Roadha Mihaaru
ލޮކްޑައުންގައި ދަރިން ފޫހިނުކޮށް މެނޭޖްކުރާނެ ގޮތެއް

ލޮކްޑައުންގައި ދަރިން ފޫހިނުކޮށް މެނޭޖްކުރާނެ ގޮތެއް

26 މެއި 2021

މިހާރު އަބަދުވެސް އިވޭނީ ވަކި ވަގުތުތަކެއްގައި ނޫނީ ބޭރަށް ނުދެވޭނެ ވާހަކަ އެވެ. ގިނަ ވަގުތު ތިބެން މި ޖެހެނީ ހާސްކަމުގައި ގޭތެރޭގަ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މިހާރު އަބަދުވެސް އިވޭނީ ވަކި ވަގުތުތަކެއްގައި ނޫނީ ބޭރަށް ނުދެވޭނެ ވާހަކަ އެވެ. ގިނަ ވަގުތު ތިބެން މި ޖެހެނީ ހާސްކަމުގައި ގޭތެރޭގަ އެވެ.

ގިނަ ބެލެނިވެރިންނަކީ ވަޒީފާ އަދާކުރަން ކޮންމެވެސް ތަނަކަށް ދާ މީހުންނެވެ. ދަރިންނާ އެކު ހޭދަކުރަން ލިބޭ ވަގުތުކޮޅު ކުޑަވެ، އެ ކުދިންނަށް ދޭންޖެހޭ އަޅާލުން ކުޑަވެ އެވެ. ކޮވިޑް-19 ގެ ސަބަބުން ހާލަތު ބަދަލުވެ، އޮފީސް މަސައްކަތް ގޭގައި ކުރަމުން، ދަރިންގެ ކަންތައް ބެލުމަކީ ކުޑަ ކަމެއް ނޫނެވެ.

ލޮކްޑައުން އޭ ބުންޏަސް މިހާރު ބިރުގަނެ އެވެ. އެހާ ގިނަ ދުވަހު ގޭގައި ބަންދުވެފައި ތިބެން ޖެހުމުން، ދަރިންގެ ޝަކުވާތަކާއި ރުއިމުގެ އަޑާ ހުރެ ބައެއް މައިންނަށް ގޮތް ހުސްވާފަހަރު ވެސް އާދެ އެވެ.

ގިނަ މީހުންގެ ދެ ކުދިން ނުވަތަ ތިން ކުދިންނަށް ވުރެ ގިނައިން ތިބެ އެވެ. ލޮކްޑައުންއެއްގައި ދަރިންނާ އެކު ވަގުތު ހޭދަކުރަން ފަސޭހަ، އެކުދިން ވެސް ފޫހި ނުވާނެ ގޮތަކަށް ޝެޑިއުލް ރާވާލުން މުހިންމެވެ.

ކޮންމެ ދުވަހަކު ވެސް އެ ދުވަހަކު ކުރާނެ ކަންތައް، ފެންނާނެހެން ލިޔެފައި ބެހެއްޓުން ވެސް މިއީ ކުރެވިދާނެ ކަމެކެވެ. ލިސްޓު ހަދާ އިރު، އެ ލިސްޓުގައި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތަކާއި އޭގެތެރެއިން އެ ކުދިން ކޮންމެހެން ކުރަން ނުޖެހުނަސް މައްސަލައެއް ނެތް ކަންތައްތައް ފާހަގަކޮށްލާފައި ހުރުން މުހިންމެވެ. ލިސްޓު ހެދުމުގައި އެންމެ މުހިންމު ކަމެއް ގޮތުގައި ދެކެން ވާނީ، އޭގައި އެ ކުދިން ކުރާހިތްވާނެ ކަންތަކެއް ލިސްޓުގައި ހިމެނުމަށެވެ. ކެއުމާއި ނިދުމަށް ވަކި ގަޑިތަކެއް ހާއްސަކޮށްފައި އޮންނަން ވާނެ އެވެ.

ދުނިޔޭގައި މިހާރު ހިނގަމުން މިދާ ކަންކަމާ ބެހޭ ގޮތުން އެ ކުދިންނާ ސުވާލުކޮށް، އެނގޭވަރު އޮޅުންފިލުވާށެވެ. ހާލަތެއް މެދުވެރިވުމުން އެކަމުން އަރައިގަންނާނެ ގޮތް ކިޔައިދޭށެވެ. އޭރުން އެ ކުދިންގެ އަމިއްލަ ވިސްނުމުން ކަންކަމުގެ ހައްލު ހޯދާނެ ގޮތް ދަސްވާނެ އެވެ.

ދެ ކުދިންނަށް ވުރެ ގިނަ ކުދިން ތިބޭ ނަމަ، ހަގަށް ތިބޭ ކުދިންގެ ހުރިހާ ޒިންމާއެއް ދޮއްޓަށް ހުންނަ ކުއްޖާ އަށް ހަވާލުކޮށްފައި ބަހައްޓާށެވެ. އޭރުން ކުދިންގެ މެދުގައި ޖެހޭ ކޫސަނި ކުދި މައްސަލަތައް ހައްލުކުރުމުގައި އެހީއަކަށް ވާނެ އެވެ.

ގޭތެރޭގެ މަސައްކަތްތަކުގައި ދަރިފުޅު ބައިވެރިކުރާށެވެ. އެ ކުދިން ކުޅެން ގެންގުޅޭ އެއްޗިހި އެ ކުދިން ލައްވާ ނެގުމަށް އާދަކުރުވާށެވެ. ކޮޓަރި ސާފުކުރުން، ކެއުމަށް ފަހު ތަށި ދޮވުން ފަދަ ކުދިކުދި މަސައްކަތް އެ ކުދިން ލައްވާ ކުރުވާށެވެ.

މި ހުރިހާކަމެއް ހިމެނިގެން ދާއިރު، ދުވަހެއް ނިންމާލުމުގެ ކުރިން އާއިލާއެއްކޮށް ކުރެވޭނެ ކަމެއް ހިމަނާލުން މިއީ އެންމެ މުހިއްމު އެއް ކަމެވެ. އެކުގައި ނަށާލައި ލަވަ ކިޔައި ކުލަ ޖެއްސުން ނުވަތަ ކެއްކުން ފަދަ ކަމެއް ވެސް ރަނގަޅުވާނެ އެވެ.