Roadha Mihaaru
ކްރިމިނަލް ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންގެތެރޭ އާރިފް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ގާޒީ އާރިފް

20 ޖޫން 2021

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފް ހިމެނިވަޑައިިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފް ހިމެނިވަޑައިިގެންފި އެވެ.

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮތީ ހުޅުވާލައިފަ އެވެ. އެ މުއްދަތު ހަމަވީ މިއަދު އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ދެ މަގާމަށް ކުރިމަތިިލެއްވީ ގާޒީ އާރިފް ހިމެނިވަޑައިގަންނަވާ ގޮތުން ނުވަ ބޭފުޅެކެވެ. އޭގެ ތެރޭގައި ބައެއް މެޖިސްޓްރޭޓުން ވެެސް ހިމެނިވަޑައިގަންނަވަ އެވެ.

ގާޒީ އާރިފަކީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅާ އެވެ. އޭނާ އަކީ ކުރިން ވެސް ކްރިމިނަލް ކޯޓުގެ ގާޒީ ކަން ކުރެއްވި ބޭފުޅެކެވެ. އަދި އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެއްގެ ގޮތުގައި ވެސް އޭނާ ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އެވެ. ޖޭއެސްސީން އޭނާ ޑްރަގް ކޯޓަށް ބަދަލުކުރީ ކުއްލި ގޮތަކަށް 2018 ވަނަ އަހަރު އެވެ.

ކްރިމިނަލް ކޯޓުގައި އޭނާ ބޮޑެތި މައްސަލަތަކެއް ވެސް ބެއްލެވި އެވެ. އެގޮތުން ސިޔާސީ ބަައެއް ބޭފުޅުންގެ މައްސަލަތަކާއި މަރުގެ ބޮޑެތި މައްސަލަތައް ވެސް އޭނާ ބެއްލެވި އެވެ.

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާން ކުރިއިރު އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އިސްމާއިލް ރަޝީދު ދާދިފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އަމިއްލައަށް އެދިވަޑައިގެން، ޑްރަގް ކޯޓަށް ވަނީ ބަދަލުވެ ވަޑައިގެންފަ އެވެ.