފައިންނާ ބައްދަލުކުރަން ދަރިފުޅު ބޭނުންވާ ވަރުންނެވެ. އެއީ ކެރެލާއަށެވެ.

"އަހަރެމެންނަކަށް ރަނގަޅަށް ނުކެވޭ. ނުއެއް ނިދޭ. ހުވަފެނުން ވެސް އަބަދު ވެސް ދަރިފުޅު ފެންނަނީ. އެހެންވެ މި ފާއިތުވި ދޮޅު އަހަރު ދިޔައީ ލޮލުން ކަރުނަ ނުހިކި،" ޑްރިސިއާ ބުންޏެވެ

ނަމަވެސް އެތައް ދުވަހެއް ފަހުން އެންމެ ފަހުން ދަރިފުޅަށް ސިޑްނީ އަށް ދެވޭ ގޮތްވީީ އިންޑިއާގައި ތާށިވެފައި ތިބި އޮސްޓްރޭލިއާގެ ދެމަފިރިއަކަށް އެ މީހުންގެ ގައުމަށް ދާން ލިބުނު ފުރުސަތުގެ ތެރެއިންނެވެ.

ޑިލިން އާއި ޑްރިސިއާ ދަރިފުޅާ އެކު.

ޑިލިން އާއި ޑްރިސިއާ ދަރިފުޅާ އެކު.

އެއީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން ޑްރިސިއާ އާއި ޑިލިން ގެންދިޔައީ އެ މީހުންނާ މުއާލަމާތްކޮށް، ދަރިފުޅު އެ މީހުންނާ ގެނެވޭނެ ގޮތެއްވޭތޯ ވާހަކަ ދައްކަމުންނެވެ. ހޯމަ ދުވަހު އެ މީހުން އޮސްޓްރޭލި އަށް ދިޔައީ ގަތަރުގެ މަތިންދާބޯޓެއްގަ އެވެ.

"އެ ދެ މީހުން ވަރަށް ރަނގަޅު. ދަރިފުޅާ ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައްކޮށް ދިނީ. ވަރަށް ޝުކުރުވެރިވަން ރައްކާތެރިކަމާ އެކު އަހަރެމެންނާ ހަމައަށް ދަރިފޅު ގެނެސްދިނީތީ،" ޑްރިސިއާ ބުންޏެވެ.

ކޮވިޑްގެ ސަބަބުން މިފަދަ އެތައް ހިތްދަތިކަމަކާ އެތައް ބަޔަކު ކުރިމަތިލާން ޖެހިފައިވެ އެވެ.